19 Sep 2019, 12:47
ޓޯކިޔޯ (ސެޕްޓެމްބަރު 19): ޖަޕާނުގެ ފުކުޝީމާގައި ހުންނަ ނިއުކްލިއާ ޕަވާ ޕްލާންޓެއްގައި މީގެ އަށް އަހަރު ކުރިން ހިނގި އެކްސިޑެންޓުގައި، އެޕަވާ ޕްލާންޓު ހިންގާ ކުންފުނީގެ އޭރުގެ ތިން އިސް ވެރިން އިހުމާލު ނުވާ ކަމަށް ކޯޓުން ނިންމައިފި އެވެ.
ފުކުޝީމާގެ ޑައިޗީ ނިއުކްލިއާ ޕަވާ ޕްލާންޓަށް 2011 ވަނަ އަހަރު ގެއްލުންވެ، ތިން ނިއުކްލިއާ ރިއެކްޓަރު ގޮވާ، ރޭޑިއޭޝަން ބޭރުވީ އެ އަހަރުގެ މާޗް މަހު ޖަޕާނު ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން ސުނާމީ އެރުމުންނެވެ. އޭގެ ސަބަބުން އެކާރުހާނާ ހުރި ސަރަހައްދުން 470،000 މީހުން އެހެން ސަރަހައްދުތަކަށް ބަދަލު ކުރަން ޖެހުނެވެ. އަދި އޭގެ ތެރޭގައި ހޮސްޕިޓަލްތަކުން ގެންދިޔަ 44 މީހަކު މަރުވި އެވެ.
އެމައްސަލާގައި ޕްރޮސެކިއުޓަރުން ވިދާޅުވި ގޮތުގައި ސުނާމީއެއްގެ ސަބަބުން ޑައިޗީ ޕަވާ ޕްލާންޓަށް ގެއްލުންވެދާނެ ކަމަށް އެޕަވާ ޕްލާންޓް ހިންގާ ޓޯކިޔޯ އިލެކްޓްރިކް ޕަވާ (ޓެޕްކޯ)އަށް ކުރިން އެނގުނު ނަމަވެސް، އެކުންފުނިން ރައްކާތެރިކަމުގެ ފިޔަވަޅުތައް ނާޅަ އެވެ.
އަދި އެމައްސަލާގައި އިހުމާލުވުމުގެ ދައުވާ ކުރީ ޓެޕްކޯގެ ކުރީގެ ޗެއާމަން ސުނެހިސާ ކަޓްސުމަޓާ އާއި ކުރީގެ ނައިބު ރައީސުން ކަމަށްވާ ސަކައެ މުޓޯ އާއި އިޗިރޯ ޓަކެކުރޯގެ މައްޗަށެވެ. ނަމަވެސް އެފަރާތްތަކުން ވަނީ 2011 ވަނަ އަހަރު ހިނގި ހާދިސާ ފަދަ ހާދިސާއެއް ހިނގާފާނެ ކަމަށް ކުރިން ލަފާ ކުރުމަކީ ވާނެ ކަމެއް ނޫން ކަމަށާއި އެހެންކަމުން ކުންފުނީގެ ވެރިން އިހުމާލުވި ކަމަށް ނުބެލެވޭނެ ކަމަށް ބުނެފަ އެވެ.
ޖަޕާނުގެ ސަރުކާރުން 2016 ވަނަ އަހަރު ލަފާ ކުރި ގޮތުގައި ފުކުޝީމާ އެކްސިޑެންޓަށް ފަހު އެސަރަހައްދަށް ފެތުރިފައިވާ ނުރައްކާތެރި މާއްދާތައް ސާފު ކުރުމަށް 198.3 ބިލިއަން ޑޮލަރު ހޭދަ ވާނެ އެވެ. އެހާދިސާއަށް ފަހު ޖަޕާނުގައި ހުންނަ ނިއުކްލިއާ ޕަވާ ސްޓޭޝަންތަކުގެ އަދަދު މަދުވި ނަމަވެސް، ބޮޑުވަޒީރު ޝިންޒޯ އަބޭގެ ސަރުކާރުން ދަނީ އަނެއްކާ ވެސް ނިއުކްލިއާ ރިއެކްޓަރުތަކުގެ އަދަދު އިތުރު ކުރަން މަސައްކަތް ކުރަމުން ކަމަށް ތިމާވެށި ރައްކާތެރި ކުރުމަށް ގޮވާލާ ގްރީން އެކްޝަން ޖަމްއިއްޔާއިން ބުންޏެވެ.
ޖަޕާނަށް 2011 ވަނަ އަހަރު އައި 9.1 މެގްނިޓިއުޑުގެ ބިންހެލުމަށް ފަހު އެރި ސުނާމީގެ ސަބަބުން 18،000އަށް ވުރެ ގިނަ މީހުން މަރުވި އެވެ.