20 Sep 2019, 12:06
މި ސަރުކާރުން މަޝްރޫއުތައް ހިންގަނީ ކޮރަޕްޝަންގެ ތެރެއިން ކަމަށާއި ބޮޑު ކޮރަޕްޝަނެއް އޮތީ މި ސަރުކާރުގައި ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ތުހުމަތު ކުރައްވައިފި އެވެ.
މ. އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު ފައްޓަވާފައިވާ ޕީޕީއެމްއަށް ތާއީދު އިތުރު ކުރެއްވުމުގެ ދަތުރުގެ ތެރެއިން، މ. ނާލާފުއްޓަށް މިއަދު ހެނދުނު ވަޑައިގެން ސަޕޯޓަރުންނާ ބައްދަލު ކުރައްވާ ވިދާޅުވީ މަޝްރޫއުތައް އަގު ހެޔޮކޮށް ހިންގާ ކަމަށް މި ސަރުކާރުން ބުނަނީ ބޮޑު އޮޅުވާލުމެއްގެ ތެރެއިން ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބަޖެޓްގައި އުމްރާނީ މަޝްރޫއުތައް ހިންގުމަށް މި ސަރުކާރުން މަޝްރޫއަކަށް ހޭދަވާނެ ކަމަށް ބަޖެޓްގައި ޖަހާފައި ވަނީ 15،000-17،000 ރުފިޔާ ކަމަށާއި އެއީ މަޝްރޫއެއް ހިންގޭނެ މިންވަރުގެ ފައިސާއެއް ނޫން ކަމަށެވެ. އެފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލަނީ އެ މަނިކުފާނުގެ ސަރުކާރުގައި ރިޝްވަތާއި ހިޔާނާތް އޮތްކަން އާންމުންނަށް ދެއްކުމުގެ ބޭނުމުގައި ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
"2018 ވަނަ އަހަރު ވެރިކަމަށް އަންނަން ވެގެން ވެސް ރައީސް މައުމޫންއާ ވާދަކުރައްވާ ވެސް އެ މީހުން ދެއްކީ މި ވާހަކަ. އެމީހުން ނޫން އެންމެންއަކީ ވަގުން. އެ މީހުން ނޫން އެންމެންއަކީ ކޮރަޕްޓް މީހުން. އެ މީހުން ނޫން އެންމެންއަކީ ދައުލަތުގެ ފައިސާގައި ޖެހިފައި ތިބި މީހުން. އެކަމަކު ރަށެއް ފަސާދަވެގެން ދާއިރަކު އަޅުގަނޑަކަށް ނުވިސްނޭ ވަކިވަކި ބައެއްގެ ޖީބުތަކަށް އެކަނި ފައިސާ ވަންނާނެ ގޮތެއް. ވަކި އެ މީހުންނަކީ ކޮންތަނަކުން އައިސްފައިވާ ބައެއްތޯ؟ އެ މީހުންގެ ތެރޭގައި [މި ސަރުކާރުގައި] އެ އޮތީ ބޮޑު ކޮރަޕްޝަން. މިހާރު މަޝްރޫއުތައް ހިނގާ ގޮތަށް ބެލިޔަސް ބޮޑެތި ކޮރަޕްޝަން ހިނގާފައި ހުންނާނީ އެ މީހުންގެ ތެރޭގައި. އަޅުގަނޑުގެ ސަރުކާރުގެ ތެރޭގައި ކަންތައްތަކެއް ނުހިނގައެކޭ ނޫން މި ދެންނެވީކީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
މި ސަރުކާރަށް 23 ބިލިއަން ރުފިޔާގެ ބަޖެޓެއް އަދި އޭގެ ފަހުން އިތުރު އެއް ބިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހުން ފާސްކޮށްދީފައިވާ ކަމަށް ރައީށް ޔާމީން ވިދާަޅުވި އެވެ. އެހެން ނަމަވެސް މިދިޔަ އަށް މަސް ފާއިތުވެގެން ދިޔައިރު ހުރިހާ ބާރެއް ލިބި އޮވެމެ، އެއްވެސް ކަމެއް ނުކުރެވުުމުން މި ސަރުކާރުގެ ގާބިލް ކަމާ މެދު ސުވާލު އުފެދޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އަހަރު ނިމޭއިރު މަޝްރޫއުތަކެއް ހިންގިދާނެ ކަމަށް މި ސަރުކާރުން ބުނި ނަމަވެސް، އެއީ ކޮން ހަމަޔަކުން ގަބޫލު ކުރެވޭނެ ވާހަކައެއްތޯ ރައީސް ޔާމީން ސުވާލު އުފެއްދެވި އެވެ. އެމަނިކުފާނު ވިދާޅުވީ މި ސަރުކާރަށް ފުރުސަތު ލިބި ރައްޔިތުންނަށް ތަރައްގީއެއް ގެނެސްދެވޭ ތަނެއް ނުފެންނަ ކަމަށެވެ.
"1.7 ބިލިއަންގެ ބަޖެޓެއް ފާސްކޮށް ދިންއިރު އޭގެ ތެރެއިން 67 ޕަސެންޓް ދަނީކީ އެއްގޮތަކަށް ވެސް ރައްޔިތުންގެ ތަރައްގީއަކަށް ނޫން. މިހާރު އުފައްދާފައި އެހެރަ ކޮމިޝަންތަކާއި ސިޔާސީ މަގާމުތަކަށް ލައްވާފައި ތިބި މީހުންނާއި އެ މީސް މީހުންގެ މުސާރަޔަށް މިދަނީ. އެހެން ވީމާ، މި ސަރުކާރަކީ އެ މީހުންގެ ފިކުރުގެ އެ މީހުންގެ މީހުންނަށް މުސާރަ ދޭ ސަރުކާރެއް މިއީ. މިއީ ރައްޔިތުންނަށް ތަރައްގީ މަޝްރޫއު ހިންގާ ސަރުކާރެއް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އެމްޑީޕީއިން އިދިކޮޅުގައި ތިބިއިރު ދުވަހަކުވެސް ބަޖެޓަކަށް ވެސް ވޯޓް ދީފައި ނުވާ ކަމަށެވެ. އެހެން ނަމަވެސް އެމަނިކުފާނުގެ ޕާޓީގެ މެންބަރުން މި ސަރުކާރުގެ ބަޖެޓަށް ވޯޓުދިން ކަމަށާއި އެކަން ކުރީ ރައްޔިތުންގެ ތަރައްގީއަށް ހުރަސް ނޭޅުމުގެ މަގުސަދުގައި ކަމަށެވެ. އަދި އެކަން ކުރީކީ ކޮންމެހެން ބަޖެޓްގައި ހުރި ހުރިހާ ކަންކަމާ މެދު ޕީޕީއެމްއިން އެއްބަސްވާތީ ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުގައި ރައްޔިތުންނަށް ދަތިވާ ކަންކަން ފަސޭހަ ކޮށް ދިނުމަށް ތަރައްގީގެ މަޝްރޫއުތައް ހިންގެވި ކަމަށެވެ. އަދި އެ މަޝްރޫއުތަކުގެ ސަބަބުން އެތައް ބަޔަކަށް ފަސޭކަން ގެނެސްދެވުނު ކަމަށްވެސް ވިދާޅުވި އެވެ. އެގޮތުން ބިން ހިއްކުމާއި އެއާޕޯޓްތައް އެޅުމާއި މިހެން ގޮސް ފެނާއި ނަރުދަމާގެ މަޝްރޫއުތައް ކުދި އާބާދީއެއް ބެލުމެއް ނެތި ފޯރުކޮށްދެވިފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
"އަޅުގަނޑުމެން ފާޑު މި ކިޔަނީ މި ކަހަލަ ކަންކަން މި ސަރުކާރުގައި ކުރެވިގެން ނުދާތީ،" ރައީސް ޔާމީން ވިދާޅުވި އެވެ.
ރާއްޖެއަކީ ޖަޒީރާ ގައުމެއް ކަމަށް ބުނެ، އެ ރަށަކުން ލިބޭ އެއްޗަކުން ކައގެންބޮއިގެން އުޅެން ޖެހޭ ކަމަށް ގަބޫލުކުރެވޭ ފަލްސަފާ ދޫކޮށްލަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ރަށްރަށަށް ބޭނުންވާ ކަންކަން ސަރުކާރަކުން ކޮށްދޭން ޖެހޭ ކަމަށާއި ކޮންމެ ރަށެއްގެ ފަޅާއި ގުދުރަތީ މުއްސަނދިކަމުން ހުރިހާ ކަމެއް އެ ރަށަކަށް ނުފުއްދިދާނެ ކަމަށެވެ. އެކަމަކު އެފަދަ ކަންކަމުގެ ވާހަކަ މި ސަރުކާރުގައި ތިއްބެވި ލީޑަރުންގެ ކިބައިން އަޑު ނީވޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
އެމަނިކުފާނު އެދިވަޑައިގަތީ ސިޔާސީ މަގާމުތަކަށް މީހުން އިންތިހާބު ކުރުމުގައި ވަރަށް ބޮޑަށް ރައްޔިތުން ވިސްނުމަށެވެ. އެގޮތުން މަގާމަކަށް ހޮވާ މީހާއަކީ ރައްޔިތުންނަށް ކަންކަން ކޮށްދެވޭ ފެންވަރުގެ މީހެއްތޯ ބަލަން ޖެހޭ ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. ނޫން ނަމަ، ރައްޔިތުންގެ ފަރާތުން އެއްޗިހިތަކެއް ހޯދަން އަންނަ މީހެއްތޯ ބަލަން ޖެހޭ ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން އަދި ވިދާޅުވީ މި ސަރުކާރު ޒިންމާދާރު ކުރުމުގައި ޕީޕީއެމް ދެމި އޮންނާނެ ކަމަށެވެ. އަދި އެ މަސްއޫލިއްޔަތު އަދާކުރާނެ އެހެން ބަޔަކު ނެތް ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ.