18 Sep 2019, 17:39
ނިއުރޯސާޖަރީއާ ގުޅޭ މެޑިކަލް އެޕެއް އޭޑީކޭއިން މިއަދު ލޯންޗްކޮށްފި އެވެ.
އެ އެޕް ލޯންޗްކުރީ މިއަދު ޕެރަޑައިސްގައި ފެށި ބްރެއިން އެންޑް ސްޕައިން ކޮންފަރެންސްގަ އެވެ.
އެ އެޕް ނެރެދެއްވީ އޭޑީކޭ ހޮސްޕިޓަލްގެ ސީނިއާ ނިއުރޯސާޖަން ޑރ. އަލީ ނިޔާފް އެވެ.
ޑރ. އަލީ ނިޔާފް ވިދާޅުވީ މިއީ އޭނާ އިސްކޮށް އުޅެ އުފެއްދި އެޕެއް ކަމަށެވެ.
އެ އެޕްއާއެކު ރާއްޖޭގެ ކޮންމެ ތަނެއްގައިވެސް ނިއުރޯސާޖަރީއާ ބެހޭގޮތުން މީހުންނަށް މައުލޫމާތު ލިބިގެންދާނެ ކަމަށް ޑރ. ނިޔާފް ވިދާޅުވި އެވެ. އަދި އެ އެޕް ބޭނުންކުރާނީ މެޑިކަލް ޕްރޮފެޝަނަލް މީހުންކަމަށްވެސް ނިޔާފް ވިދާޅުވި އެވެ.
ނިޔާފްއަކީ ރާއްޖޭގެ ފުރަތަމަ ނިއުރޯ ސާޖަންވެސް މެއެވެ.
ނިޔާފް ވިދާޅުވީ އެ އެޕްއާއެކު ނިއުރޯ ސާޖަރީއާ ބެހޭ މައުލޫމާތުތައް ފޯރުކޮށްދިނުމުގައި މިހާރު ދިމާވާ ވަގުތު ކުރުވެ ސީދާ އެފަދަ މައުލޫމާތުތައް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.
"މިސާލަކަށް ކުޅުދުއްފުށީގައި މިހާކަށް ސްޓްރޯކެއް ޖެހުނީ. އެމީހުން ފޮނުވާނެ މިކޮޅަށް އިމޭޖެއް. ޑޭޓާއެއް ނުފޮނުވާނެ. މި އެޕްލިކޭޝަން ޑިޒައިންކޮށްފަ މިއަންނަގޮތުން ނިއުރޮލޮޖިކަލް ކޮންމެ ފައިންޑިންއެއް އެންޓާ ކުރަން ޖެހޭނެ އިމޭޖާއެކު. އެއަށް ވަގުތުން ނިއުރޯސާޖަންއަކު އެޓެންޑްކުރާނެ. އޭރުން ވަގުތު ވަރަށް ކުރުވީއެ،" ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވީ މިހާރު މަރުހަލާތައް އޮންނަ ގޮތުން ކުޅުދުއްފުށީ ކަހަލަ ތަނެއްގައި މީހަކަށް ސްޓްރޯކެއް ޖެހިއްޖެނަމަ ގުޅާނީ އޭޑީކޭ ކަހަލަ ހޮސްޕިޓަލެއްގެ ޖެނެރަލް ސާޖަރީއަށް ކަމަށެވެ.
"ޖެނެރަލް ސާޖަރީއިން ދެން އަޅުގަނޑަށް ގުޅާނީ. އެއޮތީ ކިހާ ވަގުތެއް ހޭދަވެފައި،" ނިޔާފް ވިދާޅުވި އެވެ.
ނިޔާފް ވިދާޅުވީ އެ އެޕް އަންނަ މަހު އެއް ވަނަ ދުވަހުން ފެށިގެން ޑައުންލޯޑްކުރެވޭނެ ކަމަށެވެ.