10 Nov 2011, 23:51
ހުސައިން ހަސަން އަދި އަހުމަދު އާޒިފު
ރާއްޖޭގެ އެންމެ އިރަށް އޮންނަ ވ. ފޮތްތެޔޮ މުލި ސަރަހައްދުގެ ފައްތެލަ ފަރު ކައިރިން ޒަހަމްތަކަކާއެކު ބިޑި އަޅުވާފައި އޮއްވާ ފެނުނު މީހާ، ގަލޮޅު ސަހަރާގެ ގަބުރު ރައްކާކުރާ ފިނިކޮށާރުގައި ބާއްވާފައި އޮއްވާ ސަހަރާ ކަރިއަށް ގިނަ އަދެއްގެ ބަޔަކު އެއްވެ، އެ މީހާގެ މަރުގެ ހަގީގަތް ސާފުކޮށް އޮޅުން ފިލުވައި ދިނުމަށް ގޮވާލާ އަޑު އުފުލައިފި އެވެ.
މިއަދު މެންދުރު ކުރީ ފޮއްތެޔޮ މުލީ ކައިރިން ދަތުރި ކުރި ދޯންޏަކަށް ފެނުނު، ޒަހަމްތަކާއެކު އޮތް ގަބުރުގެ މާލެ ގެނެސް، އާ ސަހަރާއަށް ގެންދިއުމަށް ފަހު، ގަލޮޅު ސަހަރާގެ ފިނިކޮށާރަށް ބަދަލުކޮށްފައި ވަނިކޮށް އާންމުން އެ ސަރަހައްދަށް އެއްވެ، މަރުގެ ހަގީގަތް އޮޅުން ފިލުވައި ދިނުމަށް އެދި އަޑު އުފުލަން ފެށީ މީރޭ އިރާކޮޅު އެވެ.
އެއްވި މީހުން ތުހުމަތު ކުރަމުން ގެންދިޔައީ އެ މީހާއަކީ ފުލުހުން ބިޑި އަޅުވައި އަނިޔާކުރުމަށް ފަހު އެއްލާލާފައިވާ މީހެއް ކަމަށެވެ. އަދި އެއީ ސަރުކާރުގެ ތަހުގީގު ޖަލު، ދޫނިދޫން އެއްލާލާފައިވާ މީހެއް ކަމަށް ވެސް ބައެއް މީހުން ގޮވާފައި ވެއެވެ.
މީހުން އެއްވެ އަޑު އުފުލަން ފެށުމާއެކު އިދިކޮޅު ޕީޕީއެމުން އެމީހާގެ މަރުގެ ހަގީގަތަށް ވާސިލުވުމަށް ޕޯސްޓްމޯޓަމް ހަދާފައި ނޫނީ ވަޅު ނުލުމަށް ސަރުކާރަށް ގޮވައިލުމާއެކު، ސަހަރާ ކައިރިއަށް ޖަމާވި މީހުން ވެސް ވަނީ އެ އަޑު ހަރުކޮށް ފިނިކޮށާރުގައި އޮތް ގަބުރު ނޫސްވެރިންނަށް ދެއްކުމަށް ތަކުރާރުކޮށް ގޮވާފައެވެ.
މިރޭ މީހުން އެއްވުމާއެކު މުޅި ސަރަހައްދުގެ މަގުތައް ބަންދުވެ ދުއްވާ އެއްޗެއްސާއި ހިނގާ މީހުންނަށް ދަތިވިއިރު ދޭތެރެ ދޭތެރެއިން ފުލުހުންނާއި އާންމުންނާ ދެމެދު އެކިވަރުގެ ހަމަނުޖެހުންތައް ހިނގާފައި ވެއެވެ. ހަމަނުޖެހުންތައް ބޮޑުވީ ފުލުހުން ބާރުގެ ބޭނުންކޮށް އެއްވުން ރޫޅާލައި އެ ސަރަހައްދުން މީހުން ފޮނުވައިލަން އުޅުމުންނެވެ. އެއްވުން ރޫޅައިލުމަށް ފުލުހުން ވަނީ ޕެޕާ ސްޕްރޭ ވެސް ޖަހާފަ އެވެ. އޭގެ ފަހުން ރަޔަޓް ގިޔަރު ފުލުހުންގެ އެ ސަރަހައްދަށް ގޮސް އެއްވުން ރޫޅާލައި އާންމުން ފަހަތަށް ޖައްސާފައި ވެއެވެ.
އެއްވެފައިވާ މީހުން ދެވަނަ ފަހަރަށް އެއްވާން ފެށުމުން އެއް ނުވުމަށް ފުލުހުން އިންޒާރު ދެމުން ދަނިކޮށް އާންމުންގެ ތެރެއިން އެއްލި ގާބުރިއަކުން ޖެހި ފުލުހެއްގެ ބޯފަޅައިގެންދިޔަ އެވެ. އެ ހިސާބުން ފުލުހުން ވަނީ ބައެއް މީހުން ހައްޔަރު ކޮށްފައެވެ. ހައްޔަރު ކުރި މީހުންގެ ތެރޭގައި އެ ސަރަހައްދުގެ ގެއެއްގެ ތެރޭގައި އިން ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހިމް މުއާޒް (ޓީވީ މުއާ) އާއި އިތުރު ދެ މީހަކު ހިމެނެ އެވެ. ހައްޔަރު ކުރި ތިން މީހަކު ފުލުހުންގެ ވެހިކަލަށް އެރުވި މަންޒަރު ސަންގެ ނޫސްވެރިންނަށް ވަނީ ފެނިފަ އެވެ.
އެ ހިސާބުން ވެސް އެއްވި މީހުން ގޮވައިލަމުން ދިޔައީ ފިނިކޮށާރުގައި އޮތް ގަބުރު ނޫސްވެރިންނަށް ދެއްކުމަށެވެ. އޭގެ އިރުކޮޅެއް ފަހުން ފުލުހުން ވަނީ ފޯނާއި ކެމެރާ ނުވެއްދޭ ގޮތަށް ނޫސްވެރިންނަށް ވައްދައި ގަބުރު ދައްކާ ބައެއް މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކޮށްފަ އެވެ. މީޑިޔާގެ ކޮންމެ ވަސީލަތަކުން ވެސް ސަހަރާއަށް ވެއްދީ އެއްމެ ނޫސްވެރިއެކެވެ.
ކޮށާރުން ނެރެ، ނޫސްވެރިންނަށް ދެއްކި، ގަބުރަކީ އިސްކޮޅުން ދިގު، ބިޔަ ހިސާބަކަށް ތުނބުޅި ހުރި އަދި ގައިގައި ވެސް ވަރަށް ގިނައިން އިސްތަށި ހުރި ފިރިހެނެކެވެ. ހިތާނުވެސް ކޮށްފައި ނުވާ އެމީހާގެ ކަނާތު ފައިގެ ކަށިމަތިން ބިނދިފައިވާއިރު ކަށިގަނޑު ބޭރަށް ފެންނަން އޮތެވެ. އަދި ދެ އަތުގައި ބިޑި އެޅުވުމުގެ ސަބަބުން ދެ އަތުގެ ވެސް ކުޑަހުޅު މަތީގައި ޒަހަމްތައް ހުރި އިރު އޭރަކު ބިޑިއެއް ނެތެވެ. ފުލުހުން ބުނީ ފުލުހުން ބިޑި ނައްޓާލާފައިވާ ކަމަށާއި ބިޑި އަޅުވާފައި އޮތްކަން ފުލުހުންނަށް އެނގުނީ ވެސް ވ. އަތޮޅުން ހަށިގަނޑު މާލެ ގެނެސް ބެލި ބެލުމުން ކަމަށެވެ. އޭގެ ކުރިން ފެނުނީ އަދި ބިޑީގެ މަތިން ދެ އަތުގައި ވާގަނޑެއް އައްސާފައިވާ ތަން ކަމަށެވެ.
ފުލުހުން ދެއްކި، އެއްކޮށް ހަން ގޮސް ވަރަށް ބޮޑަށް ކުނިވެ އަދި ފުފިފައިވާ ގަބުރުގެ ހަށިގަނޑުގެ އެކިތަންތަނުގައި ޒަހަމްތައް ފެންނަން ހުއްޓެވެ. ހިތާނު ނުކޮށް އޮތުމުން ފުލުހުން ބުނީ އެއީ މުސްލިމެއް ނޫން ކަމަށާއި އެއީ ދިވެއްސެއް ކަމަށް ވެސް ނުބެލެވޭ ކަމަށެވެ.
އުއްޑުން ބާއްވާފައި އޮތް ގަބުރާ ބެހޭ ގޮތުން ސްޕްރިޑެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ނަވާޒް ވިދާޅުވީ އެމީހާގެ ބުރަކަށީގައި ޓެޓޫއެއް ވެސް ޖަހާފައި ހުރި ކަމަށާއި ކަރުގައި ފަށެއް ވެސް އޮތް ކަމަށެވެ.
މިހާތަނަށް ކާކުންކަން އޮޅުން ފިލާފައި ނުވާ މީހާގެ މަރާ ބެހޭ ގޮތުން ނަވާޒު ވިދާޅުވީ އެނީ ބޮޑު "ކްރައިމް ކަންތައްކަނޑެއްގެ ތެރޭގައި ހިންގާފައިވާ ކަމެއް" ކަމަށް ބެލެވޭ ކަމަށެވެ. ލަފާ ކުރެވެނީ އެއީ ބޯޓެއްގެ ތެރޭގައި ނުވަތަ ރަށެއްގައި ކޮށްފައިވާ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ގަބުރު ނޫސްވެރިންނަށް ދައްކާލުމަށްފަހު ނަވާޒު ވިދާޅުވީ ދޫނިދޫގައި އަނިޔާކޮށް މަރާލާފައިވާ ކަމަށް ޝައްކުވާނަމަ އެފަދަ މީހެއްގެ އާއިލާއިން ފުލުހުންނާ އެ މައުލޫމާތު އަވަހަށް ހިއްސާ ކުރުމަށާއި އޭރުން މައްސަލަ ބަލައި ތަހުގީގު ކުރަން ފުލުހުންނަށް ފަސޭހަވާނެ ކަމަށެވެ. ގަލޮޅު ސަހަރާ ކައިރިއަށް އެއްވެ އަޑު ގަދަ ކުރުމުގެ ބަދަލުގައި އެ މައްސަލަ ހުށަހަޅައި ފުލުހުނަށް އެއްބާރުލުންދިނުމަށް ވެސް ނަވާޒް އެދިވަޑައިގެންނެވި އެވެ. އޭނާ އަދި ވިދާޅުވީ އެމީހާގެ މަރުގެ ހަގީގަތް ހޯދަން ބޭނުންވާ ޑީއެންއޭ ޓެސްޓް ހެދުމަށް ކަނާތު ފަލަ މަސްގަނޑު ފަޅާލައި ކަށީގެ މަދުން ސާމްޕަލް ނަގާފައިވާ ކަމަށާއި ތަހުގީގު ކުރިޔަށްދާ ކަމަށެވެ.
ނޫސްވެރިންނަށް ގަބުރު ދައްކާލުމަށްފަހު ފުލުހުން ވަނީ އެ ސަރަހައްދުގެ މަގުތަކުން އާންމުންނަށާއި ދުއްވާއެއްޗެއްސަށް ދަތުރު ކުރެވޭ ގޮތަށް ހުޅުވައިލި އެވެ. ނަމަވެސް އޭގެ ފަހުން ވެސް މީހުން އެއްވެސް ކޮންމެވެސް ވަރަކަށް އަޑުގަދަކޮށް ހަމަނުޖެހުން ހިންގި އެވެ. އާންމުން އެ ސަރަހައްދު ދޫކޮށް ދިޔައީ 12:00 ޖަހައި ވެސް ބޮޑުވި ފަހުންނެވެ.
---
ފުލުހުން މިހާރު ވަނީ މަގު އާންމުންނަށާއި ދުއްވާ އެއްޗެއްސަށް ހުޅުވާލާފައި، އަނެއްކާވެސް މީހުން އެއްވަމުން އެބަދޭ. މެންބަރު އިލްހާމާއި މަހުލުފުވެސް އެބަހުންނެވި
00:49 ފިނިކޮށާރުގައި އޮތީ ސަރުކާރުގެ ތަހުގީގު ޖަލުގައި އޮތް މީހެކަމަށް ބެލެވޭނެމަ އެކަން އަވަހަށް ފުހުންނަށް އެންގުމަށާއި އޭރު މައްސަލަ ބަލަން ފަސޭހަވާނެ ކަމަށް ފުލުހުން ވަނީ ބުނެފައި.
00:42 ގައިގައި ވަރަށް އިސްތަށި ބޯ އެމީހާގެ ހަށިގަނޑުގެ ހުރިހާ ހިސާބަކުން ވެސް ހަން ގޮސްފައިވާ ކަމަށްވޭ.
"ފުލުހުން ބުނި މިހާރު އޭނާގެ ފަލަމަސްގަނޑާ ދިމާއިން ކަފާލައި ކަށިން ޑީއެންއޭ ސާމްޕަލް ނަގާފައިވާ ކަމަށް. އަދި ތަހުގީ ކުރަމުން އަންނަ ކަމަށް، ބިޑިއަޅުވާފައިވާ މީހެއްކަން އެނގުނީ ފިނިކޮށާރުގައި ބޭއްވުމަށް ފަހު ބެލި ފަހުން ކަމަށް، މޫދުން ނެގި އިރު ދެ އަތުގައި ވާގަނޑެއ އޮޅިފައިވާ ކަމަށް"
00:38 ގަބުރު ބެލި ނޫސްވެރިޔާ ބުނީ ބިޑިއެޅުމުގެ ސަބަބުން ދެ އަތުގެ ކުޑަ ހުޅުވެ ވަރަށް ބޮޑަށް ޒަހަމްވެފައިވާ ކަމަށާއި ހަށިގަނޑު މިހާރު އޮތީ ކުނިވެ ވަރަށް ބޮޑަށް ފުއްޕާފައި ކަމަށެވެ. އަދި ވަރަށް ގަދައަށް ނުބައި ވަސް ދުވާ ކަމަށެވެ. ކަރުގައި ފަށެއް އަޅާފައިވާ މީހާއާ ބެހޭ ގޮތުން، އެއީ ބޯޓެއްގެ ތެރޭގައި މަރާލާފައިވާ މީހެއް ކަމަށް ލަފާ ކުރޭ ކަމަށް ފުލުހުން ބުނި ކަމަށެވެ.
"ފުލުހުން ބުނަނީ ސަހަރާ ކައިރީގައި އަޑު ގަދަ ކުރުމުގެ ބަދަލުގައި އެއީ ކާކުކަން އެނގޭނަމަ އެ އާއިލާއަކުން އަވަހަށް މައުލުމާތު ދިނުމަށް. އޭރުން މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ފަސޭހަވާނެ ކަމަށް،" ނޫސްވެރިޔާ ބުންޏެވެ.
00:37 ނޫސްވެރިން ގަބުރު ބެލުމަށް ފަހު ނުކުމެއްޖެ.
"އެމީހާ އޮތީ ހިތާނު ނުކޮށް، ބުރަކަށީގައި ޓެޓޫއެއް ޖަހާފައިވޭ، ކަނާތު ފައިގެ ތަނބި ކަށި ވަނީ ބިނދިފައި،" ގަބުރު ބެލި ސަންގެ ނޫސްވެރިޔާ ބުންޏެވެ.
00:26 ނޫސްވެރިން އެތެރެއަށް ވައްދާފައިވާއިރު ސަހަރާގެ ބޭރުގައި ތިބި ފުލުހުން މިހާރު ތިބީ މާސްކް އަޅައިގެން. ހިސާބުގަނޑަށް ކުނިވަސް ފެތުރިފައިވާ ކަމަށް ބައެއް މީހުން ބުނޭ.
00:22 ގަލޮޅު ސަހަރާ ކައިރިން ހައްޔަރު ކުރި އެންމެން ފުލުހުންގެ ވެހިކަލްގައި ގެންގޮސްފި، އަނެއްކާވެސް މީހުންތައް ކައިރިއަށް ޖަމާވާން ފަށައިފި
http://sun.mv/albums/l_2382.jpg
00:19 ތިންވަނަ މީހަކު ވެސް ބިޑި އަޅުވައި ހައްޔަރުކޮށްފި، މިފަހަރު ހައްޔަރު ކުރީ އުމުރުން ދުވަސްވީ މީހެއް. އަނިޔާ ނުކުރުމަށް މީހުން ގޮވަމުން އެބަދޭ.
00:17 މީޑިޔާގެ ކޮންމެ އިދާރާއަަކުން ފިނިކޮށާރަށް ވެއްދީ އެންމެ ނޫސްވެރިއެކެވެ. ކެމެރާ މަނުންނަކަށް ނުވަދެވެ އެވެ. ފޯނެއް ވެސް ނުވެއްދެ އެވެ.
00:14 ހަމަނުޖެހުމުގެ ތެރޭގައި ޕީޕީއެމް ކައުންސިލު މެންބަރު މުއާޒު (ޓީވީ މުއާ) އާއި އިތުރު މީހަކު ބިޑި އަޅުވައި ހައްޔަރުކޮށްފި
http://sun.mv/albums/l_2376.jpg
00:12 ގިނަ ހަމަނުޖެހުންތަކަށްފަހު ގަބުރު ރައްކާކުރާ ކޮށާރު ކައިރިއަށް ނޫސްވެރިން ވައްދަން ފަށައިފި.
00:05 މިހާރު ވަނީ އިތުރު ފުލުހުން އައިސްފައި ދޭތެރެ ދޭރެއިން ކުދިކުދި ހަމަނުޖެހުންތައް ހިނގަމުންދާތީ އިންޒާރު ވެސް ދެމުން އެބަދޭ. ފުލުހުން މިހާތަނަށް ބުނެފައި ވަނީ މަރުވެފައިވާ މީޙާގެ ގައިގައި ހުރި ޒަޚަމްތަކަށް ބަލާ އިރު އެއީ މަރާލާފައި އޮތް މީހެއް ކަމަށް ބެލެވޭ ކަމަށް.
00:02 ފިނިކޮށާރުގައި އޮތް ގަބުރުގެ އަތުގައި ބިޑިއަޅުވާފައި އޮތް މައްސަލައާ ގުޅިގެން، ސަހަރާ ދޮށަށް އާންމުން އެއްވެ ޕޯސްޓްމޯޓަމް ހަދާފައި ނޫނީ ވަޅު ނުލުމަށް ގޮވާލަމުންދާއިރު ޕީޕީއެމުން ވަނީ، އެ މީހާގެ ޕޯސްޓްމޯޓަމް ހެދުމަށް ގޮވާލާފައެވެ.
00:02 ރިސޯޓަކުތަކުންނާއި އެހެން އެއްވެސް ތާކުން ވެސް މީހަކު ގެއްލިފައިވާ ރިޕޯޓްކުރަން ފުލުހުން އެދިފައިވާއިރު އަދިވެސް އެމީހާއާ ބެހޭ ތަފުސީލެއް ނުލިބޭ. އެއްވެފައިވާ މީހުން އެދެމުންދަނީ ގަބުރުގެ ހަގީގަތް ސާފުކޮށްދިނުމަށް.
22:54 އެއްވި މީހުން، ހަޅޭއް ލަވަމުން ދިޔައީ ގަބުރުގެ ހަގީގަތް ބަލަން ފިނިކޮށާރު ކައިރިއަށް ނޫސްވެރިން ނުވައްދައިގެން، ފުލުހުން ވަނީ އެއްވެފައި މީހުންގެ ތެރެއަށް ޕެޕާ ސްޕެރޭ ޖަހައި މީހުން ދުރަށް ޖައްސާފައި. ރަޔަޓް ގިޔަރު ފުލުުހުން މުޅި ސަރަހައްދުގައި ހަރަކާތްތެރިވަމުން އެބަދޭ
22:51 ވ. އަތޮޅު ފައްތެލަ ކިޔާ ފަރެއްކައިރީ މަރުވެފައިއޮށްވާ ފެނުނު ގަބުރުގެ އޮތީ "ނޯމަލް ހޭންޑްކަފްއެއް" ކަމަށް ފުލުހުން ބުނެފި އެވެ. މިއަދު މެންދުރުކުރިނ ދަތުރުކުރަމުން ދޯންޏެއްގެ ބަޔަކަށް ފެނުނު އެމީހާ އަކީ ބިދޭސީ ފިރިހެނެއް ކަމަށް ލަފާ ކުރެވޭ ކަމަށް ފުލުުހުން ބުނެފައިވާއިރު ގަބުރު ބާއްވާފައި އޮތް ގަލޮޅު ސަހަރާގެ ފިނި ކޮށާރު ކައިރިއަށް ނޫސްވެރިން ނުވައްދައިގެން އެ ސަރަހައްދުގައި ދަނީ މީހުން އެއްވެ ހަމަނުޖެހުން ހިންގަމުންނެވެ.