އައްޑޫޫ ސިޓީން އަހުމަދު ނާއިފް

އައްޑޫއީކުއެޓޯރިއަލް ކޮންވެންޝަންސެންޓަރު (އީސީސީ) އާއި އެތަނުގެ ވަށައިގެންވާ ސަރަހައްދުތަރައްގީ ކުރުމަށް އަންނަ ހަފްތާ އިންޓަނޭޝަނަލް ބިޑަށް ހުޅުއްވާލާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް އައްޑޫ ސިޓީ ސުކޮޔާގައި ބެއްވި ހާއްސަ ރަސްމިއްޔާތެއްގައި ގައުމާ މުހާތަބު ކުރައްވާ ރައީސް ވިދާޅުވީ ދެމެހެއްޓެނިވި ގޮތުގައި އިގްތިސޯދީ ހަރަކާތްތައް ހިންގުމަކީ މި ސަރުކާރުގެ އަމާޒު ކަމަށާއި ސާކު ސަމިޓާ ދިމާކޮށް އައްޑު އާއި ފުވައްމުލަކުގައި ބިނާކުރި އިމާރާތްތަކުންވެސް އެ ސަރަހައްދުގައި ފުދުންތެރި އިގުތިސޯދެއް ގާއިމް ކުރެވޭނެ ކަމަށެވެ. އެގޮތުން މި ނޮވެމްބަރު މަހުގެ 14 ވަނަ ދުވަހު އީސީސީ އާއި އެސަރަހައްދު ޕަބްލިކް ޕްރައިވެޓް ޕާޓްނަޝިޕްގެ ދަށުން ތަރައްގީކޮށް ހިންގުމަށް އިންޓަނޭޝަނަލް ބިޑިން އަކަށް ހުޅުވާލާނެ ކަމަށެވެ.

"މި ސަރަޙައްދުގެ އިޤްތިޞާދުގެ ދިރުމާއި އޭގެ ޖޯރު މިވަނީ ވަރަށް ބޮޑުތަނުން މަތިވެފައި. އައްޑޫއާއި މުލަކުގައި އަލަށް ޤާއިމު ކުރެވުނު ޢިމާރާތްތަކާއި ރަށްވެހި ތަރައްޤީގެ ވަސީލަތްތައް ބޭނުންކޮށްގެން، ދެމެހެއްޓެނިވި ގޮތުގައި މި އިޤްތިޞާދު ހިނގަހިނގާ އޮންނާނެ ގޮތްތައް، ސަރުކާރުންވަނީ ވިސްނާފައި. ވުމާއެކު، ކޮންވެންޝަން ހޮޓަލުގެ ގޮތުގައި، މިހުރި ކޮންވެންޝަން ސެންޓަރާއި އަދި އެސަރަޙައްދު އިތުރަށް ތަރައްޤީކޮށް ހިންގުމަށް، ޕީ.ޕީ.ޕީ.ގެ އުޞޫލުން ހުޅުވާލާ ބައިނަލްއަޤްވާމީ ބީލަން، މި ނޮވެމްބަރ 14 ވަނަ ދުވަހު ސަރުކާރުން ހުޅުވާލާނެ. އަދި މީގެ އިތުރުންވެސް، އިޤްތިޞާދީ އިތުރު ޙަރަކާތްތަކާއި ވަޒީފާގެ ފުރުޞަތުތައް މިހާރަށްވުރެ އެތައް ގުނައަކުން އިތުރުވެ ދިޔުމަށްޓަކައި، ހުޅުވެން އޮތް ހުރިހާ ދޮރުތައް ސަރުކާރުން ދަނީ ހުޅުވަމުން،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ސާކު ސަމިޓުގެ ސަބަބުން އައްޑޫގެ ތަރައްގީގެ ދުވެލި ހަލުވިކަން ފާހަގަ ކުރައްވަމުން ރައީސް ނަޝީދު ވިދާޅުވީ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިތަދޫ ޕޯޓަށް ބޭލި މުދަލުގެ އަދަދު 800 ޕަސެންޓަށް އުފުލިގެން ގޮސްފައިވާކަމަށެވެ. އައްޑޫ ތަރައްގީކުރި ގޮތަކީ ރާއްޖޭގެ އެހެން ސަރަހައްދުތައްވެސް ތަރައްގީވެގެންދާނެ ގޮތުގެ މިސާލެއް ކަމަށާއި ތަރައްގީ އަކީ ވަކިބަޔެއްގެ އެއްޗެއް ނޫންކަމަށް ރައީސް ތަކުރާރުކޮށް ވިދާޅުވި އެވެ.

"ސާކް ސަމިޓްގެ ޒަރީޢާއިން ލިބުނު ފުރުޞަތުގައި، މިހާ ކުރު މުއްދަތެއްގައި ގެނެވިފައި މިވާ ބޮޑު އިންޤިލާބު ދެކި، އަޅުގަނޑުމެންނަށްވުރެ މާ ކުޅަދާނަ، މާމޮޅު ޤައުމުތައް އެވަނީ އަންތަރީސްވެފައި. ބޮޑެތި ބިޔަ މަޝްރޫޢުތައް، ހައިރާންވާހާ ބާރުމިނުގައި ފުރިހަމަކޮށް ނިންމާލުމުގެ ހުނަރާއި، ފަންނާއި، ކުޅަދާނަކަން ދިވެހިންނަށް ލިބި ހުރި މަތީ ދަރަޖަ، މިއަދު މިވަނީ ސާބިތުވެފައި. މިހެން ލިބޭ ކޮންމެ ދަނޑިވަޅަކާއި ފުރުޞަތެއްގެ ބޭނުން ދެންވެސް އަޅުގަނޑުމެން ހިފާނީ ހަމަ މިގޮތަށް. މިއަދު މި ސަރަޙައްދުން މިފެންނަ ނަމޫނާ އިރާދަކުރެއްވިއްޔާ ހަމަ މިގޮތުގައި މުޅިރާއްޖެއަށް ފަތުރާނުލާނެނަމަ، މިފަހަރުގެ މި ސަމިޓް، މި ސަރުކާރުންވެސް ބޭއްވީހީ، ކުރިންވެސް ބޭއްވި ގޮތަށް،" ރައީސް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރަށް ބަހުގެ ހަމަލާތަކެއް ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރީގެ ސަރުކާރުން ކަންކަން ކޮށްފައިވާ ގޮތުން ރައްޔިތުން ތިބީ ތިބެންޖެހޭ ވަރަށް ވުރެ މާފަހަތުގައި ކަމަށެވެ. ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކުން ރައްޔިތުން މަހުރޫމް ކޮށްފައިވާކަމައްވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މި ސަރުކާރުން ވިސްނުންތެރިކަމާއި ސާބިތު ކަމާއި އެކު މަސައްކަތްކޮށް "ރައްޔިތުންގެ ހުވަފެންތައް ބިލާހަކަށް ވިޔަ ނުދީ" ހަގީގަތްތަކަށް ހަދައިދެއްވާނެ ކަމައްވެސް ވިދާޅުވި އެވެ.

"ހިތާމައަކީ މިއަދާ ހަމައަށް އައިއިރު، ޙަޤީޤަތުގައި ދިވެހިން ތިބެން ޖެހޭ ތަނަށް ނާދެވި، މާފަހަތުގައި އަޅުގަނޑުމެން ތިބެން ޖެހުނުކަން. ހިތާމައަކީ ސާފު ފެނާއި، މަގާއި، ނަރުދަމާއަކީ މާ މުޤައްދަސް ޚިދުމަތްތަކެއް ކަމުގައިވެ، މިއޮއްހާ ޒަމާނު، އެ ޚިދުމަތްތަކުން، ރައްޔިތުން މަޙްރޫމްކޮށްފައި ތިބިކަން. ވުމާއެކު، ގެއްލިދިޔަތަން އަނބުރާ ހޯދުމުގައި ރެޔާދުވާލު، ހުއްޓާނުލާ މަސައްކަތްކުރުން، އަޅުގަނޑުމެންނަށް މިވަނީ މަޖުބޫރުވެފައި. އަދި މި ކަންކަމަށް ހިނގާނެ ބޮޑެތި ޚަރަދުބަރަދާ ގުޅޭ، ތަދުބީރުތައް ރާވައި، އެސިޔާސަތުތައް ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު، މިއަދު ކިތަންމެހާވެސް ބުރަ. އެއާއެކު މިކަންކަމާ ދިމާ ދެކޮޅަށް ކުރިމަތިކުރުވާ ހުރަސްތަކާއި ގޮންޖެހުންތައްވެސް އެހާމެ ގިނަ،" ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ވެރިކަން ކުރަނީ ޖުމްހޫރީ ވެރިކަމެއް ކުރާ ގޮތަށް ކަމަށާއި ޖުމްހޫރީ ވެރިކަމެއް ކުރެވޭނީ ރައްޔިތުންގެ ހައްގުތަށް ރައްކާތެރިކޮށްދީ ދުރުވިސްނުމެއްގައި ކަންކަން ކުރިއަށް ގެންގޮސްގެން ކަމަށެވެ. ނަމަވެސް މީގެ ކުރިން ވެރިކަން ކޮށްފައިވަނީ "ހިތާވާ ކަމެއްކޮށް، ހިތާނުވާ ކަމެއް ދޫކޮށް އެއްވެސް ދުރުވިސްނުމެއް ސިޔާސަތެއް، ރޭވުމެއް ނެތި" ކަމަށެވެ.

"ޖުމްހޫރީ ވެރިކަމަކީ، ހަމައެކަނި ވެރިކަމަށްޓަކައި ވެރިކަންކޮށް، ރައްޔިތުން ބިކަކޮށް، އެކަހެރި ކުރެވޭނެ ނިޒާމެއްވެސް ނޫން. ޖުމްހޫރީ ވެރިކަމުގައި، އަހަރަކު ބަނދަރެއް ހަނދައިގެން އަހަރުތައް ބޭކާރެއް ނުކުރެވޭނެ. އަމުދުން ސާފު ފެނާއި، ނަރުދަމާއާއި، ޟަރޫރީ ވަސީލަތްތަކުން ރައްޔިތުން މަޙްރޫމްކޮށްގެން، ޖުމްހޫރީވެރިކަމެއް ނުކުރާނެ. ކޮންމެ ހަޅައަކަށް ވެއްޓޭ ގޮތަށް، ވެލިސިމެންތިން ކަނޑުތޮށްޓާއި، އެއްގަމު ވާޓަރު ހަދައިގެން ޖުމްހޫރީ ވެރިކަމެއް ނުހިންގާނެ. ޖުމްހޫރީ ވެރިކަމެއްގައި ރައްޔިތަކަށް ބުނެވޭ ބަހަކުން، ކުރެވޭ އިޝާރާތަކުން، އޭނާ ހިފާ ހައްޔަރުކޮށް ކުޑަގޮޅީގައި، ލާއިންސާނީ އަނިޔާއެއް ނުދޭނެ. އަދި ހަމަކަށަވަރުންވެސް، ޖުމްހޫރީ ވެރިކަމެއްގައި ދީނީ ޢިލްމުވެރިން ހިފާހައްޔަރުކޮށް އަހުވައެއް ނުދައްކާނެ،" ރައީސް ވިދާޅުވި އެވެ.

ފޯރީގައި ދެއްކެވި ވާހަކަފުޅު ނިންމަވާލައްވަމުން ރައީސް ވަނީ ރައްޔިތުންނަށްޓަކައި ކޮންމެ ދުވަހަކު މަދުވެގެން 15 ގަޑިއިރު މަސައްކަތް ކޮށް ރައްޔިތުންގެ އުންމީދުތަށް ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ "އެންމެ ފައިސާ ފޮއްޗެއް ގައި ނުޖެހޭނެ" ކަމައްވެސް ވައުދުވެ ވަޑައިގަތެވެ.

ރައީސް ވިދާޅުވީ ބަޔަކު ނުވާނެޔޭ ބުނި އެތައް ކަމެއް ކޮއްފިން ކަމަށާއި އަދިވެސް އެކަންތައްތައް ކުރުމުގައި ސާބިތު ކަމާއި އެކު ހުންނަވާނެ ކަމަށެވެ.

"އިރާދަކުރެއްވިއްޔާ އަދިވެސް އަޅުގަނޑުމެން ކުރާނަން. އިރާދަކުރެއްވިއްޔާ ދެން އޮތް ތަނުގައިވެސް އަޅުގަނޑުމެން ކުރާނަން. ބޭނުންވަނީ ޖެހިލުން ކުޑަ އާދަޔާ ޚިލާފް، އިޚުލާޞްތެރި ވިސްނުން. ބޭނުންވަނީ މިއަދު ފެންނަންނެތްތަން ދެކިގެންތިބެ، އެތަން ހޯދުމަށް ކެތްތެރިކަމާއި، ތެދުވެރިކަމާއި، އަމާނާތްތެރިކަމާއެކު ގަދައަޅައި މަސައްކަތްކުރުން. ބޭނުންވަނީ ހަމަ ޙަޤީޤަތުގައިވެސް ޣައިބަށް އީމާންވުން."