19 Sep 2019, 12:47
ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް ލަސްވާކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
މާފުށީ ޖަލުގައި އަނިޔާކޮށް އީވާން ނަސީމް މަރާލުމަށް 15 އަހަރު މިއަދު ފުރިފައިވާ އިރު އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި ނަޝީދު ވިދާޅުވީ، އީވާން ނަސީމްގެ މަރާ ގުޅިގެން ހިންގި މުޒާހަރާތަކަކީ ރާއްޖޭގެ ޑިމޮކްރަސީ ފެށިގެން ދިޔަ ގޮތް ކަމަށެވެ.
އެ ޓްވީޓު ނިންމަވާލައްވަމުން ނަޝީދު ވިދާޅުވީ، ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް ދަނީ ލަސްލަހުން ކަމަށާއި އެއީ ކަންބޮޑުވާން ޖެހޭކަމެއް ކަމަށެވެ.
ފުލުހުންގެ މުއައްސަސާ އިސްލާހުކުރުމުގެ މަސައްކަތް ދަނީ ލަސްލަހުން ކަމަށް ނަޝީދު ވިދާޅުވި އިރު، ދާދި ފަހުން އެމަނިކުފާނު ވަނީ ސަރުކާރުގައިވެސް ލަސްކަމެއް އުޅޭ ކަމަށް ވިދާޅުވެފައެވެ.
އެމަނިކުފާނުގެ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ނަޝީދު އެހެން ވިދާޅުވި، އެމަނިކުފާނާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެމެދު ނުތަނަވަސްކަން އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.