ހއ. ކެލާ އަދި ނ. ހެނބަދޫ ބަނދަރު ހެދުމުގެ އަމަލީ މަސައްކަތް އެމްޓީސީސީން ފަށައިފި އެވެ.

އެމްޓީސީސީން އިއްޔެ ނެރުނު ބަޔާނުގައި ބުނީ އެ މަސައްކަތްތައް ފަށާފައި ވަނީ މިދޔަ ހަފްތާގައި ކަމަށެވެ.

އެ ދެ ރަށުގެެ ތެރެއިން ކެލާގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 12.5 މިލިއަން ރުފިޔާ އަށެވެ.

ހއ. ކެލާގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ މަސައްކަތް ނިންމަން އެކުންފުންޏަށް ދީފައި ވަނީ 240 ދުވަހެވެ. އަދި އެ މަޝްރޫޢުގެ ދަށުން 264،16 ސީބީއެމްގެ ބިން ހިއްކުމާއި، 50.30 މީޓަރު ޗެނަލް ބްރޭކް ވޯޓަރ ލުމާއި އަދި 220 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. އޭގެ އިތުރުން ބަނދަރުގެ 1445 މީޓަރުގެ ސަރަހައްގެއްގައި ޕޭވްމަންޓް ހެދުން ވެސް މަޝްރޫޢު ތެރޭގައި ހިމެނެ އެވެ.

ނ. ހެނބަދޫގެ ބަނދަރު ހެދުމަށް އެމްޓީސީސީއާ ހަވާލުކުރީ 27.6 މިލިއަން ރުފިޔާ އަށެވެ.
އެ މަޝްރޫއު ހަވާލުކުރީ 300 ދުވަހުން ނިންމާ ގޮތަށެވެ. އަދި މިމަޝްރޫޢުގެ ދަށުން 12.616،44 ސީ.ބީ.އެމްގެ ބިން ހިއްކުމާއި، 223 މީޓަރު ބްރޭކް ވޯޓަރ ލުމާއި އަދި 86 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ބަނދަރުގެ 1015 މީޓަރުގެ ސަރަހައްދެއްގައި
ޕޭވްމަންޓް ހެދުން ވެސް މިމަޝްރޫޢު ގެ ތެރޭގައި ހިމެނެ އެވެ.

އެމްޓީސީސީ އިން ބުނީ އެ ދެ ރަށުގެ މަސައްކަތް ވެސް ފަށައިފައި ވަނީ އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް )އީއައިއޭ( ރިޕޯޓު ހަދައި، ނިންމަން ޖެހޭ މަރުހަލާތައް ނިންމުމަށް ފަހު ކަމަށެވެ.