ގްރޭޓާ މާލެ ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއަށް ފަންޑުކުރުމަށް އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)އިން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.

އޯއައިސީގެ ކުއްލި ބައްދަލުވުމަކަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިއްޔެ ހޮނިހިރު ދުވަހުގެ ރޭ ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވުމަށްފަހު، މިއަދު ވަނީ ޔޫއޭއީގެ އަބޫދާބީއަށް ވަޑައިގެންފައެވެ.

ފޮރިން މިނިސްޓަރު ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދު އަބޫދާބީ ފަންޑް ފޯރ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ)ގެ ޑިރެކްޓާ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއާ ބައްދަލުކުރެއްވި ކަމަށާއި، އެ ބައްދަލުވުން ވަރަށް ޕޮޒިޓިވް ކަމަށެވެ.

ދިވެހިރާއްޖެއިން ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑރ. ހުސައިން ނިޔާޒް މިއަދު ވިދާޅުވީ އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލާއި މިނިސްޓަރު ބައްދަލުކުރެއްވި ބައްދަލުކުރެއްވުމުގައި، މިނިސްޓަރު ވަނީ ސަރުކާރުން ހިންގުމަށް ރާވާފައިވާ ބައެއް މަޝްރޫއުތަކާ ބެހޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ.

އޭގެ ތެރެއިން، ގްރޭޓާ މާލޭގެ ރަށްތައް ގުޅާލުމުގެ މަޝްރޫއާއި އައްޑޫ ސިޓީގެ ތަރައްގީގެ މަޝްރޫއު ހިންގުމަށް އަބޫދާބީ ފަންޑުން ފައިސާ ހޯދުމަށް އެދިފައިވާ ކަމަށާއި، އެކަމަށް އެ ފަންޑުން ޝައުގުވެރިވާކަން ހާމަކުރިކަމަށް ސަފީރު ވިދާޅުވިއެވެ.

"އެ ދެ ޕްރޮޖެކްޓަށް އެބޭފުޅުން ވަރަށް ޕޮޒިޓިވްކޮށް ވިސްނަމުންދާ ކަމަށާއި ވަރަށް އަވަހަށް ޚަބަރު ވާނެކަމަށް ވިދާޅުވި،" ޔޫއޭއީގައި ހުންނަވާ ސަފީރު ޑރ. ނިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން އެ ފަންޑުގެ އެހީގައި ނ. މާފަރުގައި ތަރައްގީކުރަމުންދާ މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ކަންކަން ނިންމައި، އޮޕަރޭޝަންތައް ފެށުމަށްޓަކައި ރާވަމުންދާ މަސައްކަތްތަކުގެ ވާހަކަވެސް ދެބޭފުޅުން ދެއްކެވިކަމަށް ސަފީރު ވިދާޅުވިއެވެ.

ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަކީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ބްރިޖުތަކަކުން ގުޅާލުމުގެ މަޝްރޫއެކެވެ. ހަތަރު ރަށް ބްރިޖުން ގުޅާލުމުގެ މަޝްރޫއު، ޖޫން މަހު އޮތް މޯލްޑިވްސް ޕާޓްނަޝިޕް ފޯރަމަށް ސަރުކާރުން ހުށަހެޅިއެވެ. މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 7.6 ބިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ބެލެވޭ މި މަޝްރޫއުގެ އަމަލީ މަސައްކަތް 2020 ގެ ފެބްރުއަރީ މަހުގައި ފަށާނެ ކަމަށް ވިދާޅުވެފައެވެ.

އެ މަޝްރޫއު ހިންގާ އިރު، މާލޭގެ ވިޔަފާރި ބަނދަރު ގުޅީފަޅަށް ބަދަލުކުރުމަށްވެސް ސަރުކާރުން އޮތީ ނިންމާފައެވެ. އެ މަސައްކަތުގެ ކޮންސަލްޓަންސީ ހެދުމަށް ޑެންމާކާއި ނެދަލެންޑްސްގެ ދެ ކުންފުންޏެއްގެ މެދުގައި ހަދާފައި އޮތް ޖޮއިންޓް ވެންޗާއަކަށް، އެއް މިލިއަން ޑޮލަރަށެވެ.

މީގެ އިތުރުން ޕާޓްނަޝިޕް ފޯރަމަށް ސަރުކާރުން އައްޑޫ ސިޓީގެ ތަރައްގީއަށް 6.3 ބިލިއަން ރުފިޔާގެ މަޝްރޫއެއްވެސް ހުށަހެޅިއެވެ.