ވޮޝިންގޓަން (ނޮވެމްބަރ 11) : އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް ކިތަންމެ ވަރުގަދަ ޙަމަލާތަކެއްދިންނަމަވެސް އެޕްރޮގްރާމް ހުއްޓުވައިނުލެވޭނެ ކަމަށް އެމެރިކާގެ ދިފާޢީ ވަޒީރު ލިޔޮން ބެނީޓާ ވިދާޅުވެއްޖެވެ.

ވޮޝިންގޓަންގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ބެނީޓާ ވިދާޅުވީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކާ ދެކޮޅަށް ކާމިޔާބު ޙަމަލާތަކެއްދެވިއްޖެނަމަ ނެރެވޭނެ ނަތީޖާއަކީ ދެތިން އަހަރަށް އެޕްރޮގްރާމް ފަހަތައް ޖައްސާލެވުން ކަމަށާއި ޢަސްކަރީ ޙަމަލާތަކަކުން ހުއްޓުވޭވަރަށްވުރެ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް، ބޮޑުވެފައި އީރާނުގެ ނިއުކްލިޔަރ ޤާބިލްކަން މާބޮޑުކަމުގައެވެ.
އީރާނަށް ހަމަލާދިނުމުގެ އަނެއް ނަތީޖާއަކީ ބައިނަލްއަޤްވާމީ މުޖްތަމަޢަށް ގޮންޖަހާފައި ފާޅުގައި ނިއުކްލިޔަރ ހަތިޔާރު އުފައްދަން އީރާނުން ފެށުންކަމަށާ މިފަދަ ޙާލަތެއްގައި ނަތީޖާ ފެންނާނީ މާނުރައްކާތެރި ގޮތަކަށް ކަމަށްވެސް ބެނީޓާ ވިދާޅުވިއެވެ. އަދި އީރާނަށް އިސްވެ ޙަމަލާދިނުމަކީ ޚިޔާލަށްވެސް ނުގެނެވޭފަދަ ނުރައްކާތަކަކާ މުޅިމެދުއިރުމައްޗާއި އެމެރިކާ ދިގުމުއްދަތަކަށް ކުރިމަތިލާންޖެހޭނެ ކަމެއް ކަމަށާއި އީރާނާ މުޢާމަލާތްކުރުމުގައި ދަތިކުރުމުގެ ފިޔަވަޅުތައް އެޅުންނޫންގޮތެއް ނެތްކަމަށް ބެނީޓާ ވިދާޅުވިއެވެ.

އީރާނުގެ ނިއުކްލިޔަރ ބައެއް މަރުކަޒުތައް ބިންމަތިން ފެންނަން ހުރިނަމަވެސް އެޕްރޮގްރާމްގެ ޙައްސާސީ މަރުކަޒުތައްހުރީ ނިއުކްލިޔަރ ބޮމުންވެސް ފުނޑުފުނޑުކޮށްނުލެވޭފަދަ ބޮޑެތި ހިލަފަރުބަދަތަކުގެ ދަށުން އެތަށް ކިލޯމީޓަރެއްގެ ފުނުގައި ކަމަށް ހުޅަނގުގެ ޖާސޫސީ ބައެއްރިޕޯޓްތައް ބުނެއެވެ.

ބެނީޓާއަކީ އެމެރިކާގެ ޖާސޫސީ މަރުކަޒީ އިދާރާ (ސީ.އައި.އޭ.) ގެ ޑައިރެކްޓަރ ކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާމެދު އެމެރިކާގެ ކުރީގެ ދިފާޢީ ވަޒީރު ރޮބަޓް ގޭޓްސްވެސް ވާހަކަ ދައްކަވާފައިވަނީ ހަމަމިގޮތަށެވެ.
ބެނީޓާ މިމޭރުމުން ވާހަކަ ދައްކަވާފައިވަނީ އީރާނުގެ ނިއުކްލިޔަރ މަރުކަޒުތަކަށް އިސްވެ ޙަމަލާދޭނެޖެހިދާނެކަމުގެ އިންޒާރުތަކެއް އިސްރާއީލުން ދެމުންގެންދާ ދުވަސްވަރެއްގައެވެ. އީރާނުންވަނީ އިސްރާއީލުން އެޤައުމަށް ކުޑަވެސް ގޯނާއެއްކޮށްފިނަމަ އިސްރާއީލުގެ ނިއުކްލިޔަރ މަައިމަރުކަޒު ގޮއްވާލާނެކަމުގެ އިންޒާރުދީފައެވެ.

އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭގޮތުން އދ. އެޓަމިކް އެނަރޖީ އެޖެންސީ (އައި.އޭ.އީ.އޭ) ން މިދިޔަ ހަފްތާގައި ނެރުނު ރިޕޯޓް ގައި އީރާނުން ނިއުކްލިޔަރ ބޮންހެދުމުގެ ސިއްރު ޕްރޮގްރާމެއް ހިންގާކަމަށް ޝައްކުކުރެވޭ ކަމަށްބުނެ ކުރިންވެސް އެއެޖެންސީގެ ރިޕޯޓްތަކުގައި ލިޔެފައިވާ ވާހަކަތައް އަލުން ތަކުރާރުކޮށްފައިވެއެވެ. ނަމަވެސް އީރާނާދެކޮޅަށް ކޮށްފައިވާ ނިއުކްލިޔަރ ހަތިޔާރު އުފެއްދުމުގެ ތުހުމަތުތަކުގެ އެއްވެސް ހެއްކެތް ކުރީގެ ރިޕޯޓްތަކާއެއްގޮތަށް މިފަހަރުގެ ރިޕޯޓްގައިވެސް އައި.އޭ.އީ.އޭ. އަށް ދެއްކިފައެއްނުވެއެވެ.
އީރާނުން މިރިޕޯޓް ސިފަކޮށްފައިވަނީ އެމެރިކާ ބޭނުންވާގޮތަށް ތައްޔާރުކޮށްފައިވާ ސިޔާސީ ރިޕޯޓެއްގެ ގޮތުގައެވެ. ރަޝިޔާއިންވެސް ބުނެފައިވަނީ އައި.އޭ.އީ.އޭ.ގެ ރިޕޯޓަކީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާބެހޭ އައުމަޢްލޫމާތެއްނެތް އަދި ކުރީގެ މަޢްލުމާތުތަކަށް ބިނާކޮށްފައިވާ ރިޕޯޓެއް ކަމުގައެވެ. މިފަދަ ރިޕޯޓްތަކުގެ ސަބަބުން އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމް ސުލްޙަވެރިކަމާއެކު ޙައްލު ކުރުމަށް ހުރަސްއެޅޭނެ ކަމަށްވެސް ރަޝިޔާ ބުނެއެވެ. -- ނޫސްއެޖެންސީތައް