ކާބުލް (ސެޕްޓެމްބަރު 17): އަފްޣާނިސްތާނުގެ ރައީސް އަޝްރަފް ޣަނީގެ ކެމްޕެއިން ރެލީއެއް ކައިރީ މިއަދު ދިން ބޮމުގެ ހަމަލާއެއްގައި 24 މީހަކު މަރުވެއްޖެ އެވެ.

ރައީސް ޣަނީގެ ކެމްޕެއިން ތަރުޖަމާނު ވިދާޅުވި ގޮތުގައި އެހަމަލާ ދިން އިރު ރައީސް ރެލީގައި ހުންނެވި އެވެ. ނަމަވެސް އެހަމަލާގައި އޭނާއަށް އަނިޔާއެއް ނުވެ އެވެ.

އަފްޣާނިސްތާނުގެ ޕަރުވަން ޕްރޮވިންސުގައި އެހާދިސާ ހިނގީ ކެމްޕެއިން ބައްދަލުވުން ބޭއްވި ތަނުގެ ގޭޓު ކައިރީގަ އެވެ. އެހަމަލާގައި 30 މީހަކަށް އަނިޔާވި ކަމަށާއި އެމީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް އެޕްރޮވިންސުގެ ހޮސްޕިޓަލަކުން ބުންޏެވެ.

އަފްޣާނިސްތާނުގައި މިމަހުގެ 28ގައި ބާއްވާ ރިޔާސީ އިންތިހާބާ ދިމާކޮށް އެގައުމުގައިދޭ ބޮމުގެ ހަމަލާތައް ވަނީ އިތުރުކޮށްފަ އެވެ. ތާލިބާނުން ބުނި ގޮތުގައި އެހަމަލާތައް ދެނީ، ރައީސް ޣަނީ ދެވަނަ ދައުރަކަށް ވާދަ ކުރައްވާ އިންތިހާބުގައި ވޯޓުލުން ހުއްޓުވުމަށްޓަކަ އެވެ.

މީގެ އިތުރުން، އެމެރިކާ އާއި ތާލިބާނާ ދެމެދު ކުރިއަށް ގެންދިޔަ ސުލްހައިގެ ވާހަކަތައް ހުއްޓާލުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް މިމަހުގެ ހަތެއްގައި ނިންމެވުމާ ގުޅިގެންވެސް އެޖަމާއަތުގެ ހަމަލާތައް އިތުރުވާނެ ކަމަށް ކަމާ ބެހޭ މާހިރުން ވަނީ ލަފާކޮށްފަ އެވެ. އެ ވާހަކަތައް ހުއްޓާލީ ތާލިބާނުން މިމަހުގެ ފަހެއްގައި ކާބުލްގައި ބޮމުގެ ހަމަލާއެއްދީ، 12 މީހަކު މަރާލުމާ ގުޅިގެންނެވެ. އެހަމަލާގައި މަރުވި މީހުންގެ ތެރޭގައި އެމެރިކާގެ ސިފައިންގެ މީހަކުވެސް ހިމެނުނެވެ.