ޕާސްޕޯޓު ހިފަހައްޓާފައި ވަނިކޮށް، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ގަފޫރު ފިލި މައްސަލައިގައި އޭނާގެ މައްޗަށް ހުކުމް ކުރުމުގެ ޝަރީއަތް މިއަދަށް ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ސުޕްރީމް ކޯޓްގެ އަމުރަކަށް ފުރުން މަނާކޮށް، ޕާސްޕޯޓް ހިފަހައްޓާފައި އޮއްވައި، އިންޑީއާގެ ޓުޓްކޮރިން އިން އެ ގައުމުގެ ފުލުހުން ވަނީ އަދީބު ހިފަހައްޓައި އަނބުރާ ރާއްޖެއަށް ފޮނުވާލައިފައެވެ.

މި މައްސަލައިގައި ގާނޫނު ހިންގުމަށް ހުރަސް އެޅިކަމުގެ ކުށުގެ ދައުވާ އަދީބުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް އޮފީހުން ކޮށްފައިވަނީ، މިދިޔަ މަހު 27 ވަނަ ދުވަހުއެވެ.

މި މައްސަލައިގައި ޝަރީއަތް މިދިޔަ އަންގާރަ ދުވަހު ފެށި އިރު، އެ ދައުވާއަށް އަދީބު ވަނީ އިއުތިރާފުވެފައެވެ.

ކްރިމިނަލް ކޯޓުން މި މައްސަލައިގެ ދެވަނަ އަޑުއެހުން ތާވަލް ކޮށްފައިވަނީ، މިއަދު މެންދުރު 2:00 ގައެވެ.

ފުރަތަމަ އަޑުއެހުމުގައި އަދީބު ކުށަށް އިއުތިރާފުވުމުން މައްސަލަ ބައްލަވާ ގާޒީީ އިސްމާއިލް ރަޝީދު ވިދާޅުވީ، ފަސް ދުވަސްތެރޭގައި އަވަސް ނިޔާއެއް ކަނޑައެޅުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށެވެ. އެހެން ކަމުން މިއަދު ބާއްވާ ޝާރީއަތުގައި އަދީބަށް ހުކުމްކުރާނެ ކަމަށް ބެލެވެއެވެ.

ޖިނާއީ އިޖުރާއާތުގެ ގާނޫނު ބުނާގޮތުން އިބްތިދާއީ މަރުހަލާގައި ދައުވާއަށް އިއުތިރާފްވެއްޖެ ނަމަ، އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި ފަސް ދުވަސް ތެރޭގައި އެ މައްސަލައެއް ނިންމަން ޖެހޭނެއެވެ.

ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ބުނެފައިވަނީ، އަދީބު ފިލި މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނުލް އުގޫބާތުގެ 533 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަމްބަރާއި ދެވަނަ ނަމްބަރު އަދި (ނ) ގެ ދަށުން ކަމަށެވެ.

ގާނުނުލް އުގޫބާތުގެ 533 ވަނަ މައްދާ: ގާނޫނު ހިންގުމަށް ހުރަސް އެޅުން

(ހ) އަންނަނިވި ހާލަތްތަކުގައި އަންނަނިވި އަމަލުތައް ކުރާ މީހާ އެ ކުރަނީ ކުށެކެވެ؛

  1. ތިމާއަށް އެނގިހުރެ ގާނޫނުގެ ބާރު ހިންގުމަށް ނުވަތަ ދައުލަތުގެ މަސައްކަތްކުރުމަށް، އަންނަނިވި ގޮތްގޮތުން ކުރެ ގޮތަކުން، ހުރަސް އެޅުމާއި އެކަމަށް ދަތިކުރުމާއި، އެކަމުގެ މަގްސަދު ހާސިލުވިޔަ ނުދިނުން؛

  2. (i) މާއްދީ ގޮތުން ހުއްޓުވައިގެން ނުވަތަ ހުރަސް ކުރިމަތިކުރުވައިގެން، ނުވަތަ ރަސްމީ ވާޖިބަކާ ހިލާފުވެގެން، ނުވަތަ އެނޫންވެސް ހުއްދަ ނޫން އަލެއް ކޮށްގެން؛

(ނ) - މި ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށެއް.

ގާނޫނުލް އުގޫބާތުގައިވާ ގޮތުން، ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށުގެ އަދަބުގެ އަސާސީ މިންގަނޑަކީ، ހަތަރު މަހާއި 24 ދުވަހެވެ. ނަމަވެސް ގާޒީ ބޭނުންވެއްޖެނަމަ، އެންމެ ބޮޑު އަދަބުގެ ގޮތުގައި އެއް އަހަރު ކަނޑައެޅިދާނެ އެވެ. ގާނޫނު އޮންނަ ގޮތުން އެންމެ ކުޑަ އަދަބަކީ، އެއް މަހާއި ހަ ދުވަހެވެ.

ދައުލަތުގެ ފަރާތުން ޝަރީއަތުގައި ބުނެފައިވަނީ، މި ކުށަކީ ޖުނަހުގެ އެއްވަނަ ދަރަޖައިގެ ކުށަކަށްވުމުން، ދައުވާ ސާބިތުވެއްޖެނަމަ، އަދީބަށް އަންނަނީ، ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކަމަށެވެ. އަދި ކުށަށް އިއުތިރާފުވެއްޖެނަމަ، އަންނާނީ ތިން މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް ކަމަށް ދައުލަތުގެ ފަރާތުން ޝަރީއަތުގައި ފާހަގަކުރެއްވިއެވެ.

ގާޒީ ހުކުމް ކުރައްވާ އިރު، އޭނާގެ ސިއްހީ ހާލަތައް ރިއާޔަތް ކުުރުމަށް އަދީބު އެދިވަޑައިގަތެވެ. އެގޮތުން އޭނާ ވަނީ ޝަރީއަތުގެ މަޖިލީހުގައި އޭނާގެ މެޑިކަލް ރިޕޯޓު ޕީޖީއަށާއި ގާޒީއަށް އަރުވާފައެވެ.

އަދީބު ވަނީ މީގެ ކުރިންވެސް ކުށަށް އިއުތިރާފުވެ، މާފަށް އެދިފައެވެ. ފިލަން މަސައްކަތް ކުރީ، ފުރާނައަށް ނުރައްކާވުމުން މަޖުބޫރުވެގެން ކަމަށާއި އެފަދަ ކަމެއް ތަކުރާރުނުކުރާނެ ކަމަށްވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

ސްޕްރީމް ކޯޓުން އަދީބު ޕާސްޕޯޓު ހިފެހެއްޓީ، އެ ކޯޓުގައި މިހާރު ހިނގަމުންދާ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި އިސްތިއުނާފް މައްސަލައިގައި ގޮތެއް ކަނޑައަަޅަންދެނެވެ. މި މައްސަލައިގައި ސްޕްރީމް ކޯޓުން ފަހުން ވަނީ ޝާރީއަތުން ގޮތެއް ކަނޑައަޅަންދެން ބަންދުކުރުމަށް އަމުރުކޮށްފައެވެ. ނަމަވެސް ސިއްހީ ހާލަތައް ބަލައި، ކަރެކްޝަންސް އިން ވަނީ އޭނާގެ ފައިގައި ޓެގު އެޅުވުމަށްފަހު، ގޭ ބަންދަށް ބަދަލު ކުރަމުންނެވެ.