ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން ތަރައްގީކުރާ 4200 ހައުސިން ޔުނިޓުގެ މަސައްކަތް މިއަހަރުގެ ނޮވެމްބަރު މަހު ފަށާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން މަސައްކަތް ކުރާ ކަމަށެވެ. ބޯހިޔާވަހިކަން ބޭނުންވަނީ މާލެ ސަރަހައްދަށް އެކަނި ނޫން ކަމަށާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައިވެސް އެ މައްސަލަ އެބަ އޮތް ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އެކަމަށް ހައްލު ހޯއްދަވަން ގަދައަޅައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސް މިއަދު ދެއްވި އެވެ.

އެގޮތުން ހދ ނޮޅިވަރަންފަރާއި ތ.ތިމަރަފުށި އަދި ޅ. ނައިފަރުގައި ހައުސިން ޔުނިޓު އެޅުމަށް މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށާއި އަތޮޅުތެރޭ އަޅަން ހަމަޖެހިފައިވާ 5000 ހައުސިން ޔުނިޓުގެ ތެރެއިން އިތުރު ރަށްރަށުގައި މަސައްކަތް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރަށްރަށުގައި ހައުސިން ޔުނިޓު އަޅަން ހަމަޖެހިފައިވާ ގޮތް:

  • ލ ފޮނަދޫ: 50 ޔުނިޓު

  • ގދ މަޑަވެލި: 22 ޔުނިޓު
  • ފުވައްމުލައްސިޓީ: 200 ޔުނިޓު
  • ސ. ހުޅުމީދޫ: 48 ޔުނިޓު
  • ގދ ގައްދޫ: 50 ޔުނިޓު
  • ސ. ހިތަދޫ: 264 ޔުނިޓު
  • ގއ ވިލިނގިލި: 52 ޔުނިޓު
  • ގދ. ހޯޑެއްދޫ: 40

ހައުސިން ޔުނިޓު އެޅުމުގެ އިތުރުން ރަށްރަށުން ދޫކޮށްފައިވާ ގޯތިތަކުގައި ނުހެދި ހުރި ގޭގެ ހެދުމަށް ފައިސާ ދޭގޮތަށްވެސް ވަނީ ނިންމައިފަ އެވެ.

ކުރީ ސަރުކާރުން ހުޅުމާލޭގައި އިމާރަތްކޮށްފައިވާ 6860 ހައުސިން ޔުނިޓާ ގުޅޭގޮތުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ފަސޭހަ ކުޑައަގެއްގައި އެތަންތަން ދޫކުރަން އެޗްޑީސީ އާއެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.

"އަޅުގަނޑު ކުރިންވެސް ދެންނެވި އެތަންތަނުގައި ދިރިއުޅެން ދަތިވާހަކަ، އަދި އަގު ބޮޑު ވާހަކަ. އަޅުގަނޑުމެން މިހާރު އެޗްޑީސީ އާއެކު މަޝްވަރާކޮށްފައި އޮންނާނެ ރަނގަޅު އަގުގައި، 7000 އަށް ވުރެ ބޮޑުނުވާނެ ހެން ދެވެނެ ގޮތެއް ހޯދުމަށް. އެއީ މުއްދަތު އިތުރުކޮށްގެން ނަމަވެސް،" ރައްޔިތުންނަށް ލުއި ކުއްޔެއްގައި ނޫން ގޮތަކަށް ފްލެޓް ދޫނުކުރާނެ ކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވި އެވެ.

މި ހައުސިން ޔުނިޓުތަކަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަން ކުރުމުގެ މަސައްކަތް ފްލެޓުތަކުގެ މައްސަލަ ބެލުމަށް އުފައްދާފައިވާ ކޮމެޓީ އިން ފަށަން ތައްޔާރުވެފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އަދި ޑިސެމްބަރު މަހުގެ 15ގެ ނިޔަލަށް އެ މަސައްކަތް ނިންމުމަށް ކޮމެޓީ އިން މަސައްކަތް ކުރަމުންދާކަމަށް ވެސް ވިދާޅުވި އެވެ.

ޓާޓާ ފްލެޓުތައް ލިބުނު މީހުންގެ އަތުން ކުރީ ސަރުކާރުން ނެގީ ބޮޑު އަގެއް ކަމަށާއި އެމްއެމްއޭ އާއި ވާހަކަ ދައްކައިގެން އެފަރާތްތަކަށް ލުޔެއް ހޯދައިދިނުމަށް މަސައްކަތް ކުރައްވަމުންދާކަމަށްވެސް ރައީސް ވިދާޅުވި އެވެ.