19 Sep 2019, 15:16
ކޮލަންބޯ (ސެޕްޓެމްބަރު 19) : އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ގެ "ޔޫއެންޕީ" ގެ ފަރާތުން ވާދަކުރަން ގަސްދުކުރައްވާކަން ސްރީލަންކާގެ ޕާލަމެންޓްގެ މިހާރުގެ ރައީސް ކަރޫ ޖަޔަސޫރިއާ އާއި އެޕާޓީގެ ޑެޕިއުޓީ ލީޑަރު ސަޖިތު ޕްރެމަދާސާ އިއްލާން ކުރެއްވުމުން ޔޫއެންޕީ ތެރޭގައި ކޯޅުންތައް އުފެދިއްޖެއެވެ.
ޔޫއެންޕީގެ ފަރާތުން ރިޔާސީ ރޭހަށް ނުކުންނަވާނީ ބޮޑުވަޒީރު ރަނިލް ކަމަށް ކުރިން ބެލެވުނުނަމަވެސް ޖަޔަސޫރިއާ އާއި ސަޖިތުވެސް އެކަމަށް ފައިނެންގެވުމުން އެޕާޓީގެ ތެރޭގައިވަނީ ނުތަނަވަސްކަން އުފެދިފައި ކަމަށް މައުލޫމާތު ލިބެއެވެ. މި މައްސަލަ ހައްލުކޮށް ޔޫއެންޕީ ގެ ފަރާތުން އެއްކެންޑިޑޭޓް ނެރޭނީ ޕްރައިމަރީއެއް ބާއްވައިގެން ނޫނީ ޕާޓީގެ ތެރެއިން އެމައްސަލަ ސުލްހަވެރިކަމާއެކު ހައްލުކޮންގެންކަން އެޕާޓީން އަދި ހާމަކޮށްފައެއް ނުވެއެވެ. ޖަޔަސޫރިއާ އަކީ ޔޫއެންޕީގައި ވަރަށް ނުފޫޒުގަދަ ބޭފުޅެކެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ރަނިލް ބޮޑު ވަޒީރުކަމުން ދުރުކޮށް އެ މަގާމަށް ސްރީލަންކާގެ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސާ ޢައްޔަންކުރުމުން އެކަން ނާކާމިޔާބުކޮށްލުމަށްޓަކައި ރައީސް ސިރިސޭނާއާ ދެކޮޅަށް ރަނިލްގެ ހައްގުގައި ޕާލަމެންޓްގައި އެންމެ ބޮޑަށް މަސައްކަތްކުރެއްވީ ޖަޔަސޫރިއާ އެވެ. ސްރީލަންކާގެ ރިޔާސީ އިންތިޚާބު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 16 ވަނަ ދުވަހު ކަމަށް އެގައުމުގެ އިންތިޚާބުތަކާބެހޭ އިދާރާ "އިލެކްޝަން ކޮމިޝަން އޮފް ސްރީލަންކާ" އިން މިހާރުވަނީ އިއްލާންކޮށްފައެވެ.
ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން މަހިންދަ ރާޖަޕަކްސަގެ "ޕޮޑުޖަނާ ޕެރަމުނާ ޕާޓީ" "އެސް.އެލް.ޕީ.ޕީ" ން މިދިޔަ އޮގަސްޓްމަހުގެ 11 ވަނަ ދުވަހު ވަނީ އެޕާޓީގެ ނެޝަނަލް ކޮންވެންޝަން ބާއްވައި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓްގެ ގޮތުގައި ކުރީގެ ދިފާއީވަޒީރު އަދި ރާޖަޕަކްސަގެ ކޮއްކޯފުޅު ގޮތަބަޔަ ރާޖަޕަކްސަ ކަނޑައަޅާފައެވެ. ރަނިލް ގެ ޔޫއެންޕީން އެޕާޓީގެ ކެންޑިޑޭޓްގެ ގޮތުގައި ސްރީލަންކާގެ ރިޔާސީ ރޭހުގައި ވާދަކުރައްވާނެ ބޭފުޅަކު ރަސްމީގޮތެއްގައި ކަނޑަނޭޅިނަމަވެސް އެޕާޓީގެ ކެންޑިޑޭޓަކަށްވެ ވަޑައިގަންނަވާނީ ރަނިލްކަމަށްވަނީ ވަރަށްބޮޑަށް ބެލެވިފައެވެ.
ނަމަވެސް އެޕާޓީގެ ބާރުގަދަ ދެބޭފުޅުން ކަމަށްވާ ޖަޔަސޫރިއާ އާއި ސަޖިތު ޕްރެމަދާސާ ވެސް ކެންޑިޑޭޓްކަން ބޭނުންވުމުން މިމައްސަލަ ވަނީ ޔޫއެންޕީގެ ތެރޭގައި ވަރަށް ހޫނުވެފައިކަމަށް ސްރީލަންކާގެ މީޑިއާ ބުނެއެވެ.
ސްރީލަންކާގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން ގުޅިގެން މަސައްކަތް ކުރުމަށްޓަކައި ރާޖަޕަކްސަގެ "ޕޮޑުޖަނާ ޕެރަމުނާ ޕާޓީ" (އެސް.އެލް.ޕީ.ޕީ) އާއި ރައީސް މައިތުރިޕަލަ ސިރިސޭނާގެ ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ) ން ދާދިފަހުންވަނީ މަޝްވަރާތަކެއްކޮށްފައެވެ. މިޢާއެކު ސިރިސޭނާގެ "އެސްއެލްއެފްޕީ" ން ރިޔާސީ ކެންޑިޑޭޓަކު ނުނެރެ އެޕާޓީން ތާއީދުކުރާނީ "އެސް.އެލް.ޕީ.ޕީ " ގެ ކެންޑިޑޭޓް ގޮތަބަޔަ ރާޖަޕަކްސަ އަށް ކަމަށް ވަނީ ބެލެވިފައެވެ. (ސްރީލަންކާގެ މީޑިއާ)