12 Nov 2011, 08:48
މެކްސިކޯ ސިޓީ (ނޮވެމްބަރ 12) : ހެލިކޮޕްޓަރެއް ވެއްޓުމުގެ ޙާދިސާއެއްގައި މެކްސިކޯގެ ދާޚިލީ ވަޒީރު ފްރާންސިސްކޯ ބިލީކް މޯރާ އަވަހާރަވެއްޖެވެ.
މެކްސިކޯގެ ރައީސް ފިލިޕް ކަލްޑިރޯން ގެ ތަރްޖަމާނަކު ވިދާޅުވިގޮތުގައި އިއްޔެގެ ވަގުތެއްގައި މިހެލިކޮޕްޓަރު ވެއްޓިފައިވަނީ މެކްސިކޯ ސިޓީން މޮރޮލޮސް ސްޓޭޓަށް ދަތުރުކުރަމުން ދަނިކޮށެވެ. މިޙާދިސާގައި މޯރާ ގެ އިތުރުން އެހެލިކޮޕްޓަރުގައި ތިބި އަނެއް 8 މީހުންވެސް މަރުވިއެވެ. މީގެތެރޭގައި ގިނައީ މެކްސިކޯ ސަރުކާރުގެ އިސް މަސްއޫލުވެރިންނެވެ.
މެކްސިކޯގެ ދާޚިލީ ވަޒީރު ފްރާންސިސްކޯ ބިލީކް މޯރާ، ސިޔާސީ ޙަޔާތް ފައްޓަވާފައިވަނީ 1990 ގެ ކުރީކޮޅު ސަރުކާރުގެ މުވައްޒަފެއްގެ ގޮތުގައެވެ. އެއަށްފަހު މެކްސިކޯގެ ފެޑްރަލް ކޮންގްރެސްގެ މެންބަރަކަށް އޭނާ އިންތިޚާބުވެ ވަޑައިގެންނެވިއެވެ. ދާޚިލީ ވަޒީރުކަމަށް ޢައްޔަން ކުރެވުނީ ރައީސް ފިލިޕް ކަލްޑިރޯން 2010 ވަނަ އަހަރު ގެ ޖުލައިމަހު އެކުލަވާލެއްވި ކެބިނެޓްގައެވެ.
މޯރާ އާއި މެކްސިކޯ ސަރުކާރުގެ އިސް ބައެއް މަސްއޫލުވެރިން ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓުނު ސަބަބެއް އަދި އެނގިފައެއް ނުވެއެވެ. ނަމަވެސް މެކްސިކޯއަކީ މަސްތުވާތަކެތީގެ ވިޔަފާރިކުރާ ހަތިޔާރުއެޅި ގޭންގްތަކަކާ ހަނގުރާމަކުރަމުން ގެންދާ ޤައުމެކެވެ. މިހަނގުރާމައިގާ ފާއިތުވި 5 ވަރަކަށް އަހަރު ތެރޭގައި 45 ހާހަށްވުރެ ގިނަމީހުން މަރުވެފައިވެއެވެ.
މޯރާގެ ކުރިން މެކްސިކޯގެ ދާޚިލީ ވަޒީރުކަމުގައި ހުންނެވި ޚުވާން ކަމިލިޔޯ މޮރީނޯ ވެސް އަވަހާރަވީ އޭނާ ދަތުރުކުރެއްވި ކުޑަމަތިންދާބޯޓެއް ވެއްޓުމުގެ ޙާދިޘާއެއްގައެވެ. ކުޑަ މަތިންދާބޯޓެއް ވެއްޓުމުގެ ޙާދިޘާގައި މޮރީނޯ އަވަހާރަވީ 2008 ވަނަ އަހަރުގެ ނޮވެމްބަރ 4 ވަނަ ދުވަހުއެވެ. މިހިނގާ ނޮވެމްބަރ މަހުގެ 4 ވަނަދުވަހު، މޮރީނޯ އަވަހާރަވިތާ 3 އަހަރު ފުރުމާ ގުޅިގެން މޯރާ ވަނީ މޮރީނޯ އަވަހާރަވީ ޤައުމީ ޚިދްމަތުގައި ހުންނަވަނިކޮށް ކަމަށް ވިދާޅުވެ ޓްވީޓަރ ގައި މޮރީނޯ ގެ ހަނދާންތައް އައު ކުރައްވާފައެވެ. -- ނޫސްއެޖެންސީތައް