16 Jun 2010, 10:13
14:30
މަޤާމު ގެއްލިދާނެތީ އެއްވެސް ވަރަކަށް ޖެހިލުންވެވަޑައިނުގެންނަވާ ކަމަށާއި ހަމައެކަނި ދެރަފުޅުވަނީ ތައުލީމީ ނިޒާމް ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ބުރުލެއް އަރާފާނެތީ ކަމަށް އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައިފައިވާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ ވިދާޅުވެއްޖެ އެވެ. ޑރ. މުސްތޮފާ ލުތުފީ މިހެން ވިދާޅުވީ ދަރުބާރުގޭ ފަންސަވީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެމަނިކުފާނު މައްޗަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ އިތުބާރު ނެތް މައްސަލައާ މެދު ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. މުސްތޮފާ ލުތުފީ ވިދާޅުވީ ރާއްޖޭގައި ތައުލީމް ދިނުމަށްޓަކައި އެ މިނިސްޓްރީން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށާއި އަދި ތައުލީމީ ނިޒާމް ހަރުދަނާ ކުރުމަށް އެ މިނިސްޓްރީން ދެކޭ ވަރަށް ބޮޑު ތަސައްވުރެއް އެބައޮތް ކަމަށެވެ. ނަމަވެސް އެކަންތައް ނުކުރެވޭނެ ގޮތެއް މެދުވެރިވުމަކީ އެމަނިކުފާނު ވަރަށް ހިތާމަކުރައްވާނެ ކަމެއް ކަމަށް ވެސް އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވި އެވެ.
މީގެ އިތުރުން މަތީ ސާނަވީގައި އިސްލާމާއި ދިވެހި އިހްތިޔާރީ މާއްދާއެއްގެ ގޮތުގައި ހެދުމަށް އެޑިއުކޭޝަނުން ނިންމާފައިނުވާ ކަމަށާއި އެއީ އަދި ހަމައެކަނި ހުށަހެޅިފައިވާ ހިޔާލެއް ކަމަށްވެސް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.
މިއަދުގެ އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ނައިބް ޝިފާ މުހައްމަދު ވިދާޅުވީ އަރަބިއްޔާގެ ބާ އިމާރާތް ތަޅާލުމުގެ މަސައްކަތް އަންނަ ހަފްތާގެ ތެރޭގައި ފަށާނެ ކަމަށެވެ.