11 Nov 2011, 13:26
ވޮޝިންގޓަން (ނޮވެމްބަރ 11) : އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ޑެނިސް ރޮސް މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ. މަޤާމުން އިސްތިއުފާ ދެއްވީ ޢާއިލާއާ އެކު އަމިއްލަ ދިރުއުޅުއްވުމަށް އިތުރު ވަގުތާއި ސަމާލުކަން ދެއްވުމަށް ކަމަށް ރޮސް ވިދާޅުވި އެވެ. ނަމަވެސް އޭނާ މަޤާމުން އިސްތިއުފާ ދެއްވީ މެދުއިރުމަތީގައި އެމެރިކާ ގެންގުޅޭ ސިޔާސަތު ނާކާމިޔާބުވެ މެދުއރުމަތީގައި މިވަގުތު އަދާކުރައްވާނެ ދައުރެއް އޮތްކަމަށް ފެނިވަޑައިނުގަންނަވާ ކަމުގެ އިޙްސާސް ކުރެއްވިގެން ކަމަށް މީޑިޔާ ރިޕޯޓްތައްބުނެ އެވެ.
ޢުމުރުން 62 އަހަރުގެ ރޮސްއަކީ އިސްރާއީލާ އެކު ޚާއްސަ ގުޅުންތަކެއް ބާއްވަވާ އަދި ޔަހޫދީ ޒަޔަނިސްޓް ޖަމާއަތްތަކުގެ ޚާއްސަ ރަޙްމަތްތެރިއެކެވެ. އޭނާއަކީ އެމެރިކާގެ ކުރީގެ ރައީސެއް ކަމަށްވާ ބިލް ކްލިންޓަންގެ ދައުރުގައި ވެސް އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިޔަށްދިޔަ ސުލްޙައިގެ ވާހަކަތަކުގައި މުހިއްމު ދައުރެއް އަދާކުރައްވާފައިވާ ތަޖްރިބާކާރު ބޭފުޅެކެވެ.
ޑެނިސް ރޮސް މަޤާމުން އިސްތިއުފާ ދެއްވީ މެދުއިރުމަތީގެ ސުލްޙައާ ބެހޭ އެމެރިކާގެ މަންދޫބު ޖޯޖް މިޗެލް މަޤާމުން އިސްތިއުފާ ދެއްވިތާ ހަ މަސް ފަހުންނެވެ. މިޗެލްވެސް މަޤާމުން އިސްތިއުފާ ދެއްވީ އެމެރިކާ އިސްނަގައިގެން ކުރިޔަށް ގެންދިޔަ މެދުއިރުމަތީގެ ސުލްޙައިގެ ވާހަކަތައް ނާކާމިޔާބުވުމާ ގުޅިގެންނެވެ. މި ދެ ބޭފުޅުން ކުރުމުއްދަތެއްގެ ތެރޭގައި އިސްތިއުފާ ދެއްވުމަކީ އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ މެދުއިރުމަތީގެ ސިޔާސަތު ފޭލްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެއްކަމަށް މުރާސިލުން ބުނެއެވެ. (އަލްޖަޒީރާ)