19 Sep 2019, 15:36
ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ފުވައްމުލަކު އަންހެން ކުދިންނަށް ކޯޑިން ދަސްކޮށްދޭ ޕްރޮގްރާމެއް ފަށަން ތައްޔާރު ވެއްޖެ އެވެ.
މިމަހުގެ 22 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ފަށާ މި ޕްރޮގްރާމު ކުރިއަށް ގެންދާނީ "ގާލްސް ޓު ކޯޑް" ގެ ނަމުގައެވެ. މި ޕްރޮގްރާމަކީ އަންހެން ކުދިންނަށް ކޯޑްކުރަން ދަސްކޮށް ދިނުމާއި އަންހެން ކުދިންގެ މެދުގައި ޓެކްނޮލޮޖީ އަށް ޝައުގުވެރިކަން އިތުރުކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށް ދިރާގުން ބުންޏެވެ.
"ގަރލްސް ޓު ކޯޑް" ޕްރޮގްރާމް އަމާޒު ކުރެވިފައިވަނީ 14 އަހަރާއި 20 އަހަރާއި ދެމެދުގެ އުމުރުފުރައިގެ ވެބް ޑިވެލޮޕްމަންޓް ނުވަތަ ކޯޑު ކުރުމަށް ޝައުގުވެރިކަން ހުންނަ އަންހެން ކުދިންނަށް ކަމަށާއި މި ޕްރޮގްރާމުގައި ބައިވެރިވުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް ދިރާގުން ބުންޏެވެ. ދެމަސް ދުވަހުގެ މި ޕްރޮގްރާމުން 20 ކުއްޖަކަށް ޖާގަ ދޭނެއެވެ.
މި ޕްރޮގްރާމްގައި އެޗްޓީއެމްއެލް، ސީއެސްއެސް އަދި ޖާވާ ސްކްރިޕްޓް ބޭނުންކޮށްގެން އަމިއްލައަށް ވެބްސައިޓެއް ފަރުމާކޮށް ޑިވެލޮޕްކުރަން ދަސްކޮށްދޭނެ އެވެ. އަދި ކްލާހުގައި ނަގައިދޭ ފިލާވަޅުގެ އިތުރުން އަމަލީކޮށް ވެބްސައިޓްތައް ޑިވެލޮޕްވެސް ކުރެވޭނެއެވެ. މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު ސިޓީގެ އިންސްޓިޓިއުޓް އޮފް ލޮޖިސްޓިކްސް އެންޑް ޓެކްނޮލޮޖީގައެވެ.
ވިމެން އިން ޓެކް މޯލްޑިވްސް އިން ބުނީ އަންހެން ކުދިން ޓެކްނޮލޮޖީ ދާއިރާގައި ކިޔަވައި، ހުނަރު ތަރައްގީކޮށް ދާއިރާގައި ދެމިތިބުމުގެ ނިސްބަތް މަދުކަމަށާއި، "ގަރލްސް ޓު ކޯޑް" ފަދަ ޕްރޮގްރާމްތައް މެދުވެރިކޮށް މި ދާއިރާއަށް އަންހެން ކުދިން ތައާރަފުކުރުން ވަރަށް މުހިންމުކަމަށެވެ.
ޓެކްނޮލިޖީ ދާއިރާގައި ޒުވާން އަންހެން ކުދިން ބާރުވެރިކުރުވާ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގު ވެރިކަން އިތުރު ކުރުމަކީ ދިރާގު ގެ ސީއެސްއާރު ޕްރޮގްރާމްގައި އަހަންމިއްޔަތުކަން ދޭ ކަމެއްކަމަށް ދިރާގުން ބުންޏެވެ.
މިޕްރޮގްރާމްގެ ނަތީޖާއަށް ބެލުމަށްފަހު، ސީރީސްގެ އެހެން ޕްރޮގްރާމްތައް ރާއްޖޭގެ އެހެން ސަރަހައްދު ތަކުގައިވެސް ހިންގުމަށް ވަނީ ނިންމައިފައެވެ.