ވ. އަތޮޅު ފައްތެލަ ކިޔާ ފަރެއްކައިރީ މަރުވެފައިއޮތް ފިރިހެނެއްގެ ހަށިގަނޑު ފެނިއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންސްޕެކްޓާ އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ މަރުވެފައިއޮތް މީހެއްގެ ހަށިގަނޑު ފެނުނީ މިއަދު މެންދުރުކުރިން ވ. ފައްތެލަ ކިޔާ ފަރުކައިރިން ދަތުރުކުރަމުން ދިޔަ ދޯންޏަކަށް ކަމަށެވެ. އަދި އެމީހަކީ ބިދޭސީ ފިރިހެނެއް ކަމަށް ލަފާ ކުރެވޭ ކަމަށް ޝިިޔާމް ވިދާޅުވި އެވެ.

ނަމަވެސް އޭނާ ނެގީ ކޮން ދޯންޏަކަށް ކަމެއް ފުލުހުން އަދި ނުބުނެ އެވެ.

ގިނަ ދުވަސް ވެފައިވާ ކަމަށް ލަފާކުރެވޭ އެ މީހާގެ ހަށިގަނޑުން ޒަހަމްތަކެއް ފެންނަން ހުރި ކަމަށާއި އޭނާގެ ހަށިގަނޑު މާލެގެނެސް ގަޅޮޅު މޯޗަރީގައި ބާއްވާފައިވާ ކަމަށެވެ. އަދި އޭނާގެ މަރުގެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.