21 Sep 2019, 00:10
މިރޭ ހިނގި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި އިމާރާތެއްގެ ތެރެއިން މަރުވެފައި އޮއްވައި ފެނުނީ އައިޝަތު ޝައުނާ، ތ ބުރުނީ ކަން 'ސަން' އަށް ކަށަވަރު ވެއްޖެ އެވެ.
މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ޔަގީން ކޮށްދީފަ އެވެ. މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު އައިޝަތު ޝައުނާ ނަމަކަށް ކިޔާ މީހަކު ގެއްލިގެން ދަނީ ހޯދަމުންނެވެ.
'ސަން' އަށް ކަށަވަރުވެފައިވާ ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ޝައުނާ އެވެ.
އޭނާ ހޯދަމުންދާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަދި ކަމާބެހޭ އިދާރާތަކުންވެސް ވަނީ ބުނެފަ އެވެ. މަރުވެފައިވާ މީހެއްގެ ހަށިގަނޑު ފެނިފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު އެއީ ކާކު ކަމެއް އެއްވެސް ފަރާތަކުން ޔަގީން ކޮށެއް ނުދެ އެވެ.
މިރޭ ހިނގާ ދިޔަ އަލިފާނުގެ ހާދިސާގައި ހަތް ގެއެއްގައި ރޯވެ ބޮޑެތި ގެއްލުންތަކެއް ވަނީ ވެފަ އެވެ. އަލިފާން ރޯވެފައިވަނީ ކެމިކަލް ހުރި ގުދަނެއްގަ އެވެ. އަލިފާން ގަނޑު ފެތުރި ހަތަރު ގަޑިއިރަށްވުރެ ގިނަ އިރު އަލިފާން ގަނޑު ރޯވެފައި ހުއްޓެވެ.