ހދ. ކުޅުދުއްފުށިން ހިލަވެލި ބަރުކޮށްގެން އެ އަތޮޅު މަކުނުދުއަށް ދަތުރުކުރި ދޯންޏެއް އަޑިއަށް ހިނގައްޖެ އެވެ. ތިން މީހުނާ އެކު ދަތުރު ކުރި ދޯނީގެ އެއްވެސް މީހަކަށް މި ހާދިސާގައި ގެއްލުމެއް ނުލިބެ އެވެ.

އެމްއެންޑީއެފުން ބުނީ "ސީން" ނަމަކަށް ކިޔާ ދޯނި އަޑިއަށް ދިއުމުން ތިން ފަޅުވެރިން ސަލާމަތްވީ ޑިންގީއެއްގައި ކަމަށާއި އެމީހުން ތިބީ ހދ. ވައިކަރަދޫގައި ކަމަށެވެ.

އަށްޑިހަ ފޫޓުގެ ދޯނި އަޑިއަށް ގޮސްފައި ވަނީ ދަތުރުމަތީގައި ދޯންޏަށް ދިޔަވާން ފެށުމުން ޕަމްޕުން ހިއްކޭ ވަރަށް ވުރެ ބޮޑަށް ދިޔަވެ، ކޮންޓްރޯލް ނުވެގެން ކަމަށެވެ. ދޯނި އަޑިއަށް ދިޔައީ ހދ. ވައިކަރަދޫ ދެކުނު ކަނޑުއޮޅިއާ ދިމާލުން އިއްޔެ މެންދުރު 2:44 ހާއިރު އެވެ.

އަޑިއަށް ދިޔަ ދޯނި ހޯދުމުގެ މަސައްކަތް ސިފައިން ދަނީ ކުރަމުންނެވެ.