19 Sep 2019, 15:50
އިސްލާމިކް ސްޓޭޓް (އައިއެސް) އާއި އަލްގައިދާ ހިމަނައިގެން، ދިވެހި ސަރުކާރުން ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ބަލައި ފަރާތްތަކުގެ ލިސްޓް މިއަދު ފުރަތަމަ ފަހަރަށް އާންމު ކޮށްފި އެވެ.
ޓެރަރިޒަމް ހުއްޓުވުމުގެ ގާނޫނުގެ ދަށުން ޓެރަރިސްޓުންގެ ލިސްޓެއް އެކުލަވާލައި ރައީސް އޮފީހުން އާންމު ކުރަން ޖެހެ އެވެ. ޓެރަރިޒަމްގެ ގާނޫނަށް އަމަލު ކުރަން ފެށިތާ އަހަރަކަށް ވުރެ ގިނަ ދުވަސްވީ ފަހުން ރައީސް އޮފީހުން އާންމު ކުރި އެ ލިސްޓްގައި 17 ޖަމާއަތެއްގެ ނަން ހިމެނެ އެވެ.
ރައީސް ޔާމީންގެ ސަރުކާރުގެ އަމަލު ކުރަން ފެށި އެ ގާނޫނުގެ ދަށުން އޭރު އެ ލިސްޓް ސަރުކާރުން އެކުލަވާލި ނަމަވެސް، މީގެ ކުރިން އެ ލިސްޓް އޮތީ އާންމުނުކޮށެވެ.
މިއަދު އާންމުކުރި އެ ލިސްޓްގައި ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ދުނިޔޭގެ ގައުމުތަކުން ކަނޑައަޅާފައިވާ ހުރިހާ ޖަމާއަތްތަކުގެ ނަން ހިމަނާފައިވެ އެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓް:
އިސްލާމިކް ސްޓޭޓް (އައިސިލް/އައި.އެސް.އައި.އެސް/އައިސިސް)
- އަލް ޤައިދާ
- ޖަބްޙަތުއް ނުޞްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
- ލަޝްކަރޭ ޠައިބާ
- އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
- އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
- އަބޫ ސައްޔާފް ގްރޫޕް
- ބޮކޮ ހަރަމް/ ބޯކޯ ހަރަމް
- އަލް ޝަބާބް
- އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
- ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީ.ޓީ.ޕީ)
- ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
- ޖައިޝޭ މުޙައްމަދު
- އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
- ނޭޝަނަލް ތައުޙީދް ޖަމާޢަތް
- ޖަމާޢަތު މިއްލަތޭ އިބްރާހީމް
- ވިލާޔަތް އަލް ސޭލާނީ
"މިހާތަނަށްވެސް ގާނޫނީގޮތުން ކުރަންޖެހި ނުކުރެވި އޮތްކަމެއް އެއީ ލިސްޓު ހެދުން. ވަރަށް ސާފުކޮށް ސަރީހަކޮށް ޓެރަރިޒަމް ގާނޫނުގައި އެބަބުނޭ އެ ވާހަކަ. އަދި ކުރިން އެ ގާނޫނު ފާސްވި އިރު އޮންނަނީ ލިސްޓު ހަދާފަ އާންމު ކުރަން ޖެހޭނެ ކަމަށް. 2016 ވަނަ އަހަރު ގާނޫނަށް އިސްލާހު ގެނެސް އޭރު ނިންމެވީ ރައީސް ލިސްޓެއް ހެދުމަށްފަހު ގައުމީ ސަލާމަތު މަޖިލީހުގެ މަޝްވަރާތަކެއް ކޮށް ސިފައިންގެ ބެލުމުގެ ދަށުން ބަހަލައްޓަން ވާނެޔޭ،" ރައީސް ވިދާޅުވި އެވެ. "ގައުމީ ސަލާމަތާ ބެހޭ މަޖިލީހާ ބައްދަލު ކޮށްފަ އަޅުގަނޑު ނިންމީ ލިސްޓު ހަދާކަމަށް ވަންޏާ ލިސްޓު އާންމުކުރަން ވާނެޔޭ... އަޅުގަނޑު އަތުގައި ފޮރުވާފައި ލިސްޓެއް އޮތަސް ކާކަށްތޯ އެނގޭނީ އެއީ ޓެރަރިސްޓް ޖަމާއަތެއްކަން،"
ރައީސް ވިދާޅުވީ ޓެރަރިސްޓް ޖަމާއަތެއްކަން ކަނޑައަޅައި އާންމު ނުކުރާ ނަމަ އެފަދަ ޖަމާއަތްތެއްގައި ބައިވެރިވެވުނަސް އާންމުންނަށް ނޭނގިދާނެ ކަމަށެވެ. ލިސްޓު އާންމު ކުރުމުން އެފަދަ ޖަމާއަތްތަކަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓެއް ހާމަކުރަން ޖެހޭ އަނެއް ސަބަބަކީ އެފަދަ ޖަމާއަތްތަކަށް އެހީވަނީ ކޮން ބއެއްއްކަން ދެނެގަތުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ.
"މިހާރުއޮތްގޮތުން އެއިން ޖަމާއަތަކާގުޅިގެން ހަނގުރާމައަށް ގޮސްފައި އައުމުން ކޯޓަށް އެ މައްސަލަލިޔަސް އެ މީހެއްގެ މައްޗަށް ކުށެއް ސާބިތު ކުރެވޭނެ ހުއްޖަތެއް އޮތްކަމަށް ކޯޓަކުން ނުދެކޭ. ހަމައެގޮތަށް ފައިސާގެ އެހީ ވިޔަސް އެކަން ސާބިތު ކުރެވޭގޮތެއް ނާދޭ. ޓެރަރިޒަމް އާ ގުޅޭ ޖަމާއަތްތަކަކީ ކޮބައިކަން ގާނޫނުގައި ކަނޑައެޅުމަށްފަހު އެއަށް ހަރަދު ކުރާ ފަރާތްތަކާ މެދު އަޅާނެ ފިޔަވަޅުތައް ގާނޫނުގައި އޮންނާނެ،" ރައީސް ވިދާޅުވި އެވެ.