ނިއުޔޯކް (ސެޕްޓެމްބަރު 20): ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތައް ކުޑަކުރަން އެކި ގައުމުތަކުގެ ސަރުކާރުތަކަށް ގޮވާލުމަށް ބާއްވާ މުޒާހަރާތައް މިއަދު ފަށައިފި އެވެ.

ދުނިޔޭގެ މޫސުމާ ގުޅުން ހުރި އެންމެ ބޮޑު މުޒާހަރާތަކަށް ވެގެން ދާނެ ކަމަށް ބެލެވޭ އެމުޒާހަރާތަކުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަނީ ސްވީޑެންގެ 16 އަހަރުގެ ކުއްޖެއް ކަމަށްވާ ގްރެޓާ ތުންބާގް އާއި އެހެން ދަރިވަރުންނެވެ.

އެމުޒާހަރާތައް 150 ގައުމެއްގައި ބާއްވަން ވަނީ ހަމަޖެހިފައިވެ އެވެ. އޭގެ ތެރެއިން، ދުނިޔެއިން އެންމެ ގިނަ އަދަދަކަށް ބޯޓު ދެއްޔާއި ލިކުއިފައިޑް ގޭސް ބޭރު ކުރާ ގައުމު ކަމަށްވާ އޮސްޓްރޭލިއާގެ 110 ސިޓީ އާއި ޓައުންގައި މުޒާހަރާތައް ބާއްވަން ހަމަޖެހިފަ އެވެ. އަދި އެމެރިކާގެ ނިއު ޔޯކް ސިޓީން އެކަނިވެސް ވަނީ ސްކޫލަށް ނުގޮސް މުޒާހަރާއަށް ދިޔުމަށް 1.1 މިލިއަން ދަރިވަރުންނަށް ހުއްދަ ދީފަ އެވެ.

ސްކޫލު ކުދިންގެ އިތުރުން ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ ޖަމާއަތްތަކާއި ދުނިޔޭގެ ބޮޑެތި ކުންފުނިތަކުންވެސް ވަނީ މިއަދުގެ މުޒާހަރާތަކުގައި ބައިވެރި ވާނެ ކަމަށް ބުނެފަ އެވެ. އެގޮތުން އެމެޒޯން އާއި މައިކްރޯސޮފްޓުގެ މުވައްޒަފުންނާއި އޮސްޓްރޭލިއާގެ 2،000 ކުންފުންޏެއްގެ މުވައްޒަފުން އެމުޒާހަރާތަކުގައި ބައިވެރިވާން ހަމަޖެހިފައިވެ އެވެ.

އޮސްޓްރޭލިއާ އާއި އެމެރިކާގެ އިތުރުން މުޒާހަރާތައް ބާއްވާ ގައުމުތަކުގެ ތެރޭގައި ނިއު ޒީލޭންޑާއި ތައިލޭންޑައި ފްރާންސް ހިމެނެ އެވެ.

އެމުޒާހަރާގެ ބައިވެރިން ދަނީ ފޮސިލް ފިއުލް ބޭނުން ކުރުން ހުއްޓާލުމަށާއި އިޔާދަ ކުރަނިވި ހަކަތަ މުޅިންވެސް ބޭނުން ކުރުމަށް ގޮވާލަމުންނެވެ. އަދި އެފަދަ ބަދަލުތައް ގެނައުމަށް ސަރުކާރުން ސިޔާސަތުތައް އެކުލަވާލުމަށް ގޮވާލަމުންނެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސްކޫލު ކުދިންގެ މުޒާހަރާތައް ފުރަތަމަ ފެށުނީ މިދިޔަ އަހަރުގެ އޮގަސްޓު މަހު ސްވިޑެންގެ ޕާލިމެންޓު ކުރިމަތީގައި ތުންބާގް އަމިއްލައަށް ކުރި މުޒާހަރާއަކުންނެވެ. އޭރު އޭނާ ގޮވާލަމުން ދިޔައީ ސްވިޑެންއިން ޖައްވަށް ކާބަން ބޭރު ކުރާ މިންވަރު މަދު ކުރުމަށެވެ.

އޭގެ ފަހުން ދުނިޔޭގެ އެހެން ގައުމުތަކުގައިވެސް ދަރިވަރުން ދަނީ މޫސުމާ ގުޅުން ހުރި މުޒާހަރާތައް ބާއްވަމުންނެވެ. އަދި އަންނަ ހޯމަ ދުވަހު ބާއްވާ އދ.ގެ ކްލައިމެޓް އެކްޝަން ސަމިޓުގައި ވާހަކަ ދެއްކުމަށް ތުންބާގަށް ވަނީ ފުރުސަތު ދީފަ އެވެ. އެސަމިޓުގައި ބައިވެރިވުމަށް އިނގިރޭސިވިލާތުގެ ޕްލައިމައުތްއިން ނިއުޔޯކަށް ތުންބާގް ދިޔައީ އިރުގެ ހަކަތައިން ދަތުރު ކުރާ ޔޮޓެއްގަ އެވެ.

ސައިންސުވެރިން ބުނާ ގޮތުގައި ދުނިޔޭގައި ބޯޓު ދެއްޔާއި ތެލާއި ގުދުރަތީ ގޭސްތައް ބޭނުން ކުރާ މިންވަރު އިތުރުވުމުގެ ސަބަބުން ޖައްވުގައި ހޫނު ހިފަހައްޓައިދޭ ގޭސްތައް އިތުރުވެ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ދުނިޔެ ހޫނުވެ، ގަނޑުފެންތައް ވިރި، ކަނޑުގެ ލޮނުގަނޑު އުފުލެ އެވެ. އަދި އޭގެ ސަބަބުން ބިން ތިރި ސަރަހައްދުތައް ކަނޑުގެ އަޑިއަށް ދިޔުމާއި ތޫފާންތައް އިތުރުވުމުގެ ފުރުސަތު ބޮޑުވާ ކަމަށް ސައިންސުވެރިން ބުނެ އެވެ.