10 Nov 2011, 20:50
ހުސްވި އޮކްޓޯބަރު މަހު ބޭއްވުމަށް ހަމަޖެހުނު 22 ވަނަ ޤައުމީ ކެރަމް މުބާރާތް ފެށުން ފަސްކުރުމަށްފަހު، މުބާރާތް މިމަހުގެ 25 ވަނަ ދުވަހު ބާއްވާ ގޮތަށް ކެރަމް އެސޯސިއޭޝަނުން ނިންމައިފި އެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ މުބާރާތް ކުރިން ބެއްވުމަށް ހަމަޖެހިފައިވާ ތާރީހަށްށް ބަދަލު ގެންނަން ޖެހުނީ މުބާރާތް ޝެޑިއުލް ކުރި ދުވަސްވަރަކީ ސާކް ސަމިޓްގެ ތައްޔާރީތަކުގައި ގިނަ ބަޔަކު ޝާމިލުވެފައިވާ ދުވަސްވަރަކަށް ވުމުން މުބާރާތް ކުޅެން ބޭނުންވާ ގިނަ ފަރާތްތަކަކަށް ފުރުޞަތު ގެއްލޭނެތީ ކަމަށެވެ. އަދި ސްކޫލުތަކުގެ ޓެސްޓާއި ހަވަ ވަނަ އައިސީއެފް ކެރަމް ކަޕަށް ތައްޔާރުވުމުގެ ގޮތުން ޤައުމީ ޓީމުގެ ތައްޔާރީތަކަށް ވެސް ވަގުތު ދޭންޖެހިފައިވާތީ އެވެ.
ދެ ޑިވިޝަނަކަށް ބާހާލައިގެން ބޭއްވޭ 22 ވަނަ ޤައުމީ ކެރަމް މުބާރާތުގައި ބައިވެރިވުމުގެ ފުރުޟަތު ވަނީ ކެރަމް ކުޅުމަށް ޝައުޤުވެރިކަން ހުންނަ ކޮންމެ ފަރާތަކަށް ވެސް ހުޅުވާލެވިފަ އެވެ. މުބާރާތުގައި ސިންގަލްސް، ޑަބަލްސް، މިކްސް ޑަބަލްސްގެ އިތުރުން ޓީމް އިވެންޓު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.