12 Nov 2011, 10:55
ސާކް ސަމިޓަށް ވަޑައިގެންނެވި ހެޑް އޮފް ސްޓޭޓުންގެ އަނބިއަނބި ކަނބަލުންގެ ޝަރަފުގައި ތޫނޑުގައި ހަދާފައިވާ ކަލްޗަރަލް ވިލެޖް، ސަގާފީ ހަރަކާތްތަކާއެކު މިއަދު ހަވީރު އާންމުންނަށް ހުޅުވައިލާ ގޮތަށް ހަމަޖައްސައިފި އެވެ.
ފުވައްމުލަކު ގައުމީ އިދާރާގެ ހިންގުމާއި ހަވާލުވެހުންނެވި އިބުރާހިމް ހުޒާމް މިއަދު ވިދާޅުވީ ކަލްޗަރަލް ވިލެޖް ބަލައިލާން ވަރަށް ގިނަ އަދެއްގެ ބަޔަކު އެދެމުންދާތީ މިއަދު ހަވީރު އާންމުކޮށް ހުޅުވައިލަން ނިންމީ ކަމަށެވެ. ސެންޓަރު މިއަދު ހުޅުވާލަނީ މެންދުރުފަހު 3:30 އިން ފެށިގެން ހަވީރު 6:00 އަށެވެ.
ހުޒާމް ވިދާޅުވިގޮތުގައި ކަލްޗަރަލް ވިލެޖްގައި ހަދާފައިވާ ސަގާފީ ގެތަކަށް ވަދެ، ތަކެތި ބަލައިލުމުގެ ފުރުޞަތު އާންމުކޮށް ހުރިހާ ފަރާތްތައްކަށް ދޭނެ އެވެ.
ސާކްސަމިޓަށް އައްޑޫސިޓީއަށް ވަޑައިގެންނެވި ހެޑް އޮފް ސްޓޭޓުންގެ އަނބިއަނބި ކަނބަލުންގެ ތެރެއިން އިއްޔެ ފުވައްމުލަކަށް ޒިޔާރަތްކުރައްވާފައި ވަނީ ސްރީ ލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އަނބިކަނބަލުން މެޑަމް ޝިރާންތި ރާޖަޕަކްސަ އާއި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ އަލީއެވެ. އެ ބޭފުޅުންގެ ޝަރަފުގައި ފުވައްމުލަކު ބަންޑާރަ ކިޅިއާއި ތޫނޑުގައި ތަފާތު ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔައިރު އާންމުގެ ގިނަ ބަޔަކު އެހެރަކާތްތައް ބަލައިލަން ބޭނުންވެގެން އެ ދެސަރަހައްދަށް ވަންނަން މަސައްކަތް ކުރިނަމަވެސް ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ ސަލާމަތީ ބާރުތަކުން ވަނީ އާންމުން އެއިން އެއްވެސް ސަރަހައްދަކަށް ވަނުމުގެ ފުރުސަތު ނުދީފައެވެ.