19 Sep 2019, 12:37
މީރާގެ ޑިރެކްޓަރުންގެ ބޯޑުން ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން މިމަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތަކީ އުމުރުން 18 އަހަރު ފުރިފައިވާ، އިފްލާސް ކުރެވިފައިނުވާ މީހެއް ކަމަށް ވާންޖެހޭނެ ކަމަށާއި، އިސްލާމްދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއްކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.
އަދި އެމީހަކީ ރިޝްވަތުގެ ކުށެއް ސާބިތުވެފައިވާ މީހަކަށް ވެގެން ނުވާނެ ކަމަށާއި ގާނޫނު އަސާސީގެ ދަށުން އިންތިހާބު ކުރާ އިންތިހާބީ މަގާމެއްގައި ހުރި މީހަކަށް ވެގެން ނުވާނެކަމަށްވެސް އިއުލާނުގައި ވެއެވެ. މީރާގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތަކީ ސަރުކާރުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ ނުވަތަ އެފަދަ ކުންފުންޏެއްގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާއި މާލީ، ޓެކްސް، ވިޔަފާރިއާއި އިގްތިސާދު ނުވަތަ ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ އަދި ޓެކްސްއާ ގުޅުންހުރި ސިޔާސަތުތަކާބެހޭ ބަހުސްތަކާއި ނިންމުންތަކުގައި ފަންނީގޮތުން ބައިވެރިވެވޭވަރުގެ ގާބިލު މީހަކަށް ވާންޖެހޭނެ ކަމަށްވެސް އިއުލާނުގައި ވެއެވެ.
މީރާގެ ޑިރެކްޓަރުންގެ ބޯޑަށް މީހަކު ހޯދުމަށް އިއުލާނުކޮށްފައިވާއިރު ކޮމިޝަނާ ޖެނެރަލް އަދި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމަށް މީހުން ހޯދުމަށްވެސް ވަނީ އިއުލާނު ކޮށްފައެވެ.
ޓެކްސް ނެގުމާ ބެހޭ އިދާރީ ގާނޫނުގެ ދަށުން މީރާގެ ބޯޑަށް ބަދަލު ގެނައުމަށް ދާދި ފަހުން ވަނީ ފާސްކޮށްފައެވެ.
މީރާގެ ބޯޑު އެކުލެވިގެން ވަނީ ހަތް މެންބަރެއްގެ މައްޗަށް ކަމަށް އިސްލާހުގައި ބުނެފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދައުލަތުގެ މާލީ ކަންކަން ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ވުޒާރާގެ ޓެކުހާބެހޭ ސިޔާސަތުތަކާގުޅޭ ކަންކަން ބެލެހެއްޓުމަށް މިނިސްޓަރ ކަނޑައަޅާ ފަރާތަކާއި ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ފަސް މެމްބަރަކާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަންއެވެ.
މީގެކުރީން އެ ބޯޑުގައި ތިއްބަވާނީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން އަދި މަޖިލީހުގެ ރުހުމާއެކު ރައީސް އައްޔަނުކުރައްވާ ފަސް ބޭފުޅެކެވެ.