ސައުތު އޭޝިޔަން ޔުނިވަސިޓީގައި ކިޔެވުމަށް އިންޑިޔާ އިން ހުޅުވާލާފައިވާ ސާކް ސިލްވާ ޖުބްލީ ސްކޮލަޝިޕްގެ އަދަދު 50 އިން 100 އަށް އިތުރު ކުރާނެ ކަމަށް އިންޑިޔާގެ ބޮޑުވަޒީރު މަންމޯހަން ސިންގް މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު އައްޑޫ ސިޓީގައި ފެށި ދެ ދުވަހުގެ ސާކް ސަމިޓްގައި ވާހަކަ ދައްކަވަމުން ސިންގް ވިދާޅުވީ ސައުތު އޭޝިޔަން ޔުނިވަސިޓީ ދަނީ މިދިޔަ ޖުލައި މަހުން ފެށިގެން ހިނގަމުން ކަމަށާއި އެ ޔުނިވަސިޓީގައި ކިޔެވުމަށް އިންޑިޔާ އިން ހުޅުވާލާ 100 ސްކޮލަޝިޕްގެ ތެރެއިން 75 ފުރުސަތަކީ މާސްޓާސް ލެވެލްގެ ފުރުސަތުތަކަށް ހައްދަވާނެ ކަމަށާއި 25 ފުރުސަތަކީ ޑޮކްޓަރޭޓް ލެވެލްގެ ފުރުސަތަށް ހައްދަވާނެ ކަމަށެވެ.

އިންޑިޔާގެ ބޮޑު ވަޒީރުގެ ވާހަކަ ފުޅުގައި އެގައުމުން ދޭ ސްކޮލަޝިޕްގެ އިތުރުން ވެސް އިންޑިޔާ އިން ސާކް ގައުމުތަކަށް ކޮށްދޭނެ ގިނަ ކަންތައްތަކެއްގެ ވާހަކަ ވިދާޅުވި އެވެ. އެގޮތުން އިންޑިޔާ އިން ގާއިމްކޮށްފައިވާ ވިޔަފާރީގެ 80 ޓެރިފް ލައިން 20 ޓެރިފް ލައިނަށް މަދުކުރުމަށް ނިންމާފައިވާ ކަމަށާއި އެކަމުގެ ބޭނުމަކީ ދެކުނު އޭޝިޔާ ސަރަހައްދަކީ ވިޔަފާރި ކުރަން ފަސޭހަ މާހައުލެއް އޮތް ސަރަހައްދަކަށް ހެދުން ކަމަށް ވިދާޅުވި އެވެ.

އަދި ވިދާޅުވީ ޓެލެކޮމިއުނިކޭޝަންގެ ހިދުމަތުގެ އަގު ސަރަހައްދުގައި ދައްކުރަން ޖެހޭ ކަމަށާއި އެހެން ވީމާ ހުރިހާ ގައުމެއް ހިއްސާކުރާ ޓެލެކޮމް ފެސިލިޓީއެއް ގާއިމް ކުރުން މުހިއްމު ކަމަށެވެ. އަދި އެފަދަ ފެސިލިޓީއެއް ގާއިމް ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗާ ގާއިމް ކުރުމަށް އިންޑިޔާ އޮތީ ތައްޔާރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިންގް ވިދާޅުވި ގޮތުގައި ޖިއޮގްރަފީގެ ގޮތުންނާއި އިގުތިސާދީ ގޮތުން ކުރިއަރަމުން އަންނަ މިންވަރަށް ބަލާ އިރު ސަރަހައްދަށް ގިނަ ކަންތައްތަކެއް ކޮށްދިނުމާއި ސަރަހައްދުގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަކީ އިންޑިޔާގެ ޒިންމާއެއް ކަމަށް އިންޑިޔާ އިން ދެކޭ ކަމަށް ސިންގް ވިދާޅުވި އެވެ.