ގުޅީފަޅު އަދި މާލޭ ހުޅަނގު އުތުރު ފަރާތު ބަނދަރު ސަރަހަައްދު ތަރައްގީކުރުމުގެ މާސްޓާ ޕްލޭން ފަރުމާކުރުމަށް ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީ އިން ބުނީ ސިންގަޕޫޫރުގެ އެޗްކިޔު ކުންފުންޏާ މި މަސައްކަތް އިއްޔެ ހަވާލުކޮށްފައިވާ ކަމަށާއި މަސައްކަތުގެ އަގަކީ 650،000 ޑޮލަރު (10,010,000 ރުފިޔާ) ކަމަށެވެ. މި ޕްލޭންގެ މަސައްކަތް އަށް މަސް ތެރޭ ނިންމާލެވޭނެ ކަމަށް ވެސް ޕްލޭނިން އިން ބުންޏެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އިއްޔެ ސިންގަޕޫރުގައި ހުންނަ ދިވެހި އެމްބަސީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ޕްލޭން އެކުލަވާލަނީ އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކަންތައް ގުޅީފަޅު ބަނދަރުން ކުރާގޮތަށެވެ. ބަނދަރާއެކު މާލެ އާއި ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅާލުމަށް ސަރުކާރުން ވަނީ ނިންމައިފަ އެވެ.

"މާސްޓާ ޕްލޭންއާއެއެކު އިމްޕޯޓު މުދާ އަރުވާ ބޭލުމުގެ ކާރޫބާރޫއިން މާލެ ސަލާމަތްކުރެވި، ގުދަންކުރުން ފަދަ ކަންކަން ގުޅީފަޅަށް ބަދަލުކުރެވި، ހުސް އަދި ހިތްފަސޭހަ ޖާގަ މާލޭގައި އިތުރުކުރެވޭނެ" ކަމަށް ޕްލޭނިން އިން ބުންޏެވެ.

ގުޅިފަޅުގައި ތަރައްގީކުރާ އިންޓަނޭޝަނަލް ޕޯޓުގެ ކޮންސަލްޓެންސީ މަސައްކަތް އެއް މިލިއަން ޑޮލަރަރުގެ އަގަކަށް ޑެންމާކާއި ހޮލެންޑުގެ ދެ ކޮންސަލްޓަންސީ ކުންފުންޏެއްގެ މައްޗަށް އެކުލެވޭ ޖޮއިންޓް ވެންޗާއަކަށް ވަނީ ހަވާލުކޮށްފަ އެވެ.