16 Jun 2010, 10:13
14:30
ފީފާ ވޯލްޑަކަފް ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު މާލޭ ގަޑިން 4.30 ގައި ފެށޭ މެޗްގައި ބައްދަލުކުރާނީ ހޮންޑިއުރަސް އާއި ޗިލީ އެވެ. މިއީ 28 އަހަރަށް ފަހު ހޮންޑިއުރާސް ވޯލްކަޕް ފުޓްބޯޅަ މުބާރާތެއްގައި ކުޅޭ ފުރަތަމަ ފަހަރު. އެހެންކަމުން މިއަދުގެ މެޗުން މޮޅުވުމަށް ޓީމުގެ އުންމީދު ވަރަށް ބޮޑެވެ.
މިއަދުގެ މެޗަށް ނުކުންނައިރު ޓީމުގެ ކޯޗަށް އެންމެ ބޮޑަށް ވިސްނަންޖެހުނު އެއްކަމަކީ ޑޭވިޑް ސްވާޒޯއަށް ނުކުޅެވޭކަމެވެ. އަދި އެޓޭކިން މިޑްފީލްޑަރ ޖޫލިއޯ ސީޒާއަށް މިފަހަރުގެ ވޯލްޑްކަޕްގައި ނުކުޅެވޭކަމެވެ. ޗިލީގެ ކޯޗް އާޖެންޓީނާގެ ބިލްސާއަށް ލިބިފައިވާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކޮލިފައިންގައި ދިހަ ގޯލް ޖަހާފައިވާ ޒަރަގޯޒާއަށް ކުޅެމުން އަންނަ މާކްސްމަން އަނިޔާއިން ރަގަޅުވެ މިރޭގެ މެޗަށް ނިކުމެވޭކަމެވެ.
މާލޭ ގަޑިން މިރޭ 7.00 ޖަހާއިރު ފެށޭ މެޗްގައި ބައްދަލުކުރާނީ ސްޕެއިން އާއި ސްވިޒަލެންޑް އެވެ. ސްޕެނިޝް ލަލީގާގައި ކުޅޭ މަޝްހޫރު ގިނަ ކުޅުންތެރިންތަކަކާ އެކު މިރޭ މެޗަށް ސްޕެއިން ނިކުންނައިރު ކޯޗް ޑެލްބޮސްކީ އަށް ލިބިފައިވާ ހިތްހަމަޖެހުމަކީ ޓީމުގެ ހުރިހާ ކުޅުންތެރިން ވެސް ފިޓްކޮށް ތިބުން ކަމަށްވަނީ ބުނެފަ އެވެ. އެންމެ ފަހުގެ ޔޫރަޕިއަންގެ ޗެމްޕިއަން މިރޭގެ މެޗަށް ނިކުންނަނީ މުބާރާތުގެ ފޭވަރިޓް ޓީމުގެ ގޮތުގަ އެވެ.
މިރޭގެ ދެވަނަ މެޗްގައި 11.30 ގައި ބައްދަލުކުރާނީ ސައުތު އެފްރިކާ އާއި އުރުގުއޭ އެވެ. މިގްރޫޕްގެ ފުރަތަމަ ދެމެޗް އެއްވަރު ވެފައިވުމަކީ މިރޭގެ މެޗް އިތުރަށް ފޯރިގަދަވެގެން ދާނެ ކަމެއް ކަމަށް ތަޖުރިބާކާރުން ފާހަގަކުރެ އެވެ.
މިރޭގެ މެޗުގައި ދެކުނު އެފްރިކާއިން އެންމެ ބޮޑަށް ސަމާލުވާނީ އުރުގުއާއިގެ އެތްލެޓިކޯ މެޑްރިޑްގެ ފޯވަޑް ހަލުވި ފޯވަޑް ހުއްޓުވުމަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް ގަދަ ސޯޅައަށް ދަތުރުކުރުމުގެ ފުރުސަތު ބޮޑުވާނެ އެވެ.