20 Sep 2019, 12:23
އުފެދުމުގައި ސިކުނޑީގެ ހާއްސަ މައްސަލައެއް ހުންނަ ދިވެހިން ގިނައަދަކަށް ފެންނަކަމަށް އޭޑީކޭ ހޮސްޕިޓަލުން ބުނެފި އެވެ.
އޭޑީކޭގެ މެނޭޖިން ޑިރެކްޓަރު އަފްއާލް އަހުމަދު "ސަން" އަށް މިއަދު ވިދާޅުވީ އެކަން ހާމަވީ އެ ހޮސްޕިޓަލްއިން ދާދި ފަހުން ކުރި ދިރާސާއެއްގައި ކަމަށެވެެ.
އިއްޔެ ނިމިގެން ދިޔަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގައި ވަނީ އެކަމާ ގުޅޭ ކަރުދާހެއްވެސް ހުށަހަޅައިފަ އެވެ.
"އަޅުގަނޑުމެންނަށް އެކަން ފާހަގަވީ ޑޮކްޓަރަށް ދައްކަން އަންނަ މީހުން ބެލިބެލިމުން. މިސާލަކަަށް އަތުވެދާނެ ބޮލުގައި ރިއްސާތީ އައްސިވާތީ. މިހެންވާތީ އެމްއާރުއައި ފަދަ އެއްޗެތި ހެދިއިރު އެނގުނު ފާހަގަކުރެވުނު ކައިރީ ނަމަކަށް ކިޔާ މެލްފަންކްޝަނެއް ހުންނަކަން. އެގޮތުން ސިކުނޑީގެ މައި ނާރުގައި ތަފާތުކަމެއް ހުރޭ،" އޭނާ ވިދާޅުވިއެވެ.
އަފްއާލް ވިދާޅުވީ އެކަމާ ގުޅޭގޮތުން އިތުރު ދިރާސާތައްކޮށް އެކަން ދިމާވާ ސަބަބު ހޯދަން މިހާރު ނިންމާއިފައިވާ ކަމަށެވެ.
ނިމިގެން ދިޔަ ބްރެއިން އެންޑް ސްޕައިން ކޮންފަރެންސާ ގުޅޭގޮތުން އަފްއާލް ވިދާޅުވީ އެ ކޮންފަރެންސް ވަރަށް ކާމިޔާބު ކަމަށެވެ.
"މިފަހަރު 300 ބޭފުޅުން ބައިވެރިވި އޭގެ ތެރޭގައި ދުނިޔޭގެ ފުންނާބު އުސް ބޭފުުން ހިމެނޭ. ސާޖަރީގައި ބޭނުންކުރާ އެންމެ ޓެކްނޮލޮޖީ އާ ޓެކްނޮލޮޖީ އަދި އާ އުކުޅުތައްވެސް ފާހަގަކުރެއްވި އެބޭފުޅުން. އަދި ހޭންޑްސް އޮން ވޯކްޝޮޕްތަކެއްވެސް ކުރިއަށް ގެންދިޔައިން." އަފްއާލް ވިދާޅުވި އެވެ.
އަފްއާލް ވިދާޅުވީ ނިމިގެން ދިޔަ ބްރެއިން ކޮންފަރެންސްގައި 63 ކަރުދާސް ހުށަހެޅި ކަމަށެވެ.