ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)ގެ ފަރާތުން އެމްއެންޑީއެފް އަށް ހަތަރު ޑްރޯން ހަދިޔާކޮށްފި އެވެ.

އިއްޔެ ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި އެންޑީއެމްއޭގެ ފަރާތުން އެ ހަތަރު ޑްރޯން އެމްއެންޑީއެފަށް ހަވާލުކޮށްދެއްވީ ޑިޒާސްޓާ މެނޭޖުމެންޓް އޮތޯރިޓީގެ ޗީފް އެކްޒެކްޓިވް، ހިސާން ހަސަންއާއި ޑެޕިޔުޓީ ޗީފް އެގްޒެކެޓިވް، އުމަރު މޫސާ ފިކުރީ އަދި ޑައިރެކްޓަރު ޖެނެރަލް ސަފީނާޒް އެވެ.

އެމްއެންޑީއެފްގެ ފަރާތުން މި ޑްރޯންތަކާ ހަވާލުވެވަޑައިގެންނެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް ޢަބްދުﷲ ޝަމާލާއި އެމްއެންޑީއެފް ކޯސްޓްގާޑު ކޮމަޑާންޓް، ކާނަލް މުޙައްމަދު ސަލީމް އަދި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ކޮމަޑާންޑް، ކާނަލް ޢަބްދުﷲ އިބްރާހީމެވެ.

މި ޑްރޯންތަކަކީ، ހިޔުމެނިޓޭރިއަން އެސިސްޓެންސް އެންޑް ޑިޒާސްޓާ ރިލީފް (އެޗްއޭޑީއާރު) އޮޕަރޭޝަނާއި ސާރޗް އެންޑް ރެސްކިޔު (އެސްއޭއާރު)ގެ މަސައްކަތްތައް ކުރުމުގައި ދިވެހި ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ މަތިކޮށްދީ، ޑިޒާސްޓާ ރެސްޕޮންސް އިތުރުކޮށްދިނުމުގެ ގޮތުން ހަދިޔާކުރި ޑްރޯންތަކެކެވެ.