20 Sep 2019, 16:38
ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރެ ކުރާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ބުނެފި އެވެ.
މިއަދު ވެސް މެދު ރާއްޖެ ތެރެއަށާއި ދެކުނުގެ ބައެއް ރަށްތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ.
މެޓް އޮފީހުން ބުނީ ކުރިއަށް އޮތް ދެތިން ދުވަހު އެންމެ ބޮޑަށް ވިއްސާރަ ކުރާނީ އުތުރާއި މެދު ރާއްޖެ ތެރެއަށް ކަމަށެވެ. ދެކުނަށް ވާރޭ ވެހުނު ނަމަވެސް ދެ ދުވަސް ތެރޭ ދެކުނުގެ އަތޮޅުތަކަށް މޫސުން ކޮންމެވެސް ވަރަށްކަށް ރަނގަޅު ވާނެ ކަމަށް ލަފާ ކުރެވޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"މުޅި ރާއްޖެއަށް މޫސުން ރަނގަޅު ވާނެ ކަމަށް ބެލެވެނީ މި ފެށޭ ހަފްތާގެ ބުދަ ނުވަތަ ބުރާސްފަތި ދުވަހު،" އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭގެ ބައެއް ރަށްރަށަށް ވިއްސާރަ ކުރާނެ ކަމަށް ބެެލެވޭތީ، މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވަނީ، މެދު ރާއްޖެ ތެެރެއާއި ދެކުނުގެ 11 އަތޮޅަކަށް މިއަދު ހެނދުނު 11:00 އިން ހަވީރު 5:00 އަށް ވައިޓް އެލާޓް ނެރެފަ އެވެ. ވައިޓް އެލާޓް ނެރެފައިވަނީ، އދ. އިން ފެށިގެން އައްޑޫ ސިޓީގެ އަތޮޅުތަކަށެވެ.
ކުރިއަށް އޮތް 24 ގަޑި އިރުގެ މޫސުން:
ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރުން.
- ދެކުނާއި މެދުރާއްޖެ ތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ.
- ވައިޖެހޭނީ ދެކުނުގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި.
- އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ.
- ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ.
- ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ.
ކުރިއަށް އޮތް 24 ގަޑިއިރު، މެދު ދެކުނުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ މޫސުމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ.