އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ.

މިއީ ހަތް އަހަރު ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

އދގެ އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގެން ތަގުރީރުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ނިއުޔޯކަށް ފުރާވަޑައިގެންނެވި އިރު، މިއަދަކީ ރާއްޖެ އދގެ މެމްބަރަކަށް ވީތާ 54 ފުރޭ ދުވަހެވެ.

ރައީސް އޮފީހުން ބުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އދގައި ތަގުރީރުކުރެއްވުމަކީ ފާއިތުވި ހަތް އަހަރުގެ ތެރޭގައި ބައިނަލްއަގުވާމީ މަސްރަހުގައި ރާއްޖެއަށް ކުރިމަތިވި ހުރަސްތަކަށް ނިމުމެއް ގެނުވައި، އަދި ރާއްޖެއާ އެހެން ގައުމުތަކާއި ޖަމިއްޔާތަކާ އޮތް ގުޅުން އިތުރަށް ފަދަހިކޮށްދޭނެ ކަމެއް ކަމަށެވެ.

ރައީސް ސޯލިހު ނިއުޔޯކަށް ވަޑައިގެން، އދގެ އާންމު މަޖިލީހަށް ވަޑައިގަންނަވާ އެހެން ގައުމުތަކުގެ ވެރީންނާއި އދގެ އެކި ޖަމާއަތްތަކުގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސް ސޯލިހު އދގެ 74 ވަނަ އާންމު މަޖިލީހުގައި ތަގުރީރުކުރައްވާނީ 24 ސެޕްޓެމްބަރު 2019 ގައެވެ.

ރާއްޖޭގެ ރައީސްކަމުގައި ހުންނެވި ބޭފުޅަކު އެންމެ ފަހުން އދގައި ތަގުރީރުކުރެއްވީ 2012 ވަނަ އަހަރުއެވެ. އޭރު ރައީސްކަމުގައި ހުންނެވީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ.