19 Sep 2019, 17:24
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި އެމަނިކުފަނާ ދެމެދު މައްސަލަ ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް ނަޝީދު އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނާ ބައްދަލު ކުރައްވަން ބޭއްވެވި ޖަލްސާއެއްގައި ވިދާޅުވީ، ސަރުކާރުގެ އިދާރާތަކުގައި ލަސްކަމެއް އުޅޭ ކަމަށެވެ. އެ ވާހަކަތަށް ފަހު އެމަނިކުފާނާއި ރައީސް ސޯލިހާ ދެމެދު މައްސަލަ ޖެހިފައިވާ ކަމަށް ދެކެވޭ ވާހަކަތައް މިފަހުން ވަނީ އިތުރަށް ހޫނުވެފަ އެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ސޯލިހު ވިދާޅުވީ، އެމަނިކުފާނާ ރައީސް ނަޝީދާ ދެމެދު އެއްވެސް މައްސަލައެއް ޖެހިފައި ނުވާ ކަމަށެވެ.
"ރައީީސް ނަޝީދާ އަޅުގަނޑާ ދޭތެރެއަކު ނެތް އެއްވެސް މައްސަލައެއް. މިއަދު ވެސް އަޅުގަނޑުމެން ވާހަކަ ދެއްކިން ބައެއް ކަންތައްތަކާ ބެހޭ ގޮތުން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނާއި ރައީސް ނަޝީދާ ދެމެދު މައްސަލަ ޖެހިގެން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކަކީ އޮޅުވާލަން ބަޔަކު ގަސްދުގައި ދައްކަމުންދާ ވާހަކައެއް ކަމަށެވެ. އަދި ރައީސް ނަޝީދާއި އެމަނިކުފާނާ ދެ މެދު މައްސަލަ ޖެހޭނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑާއި ރައީސް ނަޝީދާ މައްސަލަ ޖެހޭނެ ކަމެއް ނޯންނާނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ، އެމަނިކުފާނުގެ ސަރުކާރުން ރައީސް ނަޝީދު ރައީސްކަން ކުރައްވާ ރައްޔިތުންގެ މަޖިލީހަށް ވެސް މީގެ ކުރިން ސަރުކާރަކުން އެއްބާރުލުން ނުދޭ ވަރަށް އެއްބާރުލުންދެމުންދާ ކަމަށެވެ.
ރައީސް ސޯލިހުއާއި ރައީސް ނަޝީދާ ދެމެދު ދެބަސްވުންތަކެއް އުޅޭ ކަމަށް އެންމެ ބޮޑަށް މީގެ ކުރިން އަޑުފެތުރިގެން ދިޔައީ އެ ދެ ބޭފުޅުން ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ތަފާތު ދެ ބޭފުޅަކަށް ތާއީދު ކުރެއްވި ހިސާބުންނެވެ. އެކަމަކު، ރައީސް ނަޝީދު މަޖިލީހުގެ ރައީސް ކަމަށް ހަމަޖެހުނު ފަހުން އެ އަޑުތައް ވަނީ މަޑުވެފަ އެވެ.