19 Sep 2019, 13:55
ތ. ކަޅުދިޔަފުށީގައި ތަރައްގީ ކުރަމުން އަންނަ ރިސޯޓް 29.5 މިލިއަން ޑޮލަރަށް ވިއްކާލުމަށް ގައުމީ ބޭންކް، ބީއެމްއެލް އިންއިއުލާންކޮށްފި އެވެ.
ތ. ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކުގެ ހިއްސާ އޮންނަ "ހުރަވީ އިންޓަނޭޝަނަލް"އަށް ދޫކޮށްފައިވާ އެ ރަށް ތަރައްގީ ކުރަމުން ދިޔައީ ސްޕެއިންގެ ބައިނަލްއަގުވާމީ ހޮޓެލް ޗެއިން "މެލިއާ ހޮޓެލްސް" އާ ގުޅިގެން އެވެ.
"ގްރެން މެލިއާ ހުރަވީ މޯލްޑިވްސް" ގެ ނަމުގައި 2016 ވަނަ އަހަރުގެ ތެރޭގައި އެ ރަށް ތަރައްގީ ކުރަން ފެށީ، 97 ޕްރައިވެޓް ވިލާއާއި 100 ކޮޓަރި ހިމެނޭ ގޮތަށް 2017 ގައި އެ ރަށް ހުޅުވާ ގޮތަށެވެ. އެހެން ނަމަވެސް، އެ ރަށުގެ މަސައްކަތް އަދިވެސް ނުނިމެ އެވެ.
ބީއެމްއެލްއިން ބުނީ 108 ކޮޓަރި ހިމެނޭ ގޮތަށް ތަރައްގީ ކުރާ އެ ރަށް ވިއްކާލަށް އިއުލާން ކުރީ އެ ރަށް ތަރައްގީ ކުރުމަށް ޓަކައި އެ ކުންފުނިން، އެ ބޭންކުން ނަގާފައިވާ "ކްރިޑިޓް ފެސިލިޓީ"އަކަށް ފައިސާ ދައްކަމުން ނުދާތީ އެ ރަށް ވިއްކާލައިގެން ފައިސާ ހޯދުމުގެ ހުއްދަ ސިވިލް ކޯޓުން ކުރި ހުކުމަކުން ބޭންކަށް ދީފައިވާތީ ކަމަށެވެ.
ހުރަވީ އިންވެސްޓްމެންޓުން މި ކްރެޑިޓް ފެސިލިޓީ ބީއެމްއެލުން ނެގީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. އެ ފައިސާ ނުދައްކައިގެން ސިވިލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހު އެވެ.
ބީއެމްއެލްއިން ކުރި އިއުލާނުގައި ބުނީ އެ ރަށް ވިއްކާލަނީ 29.5 މިލިއަން ޑޮލަރަށް ކަމަށެވެ. އެ ރަށް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުން އޮންނާނީ އަންނަ މަހުގެ 20 ވަނަ ދުވަހު ހަވީރު 4:00 ގައި ބީއެމްއެލްގެ ހެޑްއޮފީހުގެ ހަ ވަނަ ފަންގިފިލާ މީޓިން ރޫމްގައި ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

މަޖިލިސް މެންބަރުކަމުގައި ހުންނެވި ދުވަސްވަރު ހުސެން މަނިކު ދޮންމަނިކު -- ފޮޓޯ/ މަޖިލިސް
އެ ރަށުގެ ބިޑަށް ހޮވޭ ފަރާތަކުން، 100،000 ޑޮލަރުގެ ބޭންކް ގެރެންޓީއެއް ބަހައްޓަން ޖެހެ އެވެ.
ތ. ކަޅުދިޔަފުށި، ގުރައިދޫ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން މަނިކު ދޮންމަނިކަށް ދޫކޮށްފައި ވަނީ 24 އޯގަސްޓް 2015 ވަނަ ދުވަހު އެމްއެމްޕީއާރުސީ މެދުވެރިކޮށެވެ. އެދުވަސްވަރު ޓޫރިޒަމް މިނިސްޓްރީގައި މިނިސްޓަރަކު ނެތް އިރު، އެ މިނިސްޓްރީ ހިންގަވަމުން ގެންދެވީ އޭރުގެ ނައިބު ރައީސް އަހްމަދު އަދީބެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަނުން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓްގައިވާ ގޮތުން އެ ރަށުގެ އިކުޒިޝަން ކޮސްޓަށް ވާ 150،000 ޑޮލަރު ހުސެން މަނިކު ދޮންމަނިކު އެމްއެމްޕީއާރުސީއަށް ދެއްކެވީ ހިޔާނާތުގެ ފައިސާ ދޮވުނު، އޮސްއޯއެފްއިން އޭނާއަށް ލިބިވަޑައިގަތް ފައިސާއިން އެވެ.
ހުރަވީ އިންޓަނޭޝަނަލްގައި ހުސެން މަނިކު ދޮންމަނިކުގެ އިތުރަށް ޖަރުމަން މީހަކާއި އިތުރު ދެ ދިވެއްސަކު ހިއްސާވެ އެވެ.