11 Nov 2011, 13:48
އަންކަރާ (ނޮވެމްބަރ 11) : މިދިޔަ އޮކްޓޯބަރމަހުގެ ފަހުކޮޅު ބިންހެލުންއައި ތުރުކީގެ އިރުއުތުރުގެ ވާން ސަރަޙައްދަށް އަނެއްކާވެސް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެވެ. މިބިންހެލުން އައިސްފައިވަނީ ތުރުކީ ގަޑިން އިއްޔެގެ ވަގުތެއްގައި ކަމަށް އެޤައުމުގެ އަނަތޯލިޔާ ނޫސްއެޖެންސީ ޚަބަރުދެއެވެ.
ރެކްޓަރ މިންގަނޑުން 5.7 ގެ ބާރުމިނުގައި އައި އިއްޔެގެ ބިންހެލުމުގެ ސަބަބުން މަދުވެގެން 15 މީހަކު މަރުވެ އެތަށްބަޔަކު ޒަޚަމްވެ އަނެއްބަޔަކު ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. މަރުވި މީހުންގެ ތެރޭގައި ޖަޕާނުގެ ޑޮކްޓަރަކާއި ޖަޕާން އަންހެނަކުވެސް ހިމެނެއެވެ.
އިއްޔެގެ ބިންހެލުމުގައި ވާން ސިޓީގެ މީހުން ދިރިއުޅޭ ވަރަށް ބޮޑު ތިން ޢިމާރާތާއި ދެ ހޮޓަލެއް ވެއްޓިފައިވާ ކަމަށާއި މިތަންތަނުގެ ދަށުގައި 100 އާއި 150 އެއްހާމީހުން ތާށިވެފައިއެބަތިބި ކަމަށް މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ ތުރުކީގެ ޓީމްތަކުންނާއި އެޤައުމުގެ ޑިޒާސްޓަރ އެންޑް އިމަރޖެންސީ މެނޭޖްމެންޓުން ބުނެއެވެ.
މިފަސް ޢިމާރާތުގެ އިތުރުން 25 ޢިމާރާތެއް އިއްޔެގެ ބިންހެލުމުގައި ވެއްޓިފައިވީ ނަމަވެސް މީގެތެރެއިން ގިނަ ޢިމާރާތްތަކަކީ މީހުންދިރިނޫޅޭ ޢިމާރާތްތައްކަމަށް ތުރުކީގެ މަސްއޫލުވެރިން ވިދާޅުވިއެވެ. އީރާންގެ ސަރަޙައްދީ ރޮނގުގެ ކައިރީގައިވާ ތުރުކީގެ ވާން ސަރަޙައްދަކީ މީގެ 17 ދުވަސްކުރިން ބާރުގަދަ ބިންހެލުމެއް އައިސް 600 އަށްވުރެ ގިނަމީހުން މަރުވެފައިވާ ސަރަޙައްދެކެވެ. (އަނަތޯލިޔާ ނޫސްއެޖެންސީ)