އަލްޝާލީ މެރިން އިން ކޯސްޓް ކްރާފްޓް 38 ޕްލަސްގެ ލޯންޗު ރާއްޖެއަށް ތައާރަފުކޮށްފި އެވެ.

އެކުންފުނިން އަލަށް ބަން އެ މަރުކާގެ ފުރަތަމަ ލޯންޗު މިއަދު ނޫސްވެރިންނަށް ދައްކާލި އިރު މިއީ އުތުރު ރަށެއްގެ އަމިއްލަ ބަޔަކަށް ބަނދެފައިވާ ލޯންޗެކެވެ. ތިރީސް ނުވަ ފޫޓުގެ ލޯންޗުގައި 31 މީހުންގެ ޖާގަ އޮވެ އެވެ.

އަލްޝާލީ އިން ބުނީ ކޯސްޓް ކްރާފްޓް 38 ޕްލަސްގެ އެ ލޯންޗަކީ މި އަހަރުގެ ބޯޓު ޝޯއަށް އެކުންފުނިން ފަރުމާކުރި ލޯންޗެއް ކަމަށެވެ. ނަމަވެސް ބޯޓް ޝޯ ލަސްވުމުން ކަސްޓަމަރަށް ޕްރޮޑަކްޓު ހަވާލުކޮށްފައިވާ ކަމަށެވެ.

ކޯސްޓް ކްރާފްޓް 38 ޕްލަސް ލޯންޗާ ގުޅޭ ގޮތުން އަލްޝާލީގެ އޮޕަރޭޝަންސް މެނޭޖަރު އިސްމާއިލް ޝަރީފް މިއަދު ވިދާޅުވީ މި ލޯންޗަކީ އުމުރު ދިގު، ވަރުގަދަ ލޯންޗަކަށް ވާނެ ކަމަށެވެ.

"ފެންއެޅިގެން ހަލާކުވާނެ މެޓީރިއަލްއެއް ލޯންޗުގެ ހަލްގައި ނުހުންނާނެ،" ޝަރީފް ވިދާޅުވި އެވެ.

"މިހާރަކަށް އައިސް އެންމެ މުހިއްމު ކަމަކީ، ސްޕީޑު ކަންނޭނގެ. އެކަމަކު އަސްލު ހަގީގަތަކީ ސޭފްޓީ މީގައި ބޮޑަށް ބަލަން ޖެހޭނީ. ސޭފްޓީ އަށް ބަލާ އިރު ސްޓެބިލިޓީ ރަނގަޅުވި ވަރަކަށް ފަސިންޖަރުންނަށް ރައްކާތެރިވާނެ،" ޝަރީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިމަހުން ފެށިގެން އަލްޝާލީގެ ކޮންމެ އާ އުފެއްދުމަކަށް 18 މަހުގެ ޑިފެކްޓްސް ވޮރަންޓީ ދޭނެ ކަމަށެވެ. އެއާ އެކު އުޅަނދު ބާލާތާ 18 މަސްވަންދެން އުޅަނދަށް މައްސަލައެއް ދިމާވެއްޖެ ނަމަ އެ ކުންފުނިން އެކަން ހައްލުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލްޝާލީ އިން އުފައްދާ އުޅަނދުތަކާ އެކު އުޅަނދުގެ ޑާޓާ ޝީޓު ވެސް ހަވާލު ކުރާނެ ކަމަށާއި އެ ޝީޓުގައި އުޅަނދާ ބެހޭ ހުރިހާ މައުލޫމާތެއް ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ލޯންޗަކީ އަލްޝާލީއިން ފަރުމާކޮށްގެން ރާއްޖޭގެ މާކެޓަށް ތައްޔާރުކުރި ލޯންޗެއް،"

ޝަރީފް ވިދާޅުވީ މީގެ ދުވަސްކޮޅެއް ކުރިން 47 ފޫޓުގެ ލޯންޗެއް ވެސް ކަސްޓަމަރަށް ޑެލިވަރީކޮށްދީފައިވާނެ ކަމަށެވެ.

"މާކެޓަށް ބޭނުންވާ އެންމެހާ ފަންތީގެ ކްރާފްޓުތައް ޑެލިވާކުރަމުން މިދަނީ،" ޝަރީފް ވިދާޅުވި އެވެ.

މިއަދު ދައްކާލި ލޯންޗަކީ އާންމުކޮށް ރާއްޖޭގައި ބޭނުންކުރާ ލޯންޗުތަކާ އަޅާބަލާ އިރު ތަފާތު ޑިޒައިންއެއްގެ ލޯންޗެކެވެ. ކުރިމަތީ ހުންނަ ބިއްލޫރިތައް ކާވްކޮށް ހުންނަ އިރު މިއީ ފިނިޝިން ރީތި އުޅަނދެކެވެ.

ޝަރީފް ވިދާޅުވީ އަލްޝާލީ އިން ޓޫރިސްޓު އަދި ލޯކަލް މާކެޓަށް ވެސް ލޯންޗު އުފައްދާ ޑެލިވަރީ ކުރަމުންދާ ކަމަށެވެ.