17 Sep 2019, 16:07
ޔުނިސެފުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ރެޕްރެޒެންޓެޓިވް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހުމަދާ ބައްދަލު ކުރައްވައިފި އެވެ.
ޔުނިސެފްގެ ފަރާތުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ރެޕްރެޒެންޓެޓިވް، ޑޮކްޓަރު މުނީރު ސަފިލްޑިން ފަސްޓްލޭޑީ ފަޒްނާ އާއެކު ބޭއްވެވި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު އެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގައި ކުޑަކުދިންނާއި ފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ދަޢުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ހުރި ބައެއް ކަންބޮޑުވުންތަކާއި ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމް ކުރުމާ ގުޅޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި އެވެ.
މީގެ އިތުރުންފުރާވަރުގެ ކުދިންގެ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ޓަކައި ބެލެނިވެރިންގެ ފުރިހަމަ ސަމާލުކަން އެކުދިންނަށް ދިނުމުގެ މުހިންމުކަމުގެ މައްޗަށާއި، އެކުދިންނަށް ދިމާވާ މައްސަލަތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް ބާރުއެޅުމާއި، ނަފްސާނީ ދުޅަހެޔޮކަމާއި މެދު ހޭލުންތެރިކުރުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ވެސް ވަނީ މަޝްވަރާ ކުރައްވައިފަ އެވެ.
އަދި ދައުލަތުން ބަލަހައްޓަމުން ގެންދާ ކުދިން ގެންގުޅުމުގައި ދިމާވާ ގޮންޖެހުންތަކާއި އެކުދިންގެ ދިރިއުޅުމުގެ ހާލަތު އިތުރަށް ރަނގަޅުކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ކުށްކުރާ ކުޑަކުދިން ބަންދުކުރާ ތަނަކީ އެކަށީގެންވާ ތަނެއްކަމުގައި ކަށަވަރުކުރުމާއި އެކުދިން އިސްލާހުވުމަށް އެކަށީގެންވާ ރަނގަޅު މާހައުލެއް ގާއިމުކުރުމަށް ބާރުއެޅުމާ އެކު، އެފަދަ ކުދީން އިޞްލާޙުކޮށް އަނބުރާ މުޖުތަމަޢަށް ގެނައުމަށް ޓަކައި ކަމާބެހޭ ދާއިރާތަކާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާ ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފަ އެވެ.
މީގެ އިތުރުންކުޑަކުދިންގެ ޙައްޤުތައް ހިމާޔަތްކުރުމުގެ ބިލާއި، ޖުވެނައިލް ޖަސްޓިސް ބިލު ފާސްކޮށް އެގާނޫނަށް ޢަމަލުކުރުން އަވަސްކުރުމުގެ މުހިންމުކަން ދެބޭފުޅުން ފާހަގަ ކުރެއްވި އެވެ.
މި ބައްދަލުކުރެއްވުމުގައި ފަސްޓްލޭޑީ ވަނީ ޔުނިސެފުން ރާއްޖޭގެ ކުޑަކުދިންގެ ހައްގުތައް ހިމާޔަތްކުރުމަށް ކުރައްވަމުންގެންދަވާ މަސައްކަތްތައް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފަ އެވެ.