20 Sep 2019, 13:03
ޓެރެރިޒަމް ހުއްޓުމުގެ ގާނޫނަސް އިސްލާހު ހުށަހެޅުވުމުގެ ބިލާ ގުޅިގެން ސަރުކާރުން އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕ(ޕީޖީ)ގެ މެމްބަރުންނާ މާދަމާ ބައްދަލުކޮށް މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.
ސަރުކާރުގެ ފަރާތުން މިމަހު 12 ވަނަ ދުވަހު މަޖިލީހަށް ހުށަހެޅި ބިލާ ގުޅިގެން އެމްޑީޕީގެ ބައެއް މެމްބަރުން މެދުގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފަ އެވެ. އެއާއެކު ބިލާ ހުރި ކަންބޮޑުވުންތަކާ ގުޅިގެން ސަރުކާރާ މަޝްވަރާ ކުރައްވާނެ ކަމަށް ޕީޖީ ލިޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ވަނީ ވިދާޅުވެފަ އެވެ.
އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވިދާޅުވީ، ހިޔާލު ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށާއި މަޝްވަރާ ކުރުމުން އެކަމަކަށް ހައްލު ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ޓެރެރިޒަމަށް ބިލަށް އޮތް ހިޔާލުތަފާތުވުންތަކަށް ހައްލު ހޯދުމަށް ސަރުކާރާއި އެމްޑީޕީ އާ މަޝްވަރާ ކުރުމަށް ނިންމާފައިވާ ކަމަށް ވިދާޅުވި އެވެ.
"ޕާލިމަންޓަރީ ގުރޫޕާއެކު އޭޖީ [އަޓާނީ ޖެނެރަލް އޮފީސް] އާއި އަޅުގަނޑުމެންގެ އޮފީހުން [ރައީސް އޮފީހުން] 21 ވަނަ ދުވަހު [މާދަމާ] ބައްދަލުވުމެއް ބާއްވާނެ. އެއަށްފަހު، ހަގީގަތުގައި މީގައި [ބިލުގައި] ހުރި ކަންތައްތައް، މީގައި މި ކުރަނީ ކީއްކަން ވަރަށް ބޮޑަށް ސާފުވެގެން ދާނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ، މިހާރު ހިމަނާފައިވަނީ ސަރުކާރުން މި ވަގުތަށް ގެންނަން ބޭނުންވާ އިސްލާހުތަކެއް ކަމަށެެެވެ. ބިލުގައި ކަންބޮޑުވުން ހުރި ނަމަވެސް ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނު އިސްލާހު ނުވެއްޖެ ނަމަ، އެފަދަ ކުށްތައް ހުޓުވުމަށް ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
"[ކަންބޮޑުވުންތަކުގެ ތެރޭގައި] އެބަ އޮތް ގާނޫނު އަސާސީގެ މާއްދާއެއް އެބަ އުޅޭ. [ގާނުނު އަސާސީގައިވާ ގޮތުން] މީހަކު ހައްޔަރުކޮށްފައި ބެހެއްޓޭނީ، 24 ގަޑި އިރު. ބިލުގައި އެބަ އޮތް 48 ގަޑިއިރަށް ހައްޔަރުކޮށްފައި ބަންދުކުރާ ވާހަކަ. އެއީ ގާނޫނު އަސާސީއާ ތައާރަޒް ވުމެއްކަން ބަލަން ޖެހޭނީ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، އެ ތައާރަޒްވުމަކީ މަޖިލިސް ތެރެއިން ހައްްލެއް ހޯދަން ޖެހޭ ކަމެއް ކަމަށެވެ. ނަމެވެސް ހައްލު ހޯދާނީ ކިހިނެތް ކަމެއް ރައީސް ވިދާޅެއް ނުވެ އެވެ.
މާދަމާ ސަރުކާރުން ޕީޖީއާއެކު މަޝްވަރާތަކަށް ދާއިރު، އަންނަ އާދިއްތަ ދުވަހު ވަނީ ބިލުގެ އިބްތިދާއީ ބަހުސްއަށް މަޖިލީހުގެ ޖަލްސާއެއް ތާވަލް ކޮށްފަ އެވެ.
ޓެރެރިޒަމް ހުއްޓުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައިވާ ގޮތުން ކުށުގެ ތުހުމަތުވާ މީހުން ކޯޓް އަމުރަކާ ނުލާ ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށް ވަނީ ދީފަ އެވެ. އަދި ކޯޓު އަމުރަކާ ނުލާ އެ މީހަކު ހުރި ތަނަކަށް ވަދެ ބަލައި ފާސް ކުރުމުުގެ ބާރުވެސް ފުލުހުނަށް ވަނީ ދީފަ އެވެ. މީގެ އިތުރުން ހައްޔަރު ކުރާ މީހާއަށް ގާނޫނު އަސާސީން ލިބިދޭ ބައެއް ހައްގުތައްވެސް ހިފެހެއްޓުމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.