10 Nov 2011, 15:26
އިޓަލީގެ ބޮޑުވަޒީރު ކަމުން ސިލްވިއޯ ބެރްލަސްކޯނީ އިސްތިއުފާ ދެއްވުން ކުރިން ހަމަޖެހިފައިވާ ވަރަށް ވުރެ އަވަސްވާނެ ކަމަށާއި އިޓަލީގައި ވަރަށް އަވަހަށް އައު ސަރުކާރެއް އެކުލަވާލާނެ ކަމަށް އެ ގައުމުގެ ރައީސް ޖިއޯޖިއޯ ނަޕޮލިޓާނޯ ވިދާޅުވެއްޖެ އެވެ.
އިގުތިސާދީ ހަމަޖެހުމާ ބެހޭ ގާނޫނު ފާސްކުރުމާ ގުޅިގެން ބެރްލަސްކޯނީ ނިންމަވާފައިވާ ނިންމެވުމާ އެއްގޮތަށް މަދު ދުވަސްކޮޅެއްގެ ތެރޭގައި އޭނާ އިސްތިއުފާ ދެއްވާނެ ކަމަށާއި އިޓަލީ ]ސިޔާސީ ގޮތުން[ ހުއްޓުން އަރާފައި ގިނަ ދުވަސްތަކެއް ވަންދެން އޮވެދާނެ ކަމުގެ ބިރެއް ނެތް ކަމަށް ނަޕޮލިޓާނޯ މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވެ އެވެ.
ބެރްލަސްކޯނީގެ ކޯލިޝަން ސަރުކާރަށް އިޓަލީގެ ޕާލަމެންޓްގެ މެޖޯރިޓީ ގެއްލުމާ ގުޅިގެން އޭނާ ވިދާޅުވެފައި ވަނީ ގައުމަށް ރަނގަޅު ގޮތެއް ވުމަށްޓަކައި އޭނާ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.
ބެރްލަސްކޯނީއަކީ އިޓަލީގެ ސިޔާސީ މައިދާނުގައި އެންމެ ނުފޫޒު ގަދަ އެއް ބޭފުޅާ ކަމަށް ވާތީ ވެރިކަން ކުރާ ކޯލިޝަން އަށް ޕާލަމެންޓްގެ މެޖޯރިޓީ ގެއްލުނަސް އޭނާ އިސްތިއުފާ ދެއްވަފާނެ ކަމަށް އެގައުމުގެ ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ. އޭނާ ވަނީ އެއް ފަހަރު އިތުބާރު ނެތް ކަމުގެ ވޯޓަކުން ސަލާމަތް ވެވަޑައިގެންފަ އެވެ.
އިޓަލީގެ ސަރުކާރަށް އިތުބާރު ގެއްލިފައި ވަނީ މިހާރު އެގައުމަށް ކުރިމަތިވެފައިވާ އިގުތިސާދީ ހީނަރުކަމުގެ ސަބަބުންނެވެ. ( އަލްޖަޒީރާ)