10 Nov 2011, 20:38
އަންނަ ޑިސެމްބަރު މަހު އިންޑިޔާގެ ނިއު ދިއްލީގައި އޮންނަ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރު ވުމަށް ދިވެހި ޤައުމީ ޓީމް މެލޭޝިއާގައި ކުޅުނު އެކުވެރިކަމުގެ ދެ ވަނަ މެޗު ކާމިޔާބު ކޮށްފި އެވެ.
ދިވެހި ޓީމްގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އާއި އިބްރާހިމް ފަޒީލް (އޮއްޕޮ) އަދި މުހުތާރު ނަސީރު (ޓޫކިލޯ) އާއި އަހުމަދު ތަސްނީމު ނުލައި ކުޅުނު މިމެޗު ކާމިޔާބު ކުރީ މެލޭޝިއާގެ އާމްޑް ފޯސް އަތުން 5-0 ލަނޑުންނެވެ.
މިއަދު މެންދުރު ފަހުގެ ވަގުތެއްގައި ކުޅުނު މި މެޗުގައި ރާއްޖެއަށް ލަނޑުތައް ކާމިޔާބު ކޮށްދިން ކުޅުންތެރިންނަކީ އަހުމަދު ތޯރިގް (ޓޮމް) ދެ ލަނޑާއި މުހައްމަދު ހުސެއިން ނިޔާޒް (ބޮކުރީ) އާއި އަލީ ފާސިރު (ސެންޓޭ) އަދި ހަސަން އަދުހަމް އެވެ.
މި ދަތުރުގައި ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗު ނިމުނީ 1- 1 ލަނޑުން ދެޓީމް އެއްވަރުވެގެންނެވެ. މެޗުގައި ދިވެހި ޓީމާ ދެކޮޅަށް ނުކުތީ މެލޭޝިއާގައި ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމެކެވެ. އަދި މިމެޗުގައި ރާއްޖޭގެ ލަނޑު ލަނޑު ޖެހީ އިސްމާއިލް މުހައްމަދު (އިއްސެ) އެވެ.
އެފްއޭއެމްގެ އިސް އޮފިސަލަކު ބުނީ، މެލޭޝިއާއަށް ދިވެހި ޓީމް މިހާރު ކުރަމުން އެ އަންނަ ދަތުރަށްފަހު ސީޝެލްސްއާ ދެކޮޅަށް މާލޭގައި އެކުވެރި ކަމުގެ ދެ މެޗް ކުޅޭނެ ކަމަށެވެ. އެގޮތުން ފުރަތަމަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 26 ވަނަ ދުވަހު އެވެ.
އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އަންނަ މަހުގެ ދެ ވަނަ ދުވަހު މުބާރާތް ފަށާއިރު، މުބާރާތުގައި ރާއްޖެ ލައްވާލީ މިސަރަހައްދުގެ ފުޓްބޯޅައިގައި މިހާރު އެންމެ ކުރިއަރަމުން އަންނަ ޤައުމުތަކާ އެކު ގްރޫޕް ބީ ފަޅީގަ އެވެ. އެގޮތުން ރާއްޖެ ފަޅީގައި ހިމެނޭ ޤައުމުތަކަކީ ބަންގްލަދޭޝް އާއި ނޭޕާލް އަދި ޕާކިސްތާނެވެ.
ގްރޫޕް އޭގައި ހިމެނެނީ މުބާރާތް ބާއްވާ އިންޑިޔާ އާއި އަފްޣާނިސްތާނާއި ސްރީލަންކާ އަދި ބޫޓާނެވެ.
އިންޑިއާގައި ސާފް ޗެމްޕިއަން ޝިޕް ބާއްވާ މިއީ ދެ ވަނަ ފަހަރެވެ. މި މުބާރާތް އެންމެ ފަހުން ބާއްވާފައި ވަނީ ބަންގްލަދޭޝްގަ އެވެ. އެ މުބާރާތުގެ ފައިނަލުގައި ރާއްޖެ ބަލިކޮށް އިންޑިއާ ވަނީ ތަށި ގެންގޮސްފަ އެވެ.
މުބާރަތުގެ އެންމެ ކާމިޔާބު ޓީމަކީ ވެސް އިންޑިއާ އެވެ. އިންޑިއާ ފަސް ފަހަރު މުބާރާތް ކާމިޔާބުކޮށްފައިވާ އިރު، ދިވެހިރާއްޖެ، ސްރީލަންކާ އަދި ބަންގްލަދޭޝް ވަނީ އެއްފަހަރު މި މުބާރާތް ކާމިޔާބު ކޮށްފަ އެވެ.