މިދިޔަ އޮކްޓޫބަރު މަހު މޯލްޑިވްސް އިންލެންޑް އޮތޯރިޓީ (މީރާ) މެދުވެރިކޮށް ދައުލަތަށް 298 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެ އޮތޯރިޓީގެ ހިސާބުތަކުން ދައްކައިފި އެވެ. އެއީ މި އަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް ލިބުނު އާމްދަނީ އަށް ވުރެ 232 މިލިއަން ރުފިޔާ މަދު އަދަދެކެވެ. ސެޕްޓެމްބަރު މަހު ލިބުނީ 530 މިލިއަން ރުފިޔާ އެވެ.

މީރާއިން އާންމުކޮށްފައިވާ އެ އޮތޯރިޓީގެ އޮކްޓޯބަރު މަހުގެ ރިޕޯޓުން ދައްކާ ގޮތުން ނަމަ މި އަހަރުގެ މިހާތަނަށް މީރާ އަށް 3.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ 2010 ވަނަ އަހަރުގެ އޮކްޓޯބަރު މަހާ ހަމަޔަށް މީރާ އަށް ލިބުނު އާމްދަނީ އަށް ވުރެ 80 ޕަސެންޓް މަތީ އަދަދެކެވެ.

މީރާގެ އެ ރިޕޯޓުން ދައްކާ ގޮތުންނަމަ ފާއިތުވި އޮކްޓޯބަރު މަހު އެ އޮތޯރިޓީ އަށް އެންމެ ގިނަ އާމްދަނީއެއް ލިބިފައި ވަނީ ޓޫރިޒަމް ގުޑްސް އެންޑް ސާވިސް ޓެކްސް (ޓީޖީއެސްޓީ)ންނެވެ. ޓީޖީއެސްޓީގެ ގޮތުގައި އެކަނި މީރާ އަށް ވަނީ 66 މިލިއަން ރުފިޔާ ލިބިފަ އެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހު މީރާއަށް އެންމެ ގިނަ އާމްދަނީ އެއް ލިބުނު ރިސޯޓުތަކުގެ ކުލީގެ ގޮތުގައި އޮކްޓޯބަރު މަހު އެ އޮތޯރިޓީ އަށް ލިބފައިވަނީ 61 މިލިއަން ރުފިޔާއެވެ.

މިއަހަރުގެ ސެޕްޓެމްބަރު މަހަށް ވުރެ އޮކްޓޯބަރު މަހު މީރާއަށް ލިބުނު އާމްދަނީ ދަށް ވެފައިވާއިރު ދައުލަތަށް ލިބެންޖެހޭ ގިނަ ފައިސާ ނުލިބި ވަނީ ޓޫރިސްޓު ރިސޯޓުތަކުގެ ކުލީގެ ގޮތުގަ އާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ އެކި ރަށްރަށުގެ ކުލީގެ ގޮތުގައި ކަމަށްބުނެ މީރާއިން ވަނީ އޮކްޓޯބަރު މަހު ރިޕޯޓެއް ވެސް ނެރެފައެވެ. އަދި ޓޫރިސްޓް ރިސޯޓުތަކުގެ ކުލި ނުދޭ ފަރާތްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައި ހުންނަ ރަށްތަކައް ކުލި ނުދައްކާ ފަރާތްތަކުގެ މައްސަލަ މީރާއިން ވަނީ ކޯޓަށްވެސް ވައްދާފައެވެ.