މެންބަރު އާމިރަށް ރޭ ފަތިހު ބަޔަކު ހަމަލަދީ އަނިޔާ ތަކެއް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މަގުމަތީން ބަޔަކު އޭނާ ހިފަހައްޓައި ގެޔަކަށް ވައްދައި ތަޅައި އަނިޔާކޮށް، ލައިގެން ހުރި ފަޓުލޫނު ވީދައި ކުދިކުދި ކުރުމަށް ފަހު ފުލުހުންނާ ހަވާލު ކުރި ކަމަށެވެ.

މި ކަމާ ގުޅިގެން ފުލުހުންގެ ސަބް އިންސްޕެކްޓަ އަހްމަދު ޝިޔާމް މިއަދު ވިދާޅުވީ އާމިރު މީހެއްގެ އަންބެއްގެ ކައިރިއަށް ވަތް ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ކަމަށާއި ނަމަވެސް މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

"އެ ގެއިން ރިޕޯޓްކުރުމުން ފުލުހުން ގޮސް އޭނާ ހައްޔަރުކުރި. އެ މައްސލާގައި ވަނީ އެގޭ ތެރޭގައި ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް ވެސް ހިނގާފައި. އެ މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ބަލަމުން،" ޝިޔާމް ވިދާޅުވި އެވެ.

އާމިރު މިއަދު ސަން އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރޭ ފަތިހު 4:30 އެހާކަންހާއިރު އޭނާ މާފަންނުން ސައިކަލުގައި ވަޑައިގަންނަވަނިކޮށް ބަޔަކު އޭނާގެ ސައިކަލް މަޑުކުރުމަށް ފަހު މ. ޓްރިންކްއެލަޖީ އަށް ވައްދައި އޭނާ އަށް ހަމަލަދީ ފަޓުލޫނު ވެސް ވީދައި ކުދިކޮށް، ފުލުހުންނާ ހަވާލުކުރީ ކަމަށެވެ. އަދި އޭނާ އަށް ހަމަލަ ދިން މީހުން ވޮލެޓާއި ދެ ފޯނު އަތުލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ އަޑީގައި ވަނީ ކޮން ކަމެއްކަމެއް އަޅުގަނޑަކަށް ނޭނގެ ބުނާކަށް. މީހެއްގެ އަންބެއް ކައިރިއަށް ވަތްކަމަށް އެބުނާ ވާހަކައަކީ ކަނޑައެޅިގެން ދޮގެއް،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ގޭތެރެއަށް ވެއްދި މީހުން ދިން ހަމަލަ ތަކުގެ ސަބަބުން ނޭފަތް މަތި ފަޅައިގެން ދިއުމުގެ އިތުރުން އެހެން ބައެއް ޒަޚަމުތައް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ. މި މައްސަލަ ތަހުގީގުކޮށް ދިނުމަށް ފުލުހުންނަށް ހުށަހަޅުއްވާފައި ވާނެ ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

"އަޅުގަނޑުގެ ހެދުންތައް ބެލީމަ އެނގޭނެ މީ ބަޔަކު ދިން ހަމަލައެއް ކަން. އަދި ހިފެހެއްޓި ސަރަހައްދުގައި ސީސީ ޓީވީ ހުރިއްޔާ އޭގެން ވެސް ވަރަށް ރީއްޗަށް ފެންނާނެ،" އާމިރު ވިދާޅުވި އެވެ.