11 Nov 2011, 19:00
ކޮންމެ ގައުމަކުންވެސް އަހަރަކު ލިބޭ އާމްދަނީގެ ވަކި މިންވަރެއް އިއާދަކުރަނިވި ހަކަތައަށް އިންވެސްޓް ކުރަން ސާކުގެ އަށް ގައުމުން އެއްބަސްވެއްޖެ އެވެ.
އިއްޔެއިން މިއަދުގެ ނިޔަލަށް އައްޑޫ ސިޓީގައި ކުރިއަށްދިޔަ ސަތާރަވަނަ ސާކު ސަމިޓް ނިންމުމުގެ ގޮތުން ތަގުރީރު ކުރައްވަމުން ރައީސް މުހަންމަދު ނަޝީދު ވިދާޅުވީ ގައުމުތަކުގެ މެދުގައި އެއްބަސްވި މުހިންމު ނިންމުންތަކުގެ ތެރެއިން ކޮންމެ އަހަރަކުވެސް ދައުލަތްތަކަށް ލިބޭ އާމްދަނީގެ ތެރެއިން ވަކި ޕަސެންޓެއް އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކަށް އިންވެސްޓް ކުރުމަށް އެއްބަސްވެވުނު ކަމަށާއި އެ އަދަދު ގައުމުތަކުން ކަޑައަޅާނެ ކަމަށެވެ.
ޖަލްސާގެ ފަހުން ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ސާކުގެ ގައުމުތަކުން އިއާދަކުރަނިވި ހަކަތައަށް އެއްޕަސެންޓް ހޭދަކުރަން ނިންމިނަމަވެސް ސާކު ސަރަހައްދު ވާނީ އިއާދަކުރަނިވި ހަކަތައިގެ އެންމެ ބޮޑު އެއް ސަރަހައްދަށް ކަމަށެެވެ.
"ގައުމުތަކަށް ފެނުނީ އެބޭފުޅުންގެ ގައުމީ އިދާރާތަކާއި ފިނޭންސާއި އެހެނިވެސް މުއައްސާތަކާއި އެކު މަޝްވަރާކޮށްފައޭ އަދަދެއް ކަޑައެޅޭނީ. އެހެންނަމަވެސް އެސޯސިއޭޓް ޕަސެންޓޭޖެއް ހިމެނުމަށް އެބޭފުޅުން މިވަނީ އެއްބަސްވެފައި. މިސާލަކަށް ސާކު ގައުމުތަކުގެ ދައުލަތުގެ އާމްދަނީން އެއްޕަސެންޓްވެސް ހިމަނައިފިނަމަ އޭގެ މާނައަކީ ސާކުގެ ސަރަހައްދުވެގެން ދާނޭ މިބާވަތުގެ ހަކަތައިގެ އެންމެ ބޮޑު ސަރަހައްދަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ދުނިޔޭގެ ބޮޑަތި ބާރުތައްކަމުގައި ބަލާ އިންޑިޔާ އާއި ޕާކިސްތާން ސާކުގެ ތެރޭގައި ހިމެނޭއިރު ރައީސް ނަޝީދު ވިދާޅުވީ އެ އިންވެސްޓަމްނަޓުގެ ސަބަބުން ވަރަށް ބޮޑު މާކެޓެއް ސާކުގައި އުފެދިގެންދާނެ ކަމަށެވެ.
"އޭރުން ވެގެންދާނެ މި ސަރަހައްދުވާނީ އެކަމަށް އެންމެ ގިނައިން އިންވެސްޓްކުރެވޭ ސަރަހައްދަށް. އޭރުން ވަރަށް ބޮޑު މާކެޓެއް ހުޅުވިގެންދާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.
ސާކުގެ ގައުމުތަކުގެ ވެރިން ތަގުރީރުގައިވެސް މޫސުމީ ބަދަލުތަކުގެ ސަބަބުން ފަގީރުކަން އިތުރުވެ އިގްތިސޯދީ ކުރިއެރުމަށް ހުރަސްއެޅޭކަން ވަނީ ފާހަގަ ކުރައްވާފަ އެވެ.
އެ އެއްބަސްވުމާއެކު އައްޑޫ ޑެކްލަރޭޝަންގައި 20 މާއްދާއެއް ހިމެނެ އެވެ. އޭގެތެރެއިން އެންމެ މުހިންމީ މެރިޓައިމް ސެކިއުރިޓީގެ ދާއިރާއން އެއްބާރުލުން ދިނުމާއި ސާކުގެ އޮބްޒާވަރުންގެ ދައުރާއި އުސޫލުތަކަށް ބަދަލުތަކެއް ގެނައުމާއި ސާކުގެ ސެކްރެޓޭރިއަޓަށް އިސްލާހީ ބަދަލުތަކެއް ގެނައުމަށްވި އެއްބަސްވުމެވެ. އަދި ސަފްޓާ އާއި މިނިވަން ވިޔަފާރި ގާއިމްކުރުމަށް މަސައްކަތް ކުރުމަށް މިނިސްޓީރިއަލް ކައުންސިލަށްހުށަހަޅަންވެސް ފާސްކުރި އެވެ. އަދި އިންޑިއާއިން ހުށަހެޅި ޕޯސްޓަލް ޔޫނިއަން ގާއިމް ކުރުމައްވެސް މެންބަރުން ގައުމުތަކުން އެއްބަސްވި އެވެ.