12 Nov 2011, 08:42
އަހަރެމެންގެ ދިވެހިބަހަކީ ހައުދަހާވާ މުއްސަނދި ބަހެކެވެ. އަޅައިނުލާ ދާގޮތަކަށް ދާން ދޫކޮށްލަން ހެޔޮ ނުވާނެއެވެ. މިހާތަނަށް އަހަރެމެންނާއި ހަމަޔަށް އައިސްފައި މިއޮތީ ހަމަގައިމުވެސް ބަހެއްގެ ގޮތުގައެވެ. ދުނިޔޭގެ ނިސްބަތުގައި ބަހެއްގެ
މަގާމު ފުރަމުންނެވެ. އެކަމަކު މިއަދު މިހާރު ބައެއްފިކުރާއި ވިސްނުމުގައި މިބަހުގެ ބޭނުމެއްނެތް ކަމަށް ފާޅުގައި ގަބޫލު ކޮށްފި އެވެ. ފަގީރު ނިކަމެތި ކަމުގެ ބޮޑުކަމުން ޒަމާނަށް ނުފެތޭތީ ޔޯލައެވެ. އެއްޗިއްސަށާއި ކަންކަމަށް ކިޔާނެ ބަސްތައް ނެތީކަމުގައި ހަދަމުން ބޭރުބަސްބަހުގެ ތެރޭން ބަސްތައް ނުވަތަ ލަފުޒުތައް މިތިބަގެން ހޭބޯނާރާ ބޭނުންކުރަމުން ޒަމާނަށްފެތި ބާރުވެ އަމިއްލަޔަށް ދޮން ވަނީއެވެ. ދިރިޢުޅެން ޖެހިފައި މިއޮތީ، ނޫންނަމަ މިއުޅެވެނީ މިތާނގައިކަމާއި ހުޅަނގު ގައި ނޫންކަން ހަނދާންނައްތާލައި ގައިގައިހުންނަ ކުލަވެސް ވަކިނުވެ ކުލަކަނުވެގަންނަނީމެއެވެ. އޮޅެނީއެވެ.
އޮޅެނީއޭ ލިއުނީމާ މިދުވަސްކޮޅު ވަރަށްގިނަ ބަޔަކު އަޅައިގަނެ ވެއްޓި އަނިޔާވުމަކާއި ހަމަޔަށް ވެސް ހިނގައިދާނެ ކަމަށް ހީވާތީ އޮޅުމުގެ ތެރެއަށް ވަދެ ހިސާބަކަށް އަމާންކޮށްލެވޭތޯ ބަލައިލާނަމެވެ. އޮޅުމަކީ ދިވެހި ބަހުގައި އެބަހުގެ މާނަ ވަރަށްފުޅާ ކޮށް އެހާމެ ތަނަވަސް ގޮތަކަށް ނެރެވޭ މުއްސަނދި ލަފުޒެކެވެ. އޮޅުން މިއީ މީގެ މުޑެވެ. އެއިން އެކިދިމާލަށް އެކިކުރި ހެދި ފެތުރި ބިޔަވެފައެވެ. ލޯބީގެ ހުރިހާ ބައްދަލުވުން ތަކުން ފެށިގެން ފަނޑިޔާރުގެ ތަކާއި އިންސާފުގެ ތަކުތެރޭން ޖަލުތަކާއި ކުޑަގޮޅިތައްވެސް ހިމެނިގެން އޮފީސް، ކުންފުނި، ކޮލެޖު، އަދި މައިއޮފީހުގެ މޭޒުކޮޅުތަކާއި ހަމަޔަށް ވެސް މިތިން އަކުރުގެ ބަސް ވަނީ ނުފޫޒު ފޯރުވާފައެވެ. ދުވަހުން ދުވަހަށް، ރެއިން ރެޔަށް އެލަފުޒުގެ ބޭނުންކުރެވޭ ކަން ވަނީ ސާބިތުވެ ފެނި އެނގިފައެވެ. އޮޅުން ތަފާތުގޮތްގޮތަށް ބޭނުން ކުރެވެއެވެ.
- އެރޭ ވީގޮތަކީ ގަޑިއޮޅުނީ އެވެ. ގަސްތުގައި ނައީއެއް ނޫނެވެ.
- އޮފީހުން އައުދެވުނު އިރު އެނދުގައި މަންމަ ނިދާފައި އޮތީމަ، މަށަށް އޮޅުން އެރީއެވެ. އެވާހަކަ ދެންނުދައްކާށެވެ.
- އޮޅިގެން އެދުވަހު ދަރަނީގެ ފައިސާ ދަރަނިދައްކާ މީހާއާއި ހަވާލުކުރެވުނީމާ މުޅިން މިއުޅެނީ އޮޅުންބޮޅުން ވެ ހަދާނެގޮތް ހުސްވެގެންނެވެ.
- ކަންތައްތައް އޮޅުންކުރާކަށް މާއުނދަގުލެއް ނުވާނެއެވެ. ނިކަން ކެރިގެން މިހެންއެހެނޭ ބުނީމާ ހުންނާނީ ހަމަޖެހިފައެވެ. ފަހުން އޮޅުވާލީއޭ ވެސް ކިޔާނެއެވެ. އަޅާނުލީމަ ނިމުނީއެވެ. އޭރު ކަން އޮންނާނީ ކުރެވި ނިމިފައެވެ.
އޮޅުން މިލަފުޒު ބަދަލުވެގެންދާ އަނެއްގޮތަކީ އެއްޗެއް އޮޅާއޮޅުމުގެ މާނަނެރެވޭ ގޮތެވެ. ފަހާމީހުން ތޭރިއަށް ބަރަނި އޮޅައެވެ. އިސްފިރޭނުހަދަން ނަރުގަނޑެއް އޮޅައެވެ. ކަރަންޓުދިނީމާ އެނބުރޭގޮތަށް ހުންނަ މޯޓަރުތަކުގައި އެހުންނަނީ ކޮއިލު އޮޅައިފައެވެ. ކެއޮޅުކަމުދާން ކަންވާރު ރޯލަށް އޮޅައެވެ. މިފަދަ ކޮންމެ ކަމަކީވެސް އޮޅުން، މިލަފުޒުން މާނަ ކޮށްދެވޭނެ ކަންކަމެވެ.
ތަފާތު ތިންވަނަގޮތެއް ކަމުގައި ނަންނުގަތި،ހަރުފަ ފަދަ ތަކެތި، އެއްޗެތި ސިކާރަކޮށްލާ ވަގުތު އެއެއްޗެއް އޮބަހައްޓާ ހިފަހައްޓާ ލުމުގެ ގޮތުން ސިކާރައިގެ ވަށައިގެން ވެސް އޮޅާލަނީއެވެ. ބަކަރި، ފުއްލާ ފަދަތަކެތީގައި ހަރުފަ އެގޮތަށް އޮޅާ ލައިގެން އެ އެތީގެ ތެޅިފޮޅުން މަޑުވެ ހަރުފައިގެ ފުރިހަމަ ބާރުގެ ދަށަށް ގެނެވެންދެން އޮވެއެވެ. ނަންނުގަތިވެސް އޭތީގެ ވަރުން ބޮޑެތި ރަކިސްބޮނޑުގެ ހަށިގަނޑުގައި އޮޅާލައެވެ. ހަމައެއްބޭނުމެއްގައެވެ. މަޖަލަކަށް ނުވަތަ ހަޖުލަކަށްމި ފާޑުގެ ހަރަކާތަކަށްވެސް އޮޅާލުމޭ ކިޔާއުޅެއެވެ. އެއީ އަނގުނުތައް ހިމަހޯދި ކޮށް ތިބޭ ކުދިން / މީހުން އަނެކާގެ ގައިގާ ބައްދާލާ ބައްދާލުމަކަށެވެ. ލާވަށައިލާ ދެއަތުންނާއި ދެފައިން މިގޮތަށް ބައްދާލާ ބައްދާލުމަށް " އޮޅާލުމޭ " ކިޔާއުޅެއެވެ.
އަދިވެސް އެހެންގޮތެކެވެ. ތަފާތުމާނައެކެވެ. މަސްބާނަންގެންދިޔަ ކަންވާރުބޮޅު އޮޅުމެވެ. އޮޅުނީމާ އެކަމަށް ވެސް ކިޔަނީ އޮޅުމެވެ. ބަރަނި އޮޅި، ނަނު އޮޅި، ހިޖުރަ އާއި ބުއްދިވެސް އޮޅޭކަމުގައި ވެއެވެ. ކުރީގެ ދުވަސްތަކުގައި އަންމައާއި އައްޕަ ވެސް އޮޅޭވާހަކަ ވަނީ އިވިފައެވެ. މިހާރަކަށްއައިސް އެގޮތަށް އެއްމެ އޮޅޭކަމަށްވަނީ ފަހަރި އާއި އަނބިމީހާއެވެ. އަދި ޅިޔަންބެއާއި ފިރިމީހާވެސް މަދުންނަމަވެސް އޮޅިގެން މައްސަލަޖެހިފައި އެބަހުއްޓެވެ.
އޮޅުމާއި އޮޅުވާލުމާ ތަފާތެވެ. ވީމާ އޮޅުވާލުމުގެ ވާހަކަ ނުދައްކާނީއެވެ. އޮޅުވާލާފައި އޮޅުނީއޭ، އޮޅިގެނޭ ބުންޏަސް އެއްމެރަނގަޅުވާނީ ގަބޫލުކޮށްލިއްޔާއެވެ. ޝަރީއަތުގައިވެސް ބަލާނީ ފެންނަންހުންނަ ހެކިތަކަށާއި އެއްބަސްވާ އެއްބަސްވުމަށް ނުވަތަ ބުނާ ބުނުން ތަކަށްވިއްޔާއެވެ.
ދިވެހިބަހަކީ ފަގީރު ނިކަމެތި ޒަމާނަށް ނުފެތޭ ބަހެކޭ ބުނެ އޮޅުވާލާފައި ފަހުން އޮޅުނީއޭ ބުންޏަސް ގަބޫލެއް ހަމަ ނުކުރެވޭނެ އެވެ. ކުރާނަން ހެއްޔެވެ.؟