11 Nov 2011, 17:33
ވ. އަތޮޅު ފޮއްތެޔޮ ކައިރިން ގިނަ އަދަދެއްގެ ޒަހަމްތަކާ އެކު ބިޑިއަޅުވައި، މަރާލުމަށް ފަހު އެއްލާލައިފައި އޮއްވާ ފެނުނުކަމަށް ފުލުހުން ބުނާ ގަބުރުގެ މައްސަލަ ހާމަކަން ބޮޑު ގޮތެއްގައި ތަހުގީގުކުރުމަށް ޕީޕީއެމް އިން ފުލުހުންނަށް ގޮވާލައްވައިފި އެވެ.
ޕީޕީއެމް އިން ރޭ ދަންވަރު ނެރުނު ކުރު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މަރާލައި އެއްލާލައިފައި އޮއްވާ ފެނުނު އެ މީހަކީ ކާކުތޯ ރަނގަޅަށް ބަލައި އަދި އެއީ ދިވެއްސެތޯ ރަނގަޅަށް ޔަގީން ކުރުމަށް ފަހުގައި ނޫނީ އެގަބުރު ވަޅުނުލުމަށް އެޕާޓީން ފުލުހުންނަށް ގޮވާލާ ކަމަށެވެ.
ބިޑިއަޅުވައި މަރާލައި އެއްލާލާފައި އޮއްވައި ފެނުނު ކަމަށް ބުނާ އެމީހާގެ ޕޯސްޓު މޯޓަމް ހަދާ އެރިޕޯޓު އާންމުކުރުމަށާއި އަދި އެމީހާގެ ސައްހަ މައުލޫމާތު އެއްވެސް ފޮރުވުމެއް ނެތި ނޫސްވެރިންނަށް ހާމަކުރުމަށް އެ ޕާޓީން ވަނީ ފުލުހުންނަށް ގޮވާލައިފަ އެވެ.
ވ. އަތޮޅު ފޮއްތެޔޮ ނަމަކަށް ކިޔާ ފަރެއް ކައިރިން ޒަހަމްތަކަކާ އެކު އެ މީހާ ފެނުނު އިރު ފުލުހުން ގެންގުޅޭ ކަހަލަ ބިޑިއެއް އަޅުވާފައި އޮތްކަމަށާއި އެހެންކަމުން އެ މައްސަލަ ތަހުގީގު ކުރުމުގައި ފުލުހުންގެ އިތުރުން ޕޮލިސް އިންޓެގްރިޓީ ކޮމިޝަން ބައިވެރިވާން ޖެހޭނެ ކަމަށް ވެސް ޕީޕީއެމްގެ އެ ބަޔާނުގައި ބުނެފައިވެ އެވެ.