16 Sep 2019, 20:33
މޯލްޑިވް ގޭސްއިން މިހާރުވެސް ވިއްކަމުންދާ ލުއި ފުޅީގެ އާ ދެ ޕެކޭޖެއް ތައާރަފުކޮށްފިއެވެ.
އެ ޕެކޭޖްތައް ތައާރަފްކޮށްފައިވަނީ އެސްޓީއޯގެ ޓްރޭޑް ސެންޓަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.
މޯލްޑިވްސް ގޭސްއިން ބުނީ މިއީ އެކުންފުނީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ކަސްޓަމަރުންނަށް ޓޯޓަލް ސޮލިއުޝަނެއް ހޯދައިދިނުމުގެ ގޮތުން ތައާރަފުކުރި ޕެކޭޖުތަކެއް ކަމަށެވެ.
މިއީ އެ ކުންފުނިން ޕެކޭޖެއް ތައާރަފްކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ސިލިންޑާ ރެޖިސްޓްރޭޝަނާއި އެހެނިހެން ހިދުމަތްތައް ދެމުން ދިޔައީ ވަކި ވަކި އަގުތަކެއްގެ ގޮތުގައެވެ.
އެގޮތުން މިއަދު އެ ކުންފުނިން ތައާރަފުކުރި ޕެކޭޖުތަކުގެ ތެރޭގައި ލުއި ބޭސިކް އަދި ލުއި ސްޓޭންޑާޑް ހިމެނެއެވެ. އެ ދެ ޕެކޭޖްގެ ދަށުން ގޭސް ފުޅި ހިލޭ ގުޅައިދޭނެކަމަށްވެސް މޯލްޑިވް ގޭސްއިން ބުންޏެވެ.
ލުއި ބޭސިކްގައި 10 ކިލޯގެ ގޭސް ފުޅިއަކާއި ފަސް ފޫޓުގެ ހޮޅިއެއްގެ އިތުރުން ދެ ކްލިޕާއި ސިލިންޑާ ރަޖިސްޓްރޭޝަން ހިމެނެއެވެ. އެ ޕެެކޭގް އަގަކީ 1250 ރުފިޔާއެވެ.
ލުއި ސްޓޭންޑާ ޕެކޭޖްގައި، ލުއި ބޭސިކްގައި ހިމެނޭ ހުރިހާ ފީޗާތަކާއެކު ލޮކް ކުރެވޭ ސޭފްޓީ ރެގިއުލޭޓަރެއްވެސް ވަނީ ހިމަނައިފައެވެ. އެ ޕެކޭޖްގެ އަގަކީ 1435 ރުފިޔާއެވެ.
ލުއި ފުޅިއަކީ ހިފައިގެންގުޅެން ލުއި އަދި ބޭނުންކުރުމަށް ސަލާމަތީ ގޮތުން އެންމެ ރަނގަޅު ގޭސްފުޅި އެވެ. ލުއި ފުޅި ގޭހަކީ އޭގެ ސަލާމަތީ އެތައް ޓެސްޓެއް ހެދިފައިވާ ކިތަންމެ ހޫނު ވިޔަސް ގޮވައިގެން ނުދާ އަދި ބޭރުގައި ދަބަރު ވެސް ނުޖަހާނެ ފަދަ ގޮތަކަށް ތާއްޔާރު ކުރެވިފައިވާ ފުޅިއެކެވެ.