ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން ސަރުކާރުތަކަށް ގޮވާލުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ބާއްވާ ގްލޯބަލް ކްލައިމެޓް ސްޓްރައިކް ނޫނީ ހަޅުތާލު ރާއްޖޭގައިވެސް ފަށައިފި އެވެ.

ދުނިޔޭގެ މޫސުމާ ގުޅުން ހުރި އެންމެ ބޮޑު ހަޅުތާލަށް ވެގެން ދާނެ ކަމަށް ބެލެވޭ ކްލައިމެޓް ސްޓްރައިކް ހަޅުތާލު މިއަދު ދުނިޔޭގެ އެކި ގައުމުތަކުގައި ވަނީ ފަށައިފަ އެވެ. އެ ހަޅުތާލު 150 ގައުމެއްގައި ބާއްވަން ވަނީ ހަމަޖެހިފަ އެވެ. އެ ހަޅުތާލުގައި ދަރިވަރުންނާއި މަސައްކަތްތެރިން ބައިވެރިވެ އެވެ.

ރާއްޖޭގައި ކްލައިމެޓް ސްޓްރައިކް ހަޅުތާލު ރޭވުމުގައި އެންމެ އިސްކޮށް އުޅެނީ ސޭވް މޯލްޑިވްސް މޫވްމެންޓުންނެވެ. އެ މޫވްމެންޓާ ކޯޑިނޭޓުކޮށްގެން ކުޅުދުއްފުށީގައި މިއަދު ވަނީ ހަޅުތާލު ކުރިއަށް ގެންގޮސްފަ އެވެ. މާލޭގައި އެ ހަޅުތާލު ކުރިއަށްދާނީ އަންނަ އާދީއްތަ ދުވަހު އެވެ. އަދި ފުވައްމުލަކުގައި މި ހަފްތާގެ ތެރޭގައި ހަޅުތާލު ބާއްވަން ދަނީ ރާވަމުންނެވެ. އައްޑޫ ސިޓީގެ ޒުވާނުންވެސް އިސްނަގައިގެން މިއަދު ހަވީރު ހަޅުތާލު ކުރާނެ އެވެ.

މިއަދު ކުޅުދުއްފުށީ ކުޅި ސަރަހައްދުގައި އެ ރަށުގެ ބައެއް ޒުވާނުން އިސް ނަގައިގެން ވަނީ ހަޅުތާލުކޮށްފަ އެވެ.

ކުޅުދުއްފުށީގެ ހަރަކާތްތައް ރޭވުމުގައި އިސްކޮށް އުޅޭ އާދަމް އަބްދުﷲ ވިދާޅުވީ، ކުޅުދުއްފުށީ ޒުވާނުން އެ ހަޅުތާލުގައި ސަރުކާރަށް ގޮވާލީ އެ ރަށު ކުޅީގެ ބާކީ އޮތްބައި ހިމާޔަތް ކުރުމަށާއި، ތަރައްގީގެ ނަމުގައި ތިމާވެށި ހަލާކު ނުކުރުން ފަދަ ކަންކަމަށް ކަމަށެވެ.

އައްޑޫ ސިޓީގައި ހަޅުތާލު ކުރިއަށްދާނީ މަރަދޫ ސްވިމިން ޓްރެކް ސަރަހައްދުގައި މިއަދު ހަވީރު 5:00 އިން 6:00 އަށެވެ. މިއަދު މޫސުން ގޯސްވުމުން، ހަޅުތާލު އިންތިޒާމު ކުރާ ފަރާތްތަކުން އެދެނީ ކުޑަ ހިފައިގެން ނުވަތަ ރެއިންކޯޓް ލައިގެން އައުމަށެވެ.

އައްޑޫގައި ހަޅުތާލު ކުރާ ޒުވާނުން ގޮވާލަނީ، އެކި މަޝްރޫއުތަކަށް ބިން ހިއްކުމަށް ފަޅުތަކުން ވެލި ނެގުމާއި، ރިސޯޓުތައް ޒީނަތްތެރި ކުރުމަށް ރުއްގަސް ނެގުމާއި، ތަރައްގީގެ ނަމުގައި ތިމާވެށި ހަލާކު ކުރުމާ ދެކޮޅަށެވެ. އޭގެ އިތުރުން، މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމަށްވެސް ގޮވާލާނެ އެވެ.

"ރަށްފެހި"ގެ ނަމުގައި ސަރުކާރުން މިދިޔަ އަހަރުގެ ފަހުކޮޅު ގަސް އިންދުމުގެ ގައުމީ ޕްރޮގްރާމެއް ފެށި އެވެ. އެކަމަކު، އެ ޕްރޮގްރާމުގެ ދަށުން ގަސް އިންދާފައި ވަނީ މާލެ ސަރަހައްދުގައި އެކަންޏެވެ. އެ ޕްރޮގްރާމު މިހާރު އޮތީ ހުއްޓިފަ އެވެ. ސަރުކާރުން އެކަމާ ގުޅޭގޮތުން އަދި އެއްޗެއް ނުބުނެ އެވެ.

މާލޭގައި އަންނަ އާދީއްތަ ދުވަހު ހަޅުތާލު ކުރާނީ ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގަ އެވެ. އެކަމަކު، އެންމެ ބޮޑު އިވެންޓެއްގެ ގޮތުގައި މާލޭގައި ބާއްވަން ރާވަނީ މި މަހުގެ 26 ވަނަ ދުވަހު ބާއްވަން ހަަމަޖެހިފައިވާ ހަޅުތާލެވެ.

ފުވައްމުލަކުގައި ހަޅުތާލު ރޭވުމުގެ މަސައްކަތް ކުރަމުންދާ އާދަމް އިޝާމް ވިދާޅުވި ގޮތުގައި މި މަހުގެ 26 ވަނަ ދުވަހު އެ ރަށުގައި ހަޅުތާލު ރޭވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން މިއަދު ކަމާ ބެހޭ ފަރާތްތަކާ ބައްދަލު ކުރަން ފަށައިފައިވާ ކަމަށް ވިދާޅުވި އެވެ.

މާލެއާއި، ކުޅުދުއްފުއްޓާއި، އައްޑޫގައި މިއަދުން ފެށިގެން މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އިތުރު ހަރަކާތްތައް ކުރިއަށްދާނެ އެވެ. ގްލޯބަލް ކްލައިމެޓް ސްޓްރައިކްގެ ހަރަކާތްތައް މުޅި ދުނިޔޭގައިވެސް ކުރިއަށްދަނީވެސް އެ މުއްދަތުގެ ތެރޭގައެެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ދުނިޔޭގައި ބޯޓު ދެއްޔާއި ތެލާއި ގުދުރަތީ ގޭސްތައް ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ޖައްވުގައި ހޫނު ހިފަހައްޓައިދޭ ގޭސްތައް އިތުރުވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔެ ހޫނުވެ، ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެ އެވެ. އަދި އޭގެ ސަބަބުން ބިން ތިރި ސަރަހައްދުތައް ކަނޑުގެ އަޑިއަށް ދިޔުމާއި ތޫފާންތައް އިތުރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ސައިންސުވެރިން ބުނެ އެވެ.