ސ. ހިތަދޫން: އަހުމަދު ނާއިފް

ސާކްގެ މެންބަރު ގައުމުތަކުގެ މެދުގައި ޑިއުޓީ ނަގާ ނާޒުކު ބާވަތްތަކުގެ ލިސްޓް ނުވަތަ ސެންސިޓިވް ލިސްޓުން 455 ބާވަތެއްގެ އައިޓަމެއް އުނިކޮށް 25 ބާވަތަކަށް ކުޑަކުރަން އިންޑިއާއިން ނިންމައިފި އެވެ.

އެކަން އިއުލާންކުރެއްވީ މިއަދު ބޭއްވި ސާކުގެ އިސްވެރިންގެ ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް އެވެ.

މިއަދު މެންދުރު އައްޑޫ ސިޓީގައި ފެށި ސަތާރަ ވަނަ ސާކު ސަމިޓުގެ ޖަލްސާގައި ތަގުރީރު ކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންހް ވިދާޅުވީ 2004 ވަނަ އަހަރު އެއްބަސްވި މިނިވަން ވިޔަފާރީގެ އެއްބަސްވުން، ސަފްޓާގެ ދަށުން އެކުޅާލަވާލާފައިވާ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ސެންސިޓިވް ލިސްޓު، 480 ބާވަތަކުން 25 ބާވަތަށް ތިރިކުރަން ނިންމާފައިވާކަމަށާއި އެ ބާވަތްތަކަށް ސުން ރޭޓުން ޑިއުޓީ ކަނޑައެޅި އެ ނިންމުމަށް ވަގުތުން އަމަލުކުރަން ފެށޭނެ ކަމަށެވެ.

"ނޮން ޓެރިފް ބެރިއާސް އަކީ މި ސަރަހައްދުގެ ކަންބޮޑުވުމެއް. އިންޑިއާއިން ގަބޫލުކުރަން އިންޑިއާގެ ވިޔަފާރި އާއި އިގްތިސޯދު އޮތް ގޮތުން އިންޑިޔާގެ ޒިންމާއެއް އެބައޮތް. މިނިވަން ވިޔަފާރިއަށް އިންޑިއާއިން ތާއީދު ކުރަން. އަހަރުމެންގެ އިގުތިސޯދުތަކަށް ބަވަނަ ވަމުން އަންނަ އިރު ފުރުސަތު އޮތް ކަމުގައިވިޔަސް ވާދަކުރަން ދަސްކުރަންޖެހޭނީ،" ސެންސިޓިވް ލިސްޓް ކުޑަކުރަން އެއްބަސްވިކަން އިއުލާން ކުރައްވަމުން މަންމޯހަން ސިންހް ވިދާޅުވި އެވެ.

ރާއްޖެއިން ވަކާލާތު ކުރަނީ ސެންސިޓިވް ލިސްޓް ސުުމަކަށް ތިރިކުރާށެވެ.

މަންމޯހަން ސިންހު ވަނީ ރެއިލްވޭ އަދި މޮޓޯ އެގްރިމަންޓަށް ހާއްސަ ސަމާލުކަމެއް ދީގެން އެ ދެ އެގްރިމަންޓަށް އެއްބަސްވުންތަކަކަށް އައުމަށް ގައުމުތަކަށް ގޮވާލައްވާފަ އެވެ. ރާއްޖެ އާއި އިންޑިޔާ އާއި ލަންކާއާއި ދެމެދު ފެރީ ސާވިސް ފެށުމަށް މަސައްކަތްކުރާކަން ފާހަނގަ ކުރައްވަމުން އެެމަނިކުފާނު ވިދާޅުވީ އިންޑިއާގެ އަމާޒަކީ ސަރަހައްދީ ވައިގެ ހިދުމަތްތަކާ ބެހޭ އެގްރިމަންޓެއްވެސް އެކުލަވާލުން ކަމަށެވެ.

ސާކުގެ، އެގްރިމަންޓް އޮން އިންވެސްޓްމަންޓު ފައިނަލް ކުރުން އަވަސްކުރަންޖެހޭ ކަންވެސް އެމަނިކުފާނު ފާހަނގަ ކުރެއްވި އެވެ.

އިގްތިސޯދީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ މަންމޯހަން ސިންހް ވިދާޅުވީ ސަރަހައްދީ މިނިވަން ވިޔަފާރީއަށް މަސައްކަތްކުރާއިރު "ސާކުގެ ގައުމުތަކުން ހޯދާ މުއްސަދިކަން ސާކުގެ ގައުމުތަކަށް އިންވެސްޓްކުރެވޭނެ މާހައުލެއް" ގާއިމް ކުރަންޖެހޭ ކަމަށެވެ.

މަންމޯހަން ސިންހް ވިދާޅުވީ ދުނިޔެއަށް އިގްތިސޯދީ ގޮންޖެހުންތަކާއި ކުރިމަތިވާއިރު ސައުތު އޭޝިޔާގެ ގައުމުތަކުގެ އުފެއްދުންތެރިކަން އެއް މިނެއްގައި ދެމެހެއްޓުމަކީ މި ސަރަހައްދު ވެސް އޭޝިޔާއާ އެއްވަރަށް ތަރައްގީވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށެވެ.

"މި ކަމުގެ ސަބަބުން ސާކުގެ ގައުމުތަކުގެ ގުޅުމަށް މަގުފަހިވެއްޖެ. މި ތިބެވުނީ ރަނގަޅު މަގެއްގައި،" މަންމޯހަން ސިންހް ވިދާޅުވި އެވެ.

އިންޑިއާއިން އިސްނަގައިގެން ސާކު ގައުމުތަކުގެ މެދުގައި ޓޫރިޒަމް ފުޅާކުރުމަށް ޓުއާ އޮަޕަރޭޓަރުންގެ ކޮންފަރެންސެއް ބާއްވާނެ ކަމަށާއި ތިން މަހަށް ދެމިގެންދާ ޓްރެވަލް އެކްޒިބިޝަނެއް ބާއްވާނެ ކަންވެސް ބޮޑު ވަޒީރު އިއުލާންކުރެއްވި އެވެ.

އިންޑިއާގެ ބޮޑުވަޒީރުގެ ވާހަކަފުޅުގައި ސަމިޓުގައި މަޝްވަރާ ކުރުމަށް ހުށަހެޅުއްވި އެހެން ހުށަހެޅުންތަކުގެ ތެރޭގައި ސަރަހައްދީ ޕޯސްޓަލް ޔޫނިއަނެއް ގާއިމް ކުރުން ހިމެނެ އެވެ. އެމަނިކުފާނު ވިދާޅުވީ ޕޯސްޓަލް ޔޫނިއަންގެ މައި އޮފީސް އިންޑިޔާގައި ބެހެއްޓުމަށާއި އެ ކަމަށް ބޭނުންވާ މުވައްޒަފުން އިންޑިޔާއިން އުފައްދުމަށް ހުށަހަޅާ ކަމަށެވެ. ޕޯސްޓަލް އެގްރިމަންޓުގެ ދަށުން އިންޑިޔާއިން ކޯލް ރޭޓްތަށް ދައްކޮށް ކޮމިޔުނިކޭޝަން ޓެރިފް ކުޑަކޮށް މުއާސަލާތު ރަނގަޅު ކުރުމަށް އިންޑިއާއިން ހަރަދުކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ސާކު ގައުމުތަކުގެ މެދުގައި ޓީވީ ޗެނަލްތަކާއި ފިލްމު ބަދަލުކުރުމަށް ބާރުއަޅުއްވާނެ ކަމަށް ވެސް މަންމޯހަން ސިންގް ވިދާޅުވި އެވެ.

މަންމޯހަން ސިންހް ވެސް ވަނީ ސާކުން ދަތުރުކުރަން ޖެހޭ ރާސްތާ ދިގު ކަމަށާއި މަސައްކަތްކޮށް ފިނަމަ ސާކުގެ ލަނޑުދަނޑިތައް ހާސިލް ކުރެވާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.

"ކުރިމަތިވާ މައްސަލަތަކަކީ ދެކޭ ހުވަފެންތަކާއި އުންމީދުތަކަށް އެޅޭ ހުރަހަކަށް ވެގެން ނުވާނެ. ތަފާތުތައް އެއްފަރާތްކޮށް އެއްބަޔަކު އަނެއްބަޔަކާ ގުޅިގެން އުޅެވޭނީ. އެއްވެސް ގައުމަކަށް ވަކިން އެހީއަކާ ނުލައެއް ނޫޅެވޭނެ. އަހަރުމެން ބަލަންވީ އަމިއްލަ ނަފުސުތަކާ ވާދަކޮށްގެން ކާމިޔާބު ހޯދަން،"
ސ