އައްޑޫގައި އިއްޔެ ފެށި 17 ވަނަ ސާކް ސަމިޓުގެ ހަވާސާގައި އިންޑިޔާ އާއި ޕާކިސްތާނުގެ ލީޑަރުންގެ މެދުގައި ބޭއްވި ބައްދަލުވުމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި އެވެ.

އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޔޫސުފް ރަޒާ ގީލާނީ ޝަންގްރި-ލާ ރިސޯޓުގައި އިއްޔެ ހެނދުނު ބޭއްވި އެ ބައްދަލުވުމާ ގުޅޭ ގޮތުން ޔޫއެސް ސްޓޭޓް ޑިޕާޓްމެންޓުގެ ޑެޕިއުޓީ ތަރުޖަމާނާ ހަވާލާދީ އެސޯސިއޭޓެޓް ޕްރެސް ބުނަނީ ސައުތު އޭޝިޔާގެ ބޮޑު ދެބާރުގެ ވެރިންގެ ބައްދަލުވުމަކީ އެދެ ގައުމުގެ އިތުރުން މުޅި ސަރަހައްދަށް ވެސް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.

"އެއީ ކާމިޔާބެއް، އަދި ފައިދާއެއް،" ސްޓޭޓް ޑިޕާޓްމަންޓުގެ ޑެޕިއުޓީ ސްޕޯކްސް ޕާޒަން ވިދާޅުވި ކަމަށް އެ ނޫހުގައިވެ އެވެ.

ސާކް ސަމިޓުގެ އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާ އެމެރިކާ އިން އެކަމަށް މަރުހަބާ ކީއިރު ރައީސް ނަޝީދު ވެސް އިއްޔެ ވަނީ އިންޑިޔާ އާއި ޕާކިސްތާނުގެ ގުޅުން ރަނގަޅުވަމުން އަންނަ ކަމަށް ވިދާޅުވެ އެ ދެ ގައުމުގެ ވެރިންނަށް މަރުހަބާ ވިދާޅުވެފަ އެވެ. އަދި އެ ގުޅުން ސާކްގެ ތެރެއިން ހައްލުކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް އެމަނިކުފާނު ދެއްވި އެވެ. ރައީސް ވަނީ ދެ ގައުމުގެ ސިޔާސީ ޕާޓީތަކުން ސުލްހައިގެ ވާހަކަތަކުގައި ކުރިއަށް ދިޔުމަށް ގޮވާލައްވާފަ އެވެ.