20 Sep 2019, 00:22
ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމާ ގުޅޭ ގާނޫނު މިހާރު އޮތް ގޮތުން ހައްދުފަހަނަ އެޅި ފިކުރުގެ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުރި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
އިސްލާމްދީނަށް އިހާނެތިކޮށް ހިތުމާއި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް ކަމާ ގުޅޭ ވެރިންނާ އެކު މިއަދު ބޭއްވެވި ބައްދަލު ކުރެއްވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ބުނީ، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި އޮތް އެންމެ ބޮޑު ދައްޗަކީ، ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ކަމަށެވެ. އަދި އެ ދަތިތައް ހައްލު ކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ޖެހޭކަން ނައިބު ރައީސް އެ ބައްދަލުވުމުގައި ފާހަގަ ކުރެއްވި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ނައިބު ރައީސްގެ އެ ބައްދަލުވުމުގައި ޑިފެންސް މިނިސްޓަރާއި އިސްލާމިކް މިނިސްޓަރާއި ޔޫތު މިނިސްޓަރާއި ކޮމިޝަނާ އޮފް ޕޮލިސް ބައިވެރިވެވަޑައިގެންނެވި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ކައުންޓާ ޓެރަރިޒަމް ތަހައްމަލުކުރާ މުޖުތަމައެއް ގާއިމުކުރުމަށް ހުރި ދަތިތަކާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރެއްވި އެވެ.
ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅުކުރުމާއި ތަހައްމަލުކުރަން ދަންނަ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުޖުތަމައު އޮތުމަކީ މުހިއްމު ކަމެއް ކަމަށް ނައިބު ރައީސް ފައިސަލް ފާހަގަ ކުރެއްވި އެވެ.
އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ވަޒީރުންނާއި އިދާރާތަކުގެ ވެރިން ވަނީ ޓެރަރިޒަމް ހުއްޓުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެކުލަވާލެއްވި ކޮމެޓީން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ފަހުގެ މައުލޫމާތު ވެސް ނައިބު ރައީސްއަށް އަރުވައިފަ އެވެ.